Advertisement

އެމެރިކާއިން ހަމަލާދީ ހޫތީންގެ ތިން ބޯޓެއް ރަތް ކަނޑަށް ފައްތާލައިފި

1 ޖަނަވަރީ 2024 - 21:14 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެމެރިކާއިން ހަމަލާދީ ހޫތީންގެ ތިން ބޯޓެއް ރަތް ކަނޑަށް ފައްތާލައިފި

1 ޖަނަވަރީ 2024 - 21:14 0

ރަތް ކަނޑުން ދަތުރު ކުރަމުންދިޔަ މެއާސްކު ކުންފުނީގެ ކޮންޓޭނަރު އުފުލާ ބޯޓަކަށް ހަމަލާ ދޭން އުޅުނު ހޫތީންގެ ތިން ބޯޓެއް ފައްތާލާފައި ވާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ހޫތީންގެ ބޯޓުތައް ފައްތާލާފައި ވަނީ ރަތް ކަނޑުގެ އަމަން ބެލެހެއްޓުމުގެ ނަމުގައި ހަރަކާތްތެެރިވަމުންދާ އެމެރިކާގެ ޔޫއެސްއެސް އެއިސެންހޯވާ އާއި ޔޫއެސްއެސް ގްރޭވްލީގެ ހެލިކަޕްޓަރުތަކުން ހަމަލާދީގެންނެވެ. އެ ހަމަލާގައި އެ ތިން ބޯޓުގައި ތިބި ހޫތީ ސިފައިންގެ ތެރެއިން ގިނަ މީހުން މަރާލާފައި ވާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑު (ސެންޓްކޮމް) އިން ބުންޏެވެ.

ސެންޓްކޮމް އިން ބުނީ ހޫތީންގެ ބޯޓުތައް އެމެރިކާއިން ފައްތާލީ ސިންގަޕޫރަށް ނިސްބަތްވާ މެއާސްކު ހާންގްޒޫ ނަމަކަށް ކިޔާ ބޯޓަށް ހޫތީންގެ ބޯޓުތަކުން ހަމަލާދޭ ކަމަށް ބުނެ މެއާސްކް ހާންގްޒޫއިން އެހީގެ ސިގުނަލް ފޮނުވަން ފެށުމުން ކަމަށެވެ.

އެކްސްގައި ސެންޓްކޮމް އިން ކުރި ޕޯސްޓެއްގައި ބުނީ ހޫތީންގެ ބޯޓުތަކުން މެއާސްކް ހާންގްޒޫއާ 20 މީޓަރަށްވުރެ ކައިރިއަށް ޖެހި ހަމަލާދިން ކަމަށާއި އެ ބޯޓަށް އެރުމަށް ވެސް ހޫތީން މަސައްކަތް ކުރި ކަމަށެވެ. އަދި އެމެރިކާގެ ހެލިކަޕްޓަރުތަކުން ހޫތީންގެ ބޯޓުތަކަށް ހަމަލާދޭން ފެށުމުން ރައްދު ހަމަލާ ހެލިކަޕްޓަރުތަކަށް ވެސް އަމާޒު ކުރި ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

މިއީ މެއާސްކް ހާންގްޒޫއަށް އަމާޒުކޮށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ހޫތީން ދިން ދެވަނަ ހަމަލާ އެވެ. އެ ބޯޓަށް އަމާޒުކޮށް ރޭގައި ވެސް ހޫތީން ވަނީ ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފަ އެވެ. ނަމަވެސް އެމެރިކާ މަނަވަރުތަކުން ވަނީ އެ ބެލިސްޓިކް މިސައިލްތައް ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން، ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ހިންގަމުން އަންނަ ހޫތީން މިހައިތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ހޫތީން ހަމަލާދޭން ފެށީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލުއާއްމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހޫތީން ބުނެފައި ވަނީ ހަނގުރާމަ ހުއްޓައި ނުލާހައި ދުވަހަކު އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އެއްވެސް ބޯޓަކަށް ރަތް ކަނޑުގައި އަމާންކަމެއް ނޯންނާނެ ކަމަށެވެ.

އެހެން ބުނެ އިންޒާރު ދިނުމަށްފަހު ހޫތީން ގެންދަނީ އެ ސަރަހައްދުން ދަތުރު ކުރާ ބޯޓުފަހަރަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ރަތް ކަނޑު ހުރަސްކޮށް އުޅަނދުފަހަރަށް ދަތުރު ކުރުން ވަނީ ދަތި ކަމަކަށްވެފަ އެވެ.

ހޫތީންގެ ހަމަލާތަކުން އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ހިމާޔަތް ހޯދައިދިނުމުގެ ނަމުގައި އެމެރިކާ އިސްވެ އުފައްދާފައިވާ ލަޝްކަރަކުން ގެންދަނީ ރަތް ކަނޑުގައި ފޯރި މަރަމުންނެވެ. ނަމަވެސް މިހައިތަނަށް ހޫތީންގެ ހަމަލާތައް އެއްކޮށް ހުއްޓުވުމުގައި އެ ލަޝްކަރު ވަނީ ނާކާމިޔާބު ވެފަ އެވެ.