20 ޑިސެންބަރު 2023 - 05:53 1
މުހައްމަދު ޝަހްޒާން
20 ޑިސެންބަރު 2023 - 05:53 1
ހޫތީން ދޭ ހަމަލާތަކުން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް 10 ގައުމުގެ ބައިވެރިވުން އޮންނަ ލަޝްކަރެއް އެކުލަވާލައިފައި ވާކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއީޑް އޮސްޓިން ވިދާޅުވީ އެ ލަޝްކަރުގައި ބަހުރެއިންއާއި ކެނެޑާއާއި ފަރަންސޭސިވިލާތުގެ އިތުރުން އިޓަލީއާއި ސީޝެލްސް އަދި އިނގިރޭސިވިލާތުގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
"ދަތުރުފަތުރު ކުރުމުގެ އަސާސީ މިނިވަންކަން ކަށަވަރު ކުރުމުގެ ވިސްނުން ގެންގުޅޭ ހުރިހާ ގައުމަކުން ދައުލަތެއްގެ ހައިސިއްޔަތެއް ނެތް (ހޫތީންގެ) އަމަލުތަކާ ދެކޮޅަށް ތެދުވަންޖެހޭ،" އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ ނަމުގައި ނެރުނު ރަސްމީ ސްޓޭޓްމަންޓެއްގައި އޮސްޓިން ވިދާޅުވެފައިވެ އެވެ.
ރަތް ކަނޑުގައި އަމަން ބަލަހައްޓާނެ ލަޝްކަރެއް އެކުލަވާލުމުގެ ވާހަކަ އެމެރިކާއިން ދައްކާފައި މިވަނީ މިދިޔަ ހަފުތާ ބަންދު ތެރޭގައި އެކަނިވެސް އެމެރިކާއާއި އިނގިރޭސިވިލާތުގެ މަނަވަރުތަކުން ހޫތީންގެ 15 ޑްރޯން ރަތް ކަނޑަށް ވައްޓާލައިފައި ވާކަމަށް ރިޕޯޓުތައް ބުނެފައި ވަނިކޮށެވެ.
ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރާ ހޫތީން ހަމަލާ ދޭން ފެށީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާއްމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
އެ ޖަމާއަތުގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޝިޕިން ކުންފުނިން ވަނީ ރަތް ކަނޑުން ދަތުރު ކުރުން ވަގުތީގޮތުން ހުއްޓާލައިފަ އެވެ. އޭގެތެރޭގައި އެމްއެމްސީއާއި މެއާސްކު ކުންފުނި ހިމެނެ އެވެ.
ޔަމަނާއި ޖިބޫޓީއާ ދެމެދު އޮންނަ ބާބުލް މަންދިބްއިން ރަތް ކަނޑަށް ވަންނަ އުޅަނދުތަކަށް ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެމެރިކާއާއި އިޒްރޭލުން ވަނީ މީގެ ކުރިން ވެސް ވާހަކަދައްކައިފަ އެވެ. އެ ވާހަކަތަކަށް ރައްދުދީ ހޫތީންގެ އަންސާރުﷲ ޕޮލިޓިކަލް ބިއުރޯއިން ބުނެފައި ވަނީ ހޫތީން ތިބީ އެމެރިކާ ހިމެނޭ ކޯލިޝަނަކުން ދޭ ހަމަލާއަކާ ކުރިމަތިލުމަށް ތައްޔާރަށް ކަމަށާއި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމުތައް ހުއްޓައި ނުލަނީސް ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާ ގުޅުން އޮންނަ އެއްވެސް އުޅަނދަކަށް އަމާން ކަމެއް ނޯންނާނެ ކަމަށެވެ.
Comment