Advertisement

އެންމެން އެކުގައި މަސައްކަތްކޮށްގެން ނޫނީ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ނުކުރެވޭނެ: މޯހަން

20 ޑިސެންބަރު 2023 - 09:14 1

އަތޫފް އާތިފް

އަތޫފް އާތިފް

ކުލަބް އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން).--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެންމެން އެކުގައި މަސައްކަތްކޮށްގެން ނޫނީ ފުޓުބޯޅައިގެ ހާލަތު ރަނގަޅު ނުކުރެވޭނެ: މޯހަން

20 ޑިސެންބަރު 2023 - 09:14 1

ދިވެހި ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރަން ކުރަން ޖެހޭ މަސައްކަތް މިވަނީ ދެގުނަ ވެފައި ކަމަށާއި ފުޓުބޯޅައިގެ ހާލަތު ރަނގަޅު ކުރެވޭނީ ރަނގަޅު ޕްލޭނަކާ އެކު އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފަހު މެޗުގައި މާޒިޔާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ އީގަލްސް އިން ލީގު ނިންމާލީ ތާވަލުގެ ދެ ވަނައިގައި އޮވެ އެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މޯހަން ބުނީ، ނުވަދިހައިގެ ފަހުކޮޅާއި 2000 ކުރީކޮޅު ދިވެހި ފުޓުބޯޅަ އޮތް ހަމައަށް ގެންދިޔުމަށް ކުރަންހުރި މަސައްކަތް ދެގުނަވެފައިވާ ކަމަށެވެ.

ފުޓުބޯޅައިގައި ހާލަތު އެންމެނަށް ވެސް އެނގޭ ކަމަށާއި، ފުޓުބޯޅައިގެ ހާލަތު ބަދަލުކުރުމަށް ކުރަން ހުރި މަސައްކަތަކީ ޗެލެންޖިން މަސައްކަތްތަކެއް ކަމަށް މޯހަން ބުންޏެވެ.

ފުޓުބޯޅައިގެ ހާލަތު 90 ގައި ނޫނީ 2000 ގެ ކުރީކޮޅު އޮތް ހާލަތައް ގެންދިޔުމަށް ކުރަން ހުރި މަސައްކަތަކީ ވަރަށް ޗެލެންޖިން މަސައްކަތެކޭ އަޅުގަނޑު ދަންނަވާނީ - މޯހަން

މޯހަން ބުނީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ހަމައެކަނި އެފްއޭއެމް އަށް ބަދަލުތަކެއް އައިސްގެން ވެސް ބޭނުންވާ މަގުސަދު ހާސިލްކުރަން އުނދަގޫވާނެ ކަމަށެވެ. އޭގެ ބަދަލުގައި ވަރަށް ފުޅާކޮށް ވިސްނައިގެން ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ފުޓުބޯޅަ ފެމެލީ، ސަރުކާރުތެރެއިން މިނިސްޓްރީ ތެރެއިން އެންމެ މަތީ ލެވަލުން ފެށިގެން ޕްލޭނެއް ހެދިގެން ނޫނީއަކާ އެ ޕްލޭނަކަށް އެންމެން އެކައްޗެއް ކިޔައިގެން އެދިމާލަކަށް މަސައްކަތްކޮށްގެން ނޫނީއަކާ އަޅުގަނޑު ނުދަންނަވާނަން ފުޓުބޯޅަ ކުރިއަށް ދިޔުމުގެ އެއްވެސް ފުުރުސަތެއް އޮތެކޭއެއް،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރި މޯހަން ބުންޏެވެ.

މޯހަން މިހެން ބުނިއިރު، މި އަހަރުގެ ޕްރިމިއާ ލީގު ނިންމާލިއިރު، ދެ ކުލަބުން (ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް) ވަނީ މާލީ ހާލަތުތަން ނުދޭ ކަމަށް ބުނެ މި ސީޒަނުގެ ވަކި ހިސާބަކުން ލީގުގައި ބާކީ ހުރި މެޗުތައް ނުކުޅެވޭނެ ކަމަށްބުނެ ވަކިވެފަ އެވެ.

މިހާރުގެ ހާލަތަައް ބަލާއިރު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އޮތީ މާލީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރޭގަ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭގޮތަށް އެ ތަނުގެ ވެރިންގެ މައްޗައް ކުރެވޭ ތުހުމަތުގެ ޖިނާއީ ތަހުގީގެއް ކުރިއަށްދާއިރު، މިހާރު އޮތީ ކޯޓަށް ފޮނުވުމާ ގާތުގަ އެވެ.

އަންނަ މަހު 31 ވަނަ ދުވަހު އިންތިހާބެއް ބާއްވަން އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ.