16 ފެބުރުވަރީ 2026 - 18:35 0
އޮޑި ސްޕޯޓްސް ކްލަބުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
16 ފެބުރުވަރީ 2026 - 18:35 0
ފަހަތުން އަރައި 4-2 އިން ކްލަބް އީގަލްސް ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގައި ހޯދި ފުރަތަމަ މޮޅާ އެކު، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ، މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި އޮޑިން ޕްރެޒިޑެންޓްސް ކަޕެއްގައި ހޯދި ފުރަތަމަ މޮޅެވެ.
ތިން ޓީމުގެ ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖަށް އީގަލްސް ކޮލިފައިވީ ޕްލޭއޮފްގައި 6-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އީގަލްސް ވާދަކުރި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އޮޑި އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ނިއު އަތުން އީގަލްސް ވަނީ 2-1 އިން ބަލިވެފަ އެވެ. އެހެންކަމުން، މިއަދު އޮޑި އަތުން މޮޅުވެގެން ނޫން ގޮތަކަށް އީގަލްސް އަށް ސެމީ ފައިނަލަށް ދެވެން ނެތެވެ.
މި ގްރޫޕުން އޮޑިން އެއް ވަަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. ދެ ވަނަ އަށް ދިޔަ ނިއު އަށް ވެސް ހަތަރު ޕޮޮއިންޓް ލިބުނުއިރު، އީގަލްސް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި، އީގަލްސް އިން ވަނީ ލީޑުނަގައިފަ އެވެ. މިއީ، ފޭދޫ އިއްބެ ދިން ބޯޅައަކުން އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އިސްމާއިލް އީސަ (މެސީ) ޖެހި ގޯލެކެވެ. އޭގެ ކުރިން، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އޭރިއާބޭރުން ޖެހި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީދަނޑިއަށް އަމާޒުވެފަ އެވެ.
ފުރަތަމަ ހާފުގައި އޮޑިން އެއްވަރުކުރެވޭތޯ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ.
މެޗުގެ 59 ވަނަ މިނިޓްގައި އޮޑި އަށް އެއްވަރުކޮށްދިނީ އޭރިއާބޭރުން އަހުޒަމް ރަޝީދު (އަހު) ފޮނުވާލި ގޯލަކުންނެވެ. އޭރިއާ ރޮނގުކައިިރިން އަހު ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު ވަނީ މަތަކޮށްފަ އެވެ. އަދި، އޭގެ 11 މިނިޓް ފަހުން، އީގަލްސް އޭރިއާތެރެއިން ކޮންްްރޯލް ކޮށްފައި، އަހު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
އީގަލްސް އިން ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، އޮޑިން ކުރިއަށް ޖެހި، ލިބުނު ފުރުސަތެއްގައި މެޗުގެ 87 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖެހި އެވެ. މިއީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ހަނި އޭންގަލުން ގޯލުގެ މަތީ ދާގަނޑަށް ވައްދާލައިގެން، އޮޑީގެ އަހުމަދު އައިހަމް (އައިހު) ޖެހި ގޯލެކެވެ.
އޭގެ މިނިޓެއް ފަހުން އަހު ދިން ބޯޅައަކުން އަޔާޒް އަހުމަދު (އަޔާ) ވަނީ އޭރިއާތެރެއިން އޮޑީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަޔާ މި ލަނޑު ޖެހީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި، އީގަލްސް އިން އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ފޭދޫ އިއްބެ އޭރިއާ ރޮނގުކައިރިން ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އީގަލްސްގެ ދެ ވަނަ ގޯލު ޖެހި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment