Advertisement

ޕްރެޒިޑެންޓްސް ކަޕްގައި ކުރިއަށްދާން އީގަލްސް އަށް އޮޑި ބަލިކުރުން ނޫން ގޮތެއް ނެތް

16 ފެބުރުވަރީ 2026 - 07:37 0

އީގަލްސްގެ މެޗެއްގެ ތެރެއިން ބެންޖޯ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް


ޕްރެޒިޑެންޓްސް ކަޕްގައި ކުރިއަށްދާން އީގަލްސް އަށް އޮޑި ބަލިކުރުން ނޫން ގޮތެއް ނެތް

16 ފެބުރުވަރީ 2026 - 07:37 0

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނަަމަ ކްލަބް އީގަލްސް އަށް އޮތީ އޮޑި ސްޕޯޓްސް ކްލަބް ބަލިކުރުން ކަމަށާއި އެކަން ކުރެވޭނެ ކަމުގެ އުންމީދުކަނޑައެއްނުލާ ކަމަށް އީގަލްސްގެ ކޯޗުގެ ޒިންމާ ނަގަމުން އަންނަ އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ.

ތިން ޓީމުގެ ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖަށް އީގަލްސް ކޮލިފައިވީ ޕްލޭއޮފްގައި 6-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އީގަލްސް ވާދަކުރި ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އޮޑި އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ނިއު އަތުން އީގަލްސް ވަނީ 2-1 އިން ބަލިވެފަ އެވެ. އެހެންކަމުން، އީގަލްސް އާއި އޮޑި ކުޅޭ މެޗުން މޮޅުވާން އީގަލްސް އަށް މަޖުބޫރެވެ.

"އުންމީދު ކަނޑައެއް ނުލާނެ، އަނެއްހެން މޮޅަކަށްދާނީ، ކޮންމެ ގޮތެއް ވިޔަސް މޮޅެއް ވެގެން ދެން ތުރޫ ވެވޭނީ، ހަމަ އީގަލްސް ނުކުންނާނީ އަނެއް މެޗު ނަގަން،" ނިއު މެޗަށް ފަހު ބެންޖޯ ބުންޏެވެ.

ދެ ދުވަހުގެ ބްރޭކަކަށް ފަހު، ޖެހިޖެހިގެން ދެ މެޗު ހަވީރު ވަގުތުގައި ކުޅެން ޖެހުމަކީ، ޒުވާން ކުޅުންތެރިން ލައިގެން ކުޅޭ އީގަލްސް ކަހަލަ ޓީމަކަށް ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށް ބެންޖޯ ވަނީ ބުނެފަ އެވެ. އަދި، އޮޑިން އީގަލްސްއާ ދެކޮޅަށް ކުޅޭނީ ވަރަށް ރަނގަޅަށް ރިކަވާވެގެން ކަމަށްވާއިރު، އެއީ އެ މެޗުގެ ނަތީޖާ އަށް އަސަރުކުރުމުގައި ބޮޑު ހިއްސާއެއްވާނެ ކަމެއް ކަމަށް ބެންޖޯ ފާހަގަކުރި އެވެ.

"ވަރަށް ބޮޑު ފެކްޓާއެއް ޔަންގް ކުޅުންތެރިން ގިނަ ސްކޮޑެއްގައި ވަރަށް އުނދަގޫ ކަމެއް. ރާވާފައި އިންއިރު އަޅުގަނޑުމެންނަަށް މި އިނީ ދެ ދުވަސް ވެސް ހަވީރު މިސާލަކަށް ދެ ދުވަސް ފަހުން ކުޅޭއިރު ރޭގަނޑަށް މެޗު ލީނަމަ ވެސް ތަންކޮޅެއް ރަނގަޅުވީސް ކަންނޭނގެ ރޭގަނޑު ކުޅުމާއި އަވީގައި ކުޅުމާ އެ ތަފާތު ވެސް އަންނާނެ. އެކަމަކު އެ ގޮތަކަށް ނެތް ބެލިފަކައެއް ނުބަލަނީ އެއް ނޫން ބެލިފައެއް ނެތް، ރަނގަޅަށް ބެލިނަމަ އެކަންކަން ރަނގަޅުކުރެވޭނެ،" ބެންޖޯ ބުންޏެވެ.

ނިއު އަތުން އީގަލްސް ބަލިވުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނު އެއް ކަމަކީ، ރަނގަޅު ބޮޑު ސްކޮޑެއް ނިއުގައި އޮތުން ކަމަށް ބެންޖޯ ވަނީ ބުނެފަ އެވެ. އަދި، އީގަލްސް ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރިއިރު، މުހިންމު ކުޅުންތެރިއެއް ކަމަށްވާ، ޒައިން ޒަފަރު އަނިޔާއާ ހެދި އެ މެޗުގައި ނެތުމަކީ ވެސް ގެއްލުމެއްގެ ގޮތުގައި ނިއު މެޗަށް ފަހު، ބެންޖޯ ފާހަގަކުރި އެވެ.

މި ސީޒަނުގައި އީގަލްސް އިން ވަނީ އޮޑި އަތުން މޮޅެއް ހޯދާފައި ކަމަށްވާއިރު، އަނެއްކާ ވެސް އެކަން ކުރެވިދާނެ ކަމަށް ބެންޖޯ ދެކެ އެވެ.

"އީގަލްސް ވެސް ރަނގަޅަށް ކުޅެވިއްޖިއްޔާ، އީގަލްސް އަށް ކުރެވިދާނެ ކަމެއް، މި ސީޒަނުގައި އޮޑިއާ އެކު އެކަން ކުރެވިފައި ވެސް އެބައިން. އެ ޑިސިޕްލިންގައި އީގަލްސް އަށް ނުކުމެވިއްޖިއްޔާ ނުވާވަރުގެ ކަމެއް ނޫން،" ބެންޖޯ ބުންޏެވެ.

އީގަލްސް އާއި އޮޑިން ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 16:00 ގަ އެވެ.