19 ޑިސެންބަރު 2023 - 06:08 0
މުހައްމަދު ޝަހްޒާން
19 ޑިސެންބަރު 2023 - 06:08 0
މިސްރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ މިހާރުގެ ރައީސް، އަބްދުލް ފައްތާހުއް ސީސީ ވެރިކަމުގެ ތިންވަނަ ދައުރު ކަށަވަރު ކުރައްވައިފި އެވެ.
މިމަހުގެ 10 އިން 12 އަށް މިސްރުގައި އޮތް ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސީސީއަށް ވަނީ 39 މިލިއަން ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ 89.6 ޕަސެންޓެވެ.
ޖުމުލަ ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއްވި އިންތިހާބުގައި ދެވަނަ ހޯއްދެވި މިސްރުގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓު ހާޒިމް އުމަރުއަށް ލިބިވަޑައިގެންނެވީ 4.5 ޕަސެންޓު ވޯޓެވެ. ތިންވަނަ އިޖިޕްޝަން ސޯޝަލް ޑިމޮކްރެޓިކް ޕާޓިގެ ކެންޑިޑޭޓު ފަރީދް ޒަހްރާންއަށް ލިބިވަޑައިގެންނެވިއިރު، އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ ދަ ވަފްދުގެ ކެންޑިޑޭޓު އަބްދުލް ސަނަދް ޔަމާމާއަށެވެ.
މި އިންތިހާބުގައި މިސްރުގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީން ވާދަ ކޮށްފައެއް ނުވެ އެވެ. އެޕާޓީގެ ކެންޑިޑޭޓުގެ ނަން އަނބުރާ ގެންދިޔައީ ކެމްޕޭނު ކުރެވޭނެ މިނިވަން މާހައުލެއް ގާއިމު ކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ.
މިސްރުގެ ނެޝަނަލް އިލެކްޝަންސް އޮތޯރިޓީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިސްރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ ޖުމުލަ އާބާދީގެ 66.8 ޕަސެންޓު މީހުން ވޯޓު ލާފައިވެ އެވެ.
މިސްރުގައި ރިޔާސީ އިންތިހާބު ބާއްވާފައި މިވަނީ މިއީ އިންތިހާބެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރު ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނިކޮށެވެ. ސަބަބެއްގެ ގޮތުގައި އެމީހުން ފާހަގަ ކޮށްފައި ވަނީ މިސްރުގެ އިގުތިސާދީ ހާލަތު އޮތް ދަތި ހާލަތާއި އެގައުމާ އިންވެގެން އޮތް ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ އެވެ.
މިސްރުގެ ވެރިކަމަށް ސީސީ ވަޑައިގެންނެވީ މިސްރުގެ ވެރިކަމުގައި ކުރިން ހުންނެވި، މުހައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމަށްފަހު 2013 ވަނަ އަހަރު އެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ އިންތިހާބު ސީސީ ކާމިޔާބު ކުރެއްވީ 97 ޕަސެންޓު ވޯޓުންނެވެ.
ސީސީގެ ވެރިކަމުގައި ސިޔާސީ ހައްޔަރީންގެ ގޮތުގައި އެތައް ހާސް މީހުން ވަނީ ޖަލުތަކުގައި ބަންދު ކޮށްފަ އެވެ. ނަމަވެސް ސީސީއަށް ތާއީދު ކުރާ ފަރާތްތަކުން އޭނާ ސިފަ ކުރަނީ 2011 ވަނަ އަހަރު އެގައުމުގެ ރައީސް ކަމުގައި ހުންނެވި ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމުން އުފެދުނު ހަލަބޮލި ކަމަށް ހަމަޖެހުމެއް ގެނެސްދެއްވި ލީޑަރުގެ ގޮތުގަ އެވެ.
Comment