Advertisement

އައްޑޫ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ ކުންފުންޏާއެކު ސޮއި ކޮށްފައި އޮއްވާ އަނެއްކާ ޗައިނާ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފި

26 އޮކްޓޯބަރު 2025 - 18:58 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ބްރިޖު ސާވޭ ހަދަން ޗައިނާ ކުންފުންޏަކާ ހަވާލުކުރުން: އެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރީ މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފައި އޮއްވާ -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


އައްޑޫ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ ކުންފުންޏާއެކު ސޮއި ކޮށްފައި އޮއްވާ އަނެއްކާ ޗައިނާ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފި

26 އޮކްޓޯބަރު 2025 - 18:58 3

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅާލާ ބްރިޖުގެ ސާވޭ ހަދަން މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެކު މިދިޔަ އަހަރު ސޮއި ކޮށްފައި އޮއްވާ އަނެއްކާ އެ މަސައްކަތް ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލްއާ މިއަދު ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، ޗައިނާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެން ޒިއާހޫ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ބްރިޖުގެ ކޮންސަލްޓަންސީ ދިނުމުގެ އެ އެއްބަސްވުމުގެ ދަށުން ސާވޭގެ އިތުރުން ޑިޒައިން ޑިވެލޮޕްމަންޓް އަދި ޓެކްނިކަލީ ކުރަން ޖެހޭނެ ކަންކަން ވެސް ހިމެނިފައިވެ އެވެ.

ނަމަވެސް އެ އެއްބަސްވުން ހަވާލުކުރި އަގެއް ވެސް އަދި އެއްބަސްވުމުގެ މުއްދަތެއް ވެސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިސްރު ކުންފުންޏަކާ ހަވާލުކުރީ މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރެއްގެ ތެރެއިންނެވެ.

އޭރު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފަށައިގެން ގޮސް ތިން އަހަރާ ބައިގެ މުއްދަތެއް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"މިއަދު ސޮއިކުރި އެއްބަސްވުން ދެން ބަދަލުވާނީ ކޮންޓްރެކްޓަކަށް. އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށް ބަދަލުވެ ހަމަ މިއަހަރުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި ބައި ހަތަރު އަހަރު, އިރާދުކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމައި," މުއިއްޒު އޭރު ވިދާޅުވި އެވެ.

އައްޑޫ ބްރިޖްގެ ސާވޭ މަސައްކަތްތައް މިސްރުގެ ކުންފުނިން މާޗު 6، ގައި ފެށި އެވެ. އެކަމަކު އެ މަސައްކަތަށް ވީ ގޮތެއް މިހާތަނަށް ވެސް އެނގިފައެއް ނުވެ އެވެ.

ފެބްރުއަރީ 6، 2025 ގައި ރައްޔިތުންގެ މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، "އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިއުލާނު ކުރާނަން" ކަމަށެވެ.

މުއިއްޒު އެގޮތަށް ވިދާޅުވި ނަމަވެސް ބްރިޖުގެ ސާވޭ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ފެބްރުއަރީ މަސް ނިމި މާޗު 2، ގަ އެވެ. ބަޔަކު ހޯދަން އިއުލާންކުރީ މުއިއްޒު ކަނޑައެޅި ތާރީހު ފަހަނައަޅައި ދިޔަކަން އަދަދު ނޫހުން ޝާއިއުކުރިތާ އެއް ދުވަސް ފަހުންނެވެ.

އައްޑޫ ބްރިޖު އެޅުމާ ގުޅޭ ދިރާސާތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ވެސް 30 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތެވެ.

ބްރިޖުގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ނިންމި ކަމަށް މިދިޔަ އަހަރުގެ މާޗު މަހު އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެއަށް ފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހު އެ މަސައްކަތަށް ވީނުވީއެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އައްޑޫ ބްރިޖްގެ މަސައްކަތް ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފަށަން ސަރުކާރުގެ "ހަފްތާ 14" ގެ ރޯޑް މެޕްގައި ވެސް ހިމެނި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބްރިޖްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ.