16 ޑިސެންބަރު 2023 - 06:12 1
މުހައްމަދު ޝަހްޒާން
16 ޑިސެންބަރު 2023 - 06:12 1
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފި އެވެ.
އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ.
ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން ވެސް އަދި ސަރުކާރުން ވެސް މިހައިތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބަރަހަނާ ވެބްސައިޓުތަކަށް އެއްވެސް ހުރަހެއް ނެތި ވަދެވޭ ގޮތަށް ރާއްޖޭގައި އޮންނަ އޮތުމާ ގުޅިގެން ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ އާކް ފަދަ ޖަމިއްޔާތަކާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރީވާ ފަރާތްތަކުގެ އިތުރުން ދީނީ އިލްމުވެރިން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ބަހުސް ކުރެވިފައިވެ އެވެ. އަދި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި، ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް އޭރުގެ ޕްރޮސިކިއުޓަ ޖެނެރަލް، ހޯމް މިނިސްޓަރީއަށް އަންގާފައިވެ އެވެ. ނަމަވެސް އޭރު އެކަން ތަންފީޒު ކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ އިތުރުން ދުނިޔޭގެ ކުރި އަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ބަރަހަނާ ވެބްސައިޓުތަކަށް ވަނުން އޮންނަނީ ބްލޮކް ކޮށްފަ އެވެ.
Comment