Advertisement

ޝިފާންގެ މަރު: ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

30 ނޮވެންބަރު 2023 - 13:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މ. ފެއާރީކޯނާ އަލީ ޝިފާން މަރާލުމުގެ ދައުވާކޮށްފައިވާ ޝައިފާން ސުޕްރީމް ކޯޓުގައި


ޝިފާންގެ މަރު: ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

30 ނޮވެންބަރު 2023 - 13:42 0

މީގެ 11 އަހަރު ކުރިން، ވެސްޓް ޕާކް ރެސްޓޯރަންޓް ކައިރީގައި މ. ފެއާރީނޯ އަލީ ޝިފާން ހުއްޓައި، ސައިކަލުގައި ބަޔަކު ގޮސް އޭނާއަށް ވަޅިން ހަމަލާދީ، މަރާލި މައްސަލާގައި ހިމެނޭ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

އޭޕްރީލް 1، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓަން މިއަދު ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔުގަ އެވެ.

އަގުލަބިއްޔަތު ފަނޑިޔާރުން ތާއީދުކުރެއްވި، އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ބުނަނީ ޑީއެންއޭ ރިޕޯޓުތަކުން ޝައިފަން، ޝިފާނަށް ހަމަލާ ދިން ތަނުގައި ހުރި ކަމާއި ވަޅި ގެންގުޅުނު ކަމާއި އެ ވަޅިން ހަމަލާ ދިން ކަން ސާބިތުވާ ކަމަށެވެ. އަދި އެ ރިޕޯޓުގެ އިތުރުން ހެކިންގެ ހެކިބަހުން ވެސް ވެސް އެ ކުށް ސާބިތުވާ ކަން ފެންނަ ކަމަށެވެ.

ފަނޑިޔާރުގެ ރައުޔުގައި ޑީއެންއޭ ރިޕޯޓަށް ބުރަދަން ދެވޭ އިސްލާމީ ޝަރީއަތުގެ އެކި ނައްސުތަކަށް ރިއާޔަތްކުރެއްވި އެވެ. އެގޮތުން, ގަރީނާގެ އިސްތިލާހީ މާނައިގެ ތެރޭގައި ޔަގީނުގެ ދަރަޖައަށް ކަމެއް ގެންގޮސްދޭ ކޮންމެ އާލާތެއް ހިމެނޭތީ، ޑީއެންއޭ އަކީ އެފަދަ ވަސީލަތެއް ކަމަށެވެ. އޭގެ އިތުރުން އިސްލާމީ ތާރީހުގެ ތެރޭގައި ހިނގައިދިޔަ ހާދިސާތައް ފާހަގަ ކުރި އެވެ.

ކްރިމިނަލް ކޯޓުގައި ޝައިފަންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. އެ ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމީ އިރު ހެކިވެރިންގެ ވާހަކަތަކުގައި ފުށު އެރުންތަކެއް ހުރި ކަމަށް ފަނޑިޔާރު ފާހަގަ ކުރައްވާފައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަ ކުރެއްވީ އެއް ތަނެއްގެ މަންޒަރު ފެނުނު ބަޔަކު ކަމަށް ވިޔަސް، ކޮންމެ މީހަކަށް ވެސް މަންޒަރު ފެންނާނީ އެކި އެންގަލްތަކުންނާއި އެކި ނިސްބަތަށް ކަމަށެވެ. އެކި މީހުނަށް ފެނުމާއި ދެނެގަތުމުގެ ގާބިލުކަން ވެސް ލިބިފައިވަނީ އެކި ވަރަށް ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެހެންވެ ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ހެކިބަހުގައި ކުޑަ ކަމެއް އުނިވެގެން މުޅި ހެކިބަސް ނަފީ ނުކުރެވޭ ކަމަށެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔު ތަފާތުވީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބުނާ ކަންކަން މަރުގެ އަދަބު ދިނުމުގައި ސާބިތު ކުރަން އޮތުމުން އެ ކަން ސާބިތު ކުރުމަށެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔަކީ އެއީ ގޯސް މާއްދާއެއް ނަމަ އެ ފަރުވާ ހޯދަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެހެން ފަނޑިޔާރުން އިއްތިފާގުވީ، އެ މާއްދާ ބާތިލު ކުރުމަށެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ މައްސަލަ އެވެ.