21 ނޮވެންބަރު 2023 - 19:37 0
މުހައްމަދު ނަސީމް
ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި. ސެޓުލްމެންޓް ކޮމިޓީ އެމަނިކުފާނު މިއަދު އުވައިލެއްވި. ފޮޓޯ: ރައީސް އޮފީސް
21 ނޮވެންބަރު 2023 - 19:37 0
ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ, ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ނޮވެމްބަރު 28، 2022 ގައި އެކުލަވައިލި އުސޫލު ހިންގަމުން އައިސްފައި ވަނީ ގާނޫނީ އޮނިގަނޑެއް ނެތި ކަމަށް ބަންޑާރަ ނައިބު (އަހުމަދު އުޝާމް) ލަފާދެއްވާފައިވާ ކަމަށެވެ. އެއީ ގާނޫނީ ބާރެއް ނެތި އެކުލަވާލައިފައިވާ އުސޫލެއް ކަމަށް ވެސް ބަންޑާރަނައިބު ލަފާދެއްވި އެވެ.
"...މި އުސޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް މިދެއްވި ލަފާގައި، މިއީ ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ހިލާފަށްކަން ފާހަގަކުރައްވާފައިވޭ،" ސެޓުލްންޓް ކޮމިޓީ އުވައިލިކަން ހާމަކުރަން ރައީސް އޮފީހުން އާއްމުކުރި ލިއުމުގައި ބުންޏެވެ.
އެ ލިއުމުގައިވާ ގޮތުން އެ އުސޫލުން ފަސް މައްސަލައެއް ، ކޯޓުން ބޭރުގައި ނިންމާފައި އޮތީ ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުއީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިއާޔަތްކުރެއްވުމަކާ ނުލަ އެވެ.
ސެޓުލްމެންޓް ކޮމިޓީ އުވައިލިކަން އިއުލާނުކުރެއްވި ލިއުން ސޯޝަލް މީޑިއާ އެެކްސް ގައި ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ "ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ހިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން" ކަމަށެވެ.
Comment