21 ނޮވެންބަރު 2023 - 16:20 1
މުހައްމަދު އުޝާމް
ނަދީމް މަރާލުމުގެ ދައުވާކޮށްފައިވާ މީހުން؛ ބަންދުގެ އަމުރު ނުދެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި
21 ނޮވެންބަރު 2023 - 16:20 1
މީގެ ހައެއްކަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދު ކުރަން އަމުރު ނުދެވެނޭ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ.
އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. ދައުލަތުން އެ ހުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށް ދައުލަތުން އެދިފައިވެ އެވެ.
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމެވި ނިންމެވުމުގައިވަނީ އޭގެ ތެރެއިން މަފާޒު ބަންދަށް ލައިފައިވަނީ އެހެން މައްސަލައެއްގައި ކަމަށާއި އެ މީހުން އެ މައްސަލާގައި ބަންދު ކުރަންވީ އެއްވެސް ގާނޫނީ އަދި ޝަރުއީ ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށެވެ.
އޭގެ އިތުރަށް އިސްތިއުނާފު މަރުހަލާގައި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު އަމަލު ކުރާނެ އިޖުރާއަތްތަކެއް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި ނެތް ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.
Comment