Advertisement

ހެކި ނުލިބުނު ކަމަށް ބުނެ ފަޒުލްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު


ހެކި ނުލިބުނު ކަމަށް ބުނެ ފަޒުލްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ފަޒުލް ރަޝީދު އެ ކުންފުނީގެ ލިޔެކިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލައިގައި އޭނާއާ ދެކޮޅަށް ދައުވާކުރާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭރުކޮށްލައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ ކުންފުނީގެ އައިޓީ ޑިޕާޓުމެންޓުގެ ވެރިޔާ، އަބްދުالله ޝުހޫދު އާއި ފަޒުލް ލިޔުންތަކެއް ޑިލީޓުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވުނީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ލިޔުންތަކެއް އެޗްޑީސީގެ ސާވާއިން ޑިލީޓުކުރި ކަމުގެ ތުހުމަތެވެ. އެ ލިޔުންތަކަކީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބެލެވޭނެ ލިޔުންތަކެއް ކަމަށްވެ އެވެ.

ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި އެޗްޑީސީގެ އައިޓީ ޑިޕާޓުމެންޓުން ތައްޔާރުކުރި ރިޕޯޓުގައި ވެސް އެ ކުންފުނީގެ ސާވާއިން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ގެއްލިފައި ނުވާކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ފަޒުލް އާއި ޝުހޫދު އެޗްޑީސީގެ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައިވާކަމަށް އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ވެސް ހޯދިފައިނުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ވިއްކާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަޒުލް ސަސްޕެންޑު ކޮށްފައި ހުންނަވަނިކޮށް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑިސެމްބަރު 21، 2024، ގަ އެވެ.

އެ މައްސަލައިގައި ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، 2024، ގައި ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ. ނަމަވެސް އެކަން ތިލަވި ފަހުން ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފަ އެވެ.

ގޯތި ވައްކަމުގެ މައްސަލައިގައި ފަޒުލްގެ އިތުރުން، އޭނާގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިގޮތަށް ދޫކުރި އެއް ގޯތީގެ ވެރިފަރާތް ކަމަށް ބުނެ ލިޔެކިޔުން ހުށަހެޅި އެކަކީ އޭނާ އެވެ. ނަމަވެސް އެ ތަހުގީގުގެ އަދާހަމައެއް ނޭނގެ އެވެ.

ގޯތިތަކުގެ މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހު އެނގުނު ނަމަވެސް، ޖިނާއީ ތަހުގީގެއް ކުރަން ހުށަނާޅައި ފަޒުލް އެކަންކަން ސިއްރުކުރި އެވެ. އެއަށް ފަހު މައްސަލަ ފަޅައި އެރުމާ ހަމައަށް 50 އަށް ވުރެ ގިނަ ގޯތި ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ވިނަރެސް ފްލެޓާއި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓު ވެސް ވިއްކި ކަމަށް ތުހުމަތު ކުރެވެ އެވެ.