Advertisement

ދިވެހި މަސައްކަތްތެރިކަމުގެ ތެރެއިން އުވަ ދެވުން

4 ނޮވެންބަރު 2023 - 07:07 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)


ދިވެހި މަސައްކަތްތެރިކަމުގެ ތެރެއިން އުވަ ދެވުން

4 ނޮވެންބަރު 2023 - 07:07 0

ކުރީ ހަފުތާއާގުޅޭ

އުވަ ވަޅަށް ރަނގަޅަށް ފެން ޖެހުމާއި އާވި ބަންދު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަންތައްތަކަށް ފަރުވާ ކުޑަވެއްޖެނަމަ ކުރި މަސައްކަތް ބޭކާރުވެ އެވެ. ނުވަތަ އުވަ ވަރަށް މަދުވެ އެވެ. ނޫނީ ހުރި މަދު އުވަކޮޅުގެ ތެރޭގައިވެސް ސަލާމަތް ނުކުރެވޭ ވަރަށް ގަލާއި މުރަކަ ހުރެ އެވެ. އެންމެ ފުރިހަމައަށް އުވަ ދެވިއްޖެކަން އެނގޭނެ ގޮތަކީ، އުވަގަނޑުގެ ތެރެއަށް މަޑު ނޫފެހި ކުލައެއް އެރުމެވެ. އެފަދަ އުވަ ވަޅެއްގައި އުވަގަނޑުގެ ތެރޭގައި އެންމެ ގާކޮޅެއްވެސް ނުހުރެ އެވެ.

އުވަ ވަޅުން އަރާ ހޫނާއި އާވި ކެނޑުމުން މަތީގައި ހުރި ގާތަށް ކަހާލުމަށް ފަހު އުވަ ނަގަންވީ އެވެ. ރަނގަޅު އުވަ ވަޅެއްގައި ނަމަ 15 ކަނޑި އާއި 20 ކަނޑިއާ ދެމެދުގެ އަދަދަކަށް އުވަ ހުރެ އެވެ. ކަނޑި އަކީ 300 ނާޅީގެ މިންވަރެވެ. ބައެއް މީހުން އުވަ ވަޅުގައި ހުރި ހުރިހާ އުވަތައް ގެއަށް ގެނެ އެވެ. އަނެއް ބަޔަކު އެ ވަގުތަކަށް ބޭނުންވާ ވަރަކަށް އުވަ ނަގަނީ އެވެ.

އުވަ ވަޅުގައި ހުރި ހުރިހާ އުވައެއް ގެނެސް އަވަހަށް ބޭނުން ނުކުރެވިއްޖެނަމަ އުވަ ފައްލަވަ ކުރެ އެވެ. އުވަ ފައްލަވަ ކުރުމަކީ ބިމުގައި ވަޅެއްކޮނެ އެ ވަޅަށް އުވަތައް އަޅައި މައްޗަށް ވެލި އަޅައި ރައްކާކުރުމެވެ. އުވަ ފައްލަވަ ކުރުމުން އެތައް ޒަމާނެއްގެ ފަހުން ވެސް ބޭނުން ކުރެވިދާނެ އެވެ. މިގޮތަށް ހަތްދިހަ ވަރަކަށް އައްޑިހަ ވަރަކަށް އަހަރު ފަހުން ވެސް ފައްލަވަ ކޮށްފައި ހުރި އުވަ ވަޅު ފެނެ އެވެ.

މިހާރުވެސް ރަށުގެ ހޭޅިފަށުގައި އެކިވަރުގެ އުވަ ވަޅުތަކުގެ ނިޝާންތައް ފެންނަން ހުރެ އެވެ. ބައެއް ވަޅުތައް ވަނީ ރަށް ގިރުމުގެ ސަބަބުން ގިރައިލައިގެން ގޮސްފަ އެވެ. ނުވަތަ ދާން ފަށައިފަ އެވެ. މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހަދާފައި ހުރި އުވަ ވަޅުތަކުން އުވަ ގެންނަނީ ދޯނިފަހަރަށް އަރުވައިގެންނެވެ.

މިއީ އުފެއްދުންތެރި ވަރުގަދަ ބުރަ މަސައްކަތެކެވެ. އެ ޒަމާނާ ގުޅޭ ބޭނުންތެރި މޮޅު މަސައްކަތެކެވެ. ތިމާވެއްޓާއި ދުޝްމަން ޒަމާންވީ މި މަސައްކަތް ހުއްޓެން މެދުވެރިވީ، ދިވެހިރާއްޖެއަށް ސިމެންތި ތައާރަފު ވުމުންނެވެ. އުވަޔާ އަޅައި ބަލާއިރު ސިމެންތިއަކީ މާމޮޅު މާގަދަ އެއްޗެކެވެ. އުވައިން ރާނާއިރު ރޮއްޖަކަށްވުރެ މައްޗަށް ނަގަން ވެއްޖެނަމަ ފާރު ޅަވެގެން ވެއްޓޭ ގޮތްވެ އެވެ. ނަމަވެސް ސިމެންތިއަކީ މާ އަވަހަށް ހިކޭ އެއްޗެކެވެ. އެހެން ކަމުން މަސައްކަތްތެރިންނަށް އެ މީހުންގެ މަސައްކަތް ތިން ހަތަރު ގުނައަށް ހަލުވި ކޮށްދިން އެއްޗެއްގެ ގޮތުގައި ސިމެންތި ވިއެވެ.

ސިމެންތި ތައާރަފު ވެގެން އައި ދުވަސްވަރު ސިމެންތި ކޮތަޅެއް ލިބެނީ ތިރީހަކަށް ރުފިޔާ އަށެވެ. ސިމެންތިއަކީ އަގުބޮޑު އެއްޗަކަށް ވުމާއެކު ފުރަތަމަ ބޭނުންކުރީ އުވަޔާއި ސިމެންތި އެއްކޮށްގެންނެވެ. ސިމެންތީގެ މޮޅުކަމާއި ވަރުގަދަކަމުން ސިމެންތި އަޅަނީ ވަރަށް މަދުންނެވެ. ރޭނުމުގެ މަސައްކަތަށް ކުޅަދާނަ މީހުން ސިމެންތި ކޮތަޅަކުން ތިން ހަތަރު ވަޅު ރޭނިއެވެ. މަސައްކަތްތެރިކަމަށް އައި ބަދަލާ ގުޅިގެން ވަޅަކީ މިއަދަކު ރާނާ އެއްޗެއް ނޫނެވެ. ވަޅަކީ އަޅާ އެއްޗެކެވެ. ވަޅެއް އެޅުމަށްޓަކައި މިއަދު ހައެއްކައަށެއްކަ ކޮތަޅު ސިމެންތި ބޭނުންވެ އެވެ.

ދިވެހިން އިހުގައި މި ގޮތަށް ބޭނުންކޮށް އުޅުނު ގިނަ އެއްޗިއްސަކީވެސް ދިވެހި ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު އެއްޗިއްސެވެ. މި ގޮތުން އުވައަކީވެސް ބޭސްވެރިކަމުގައި ބޭނުންކޮށް އުޅުނު އެއްޗެކެވެ. އުވަ ބޭނުންކޮށްގެން ހަދާ އުޅުނު އެއް ބޭހަކީ ތަންތަން ފިހުމުން ހަދާ ބޭހެކެވެ. މި ބޭހަށް ބޭސް ތައްޔާރުކުރުމަށް ހިކި އުވަ ފެނުގައި ކައްކާލުމުން އަރާ ގަރު ނަގައި ފުޅިއަކަށް އަޅައި، ކާށިތެލާއި ހިންދޫރަ އަޅައި ހަލުވައި ރަނގަޅަށް އެއްކޮށްލާނީ އެވެ. ބޭސް ހަދާއިރު އުވަ ގަރު ތެރެއަށް ފެނާއި ތެޔޮ އަޅާނީ އެއްވަރަކަށެވެ. ފިހިގެން ހަންގަނޑު ދިޔަޔަސް ކަފަގަނޑެއްގައިލުމަށް ފަހު މިބޭސް އެޅުމުން ކަފަގަނޑު ނެއްޓޭނީ ރަނގަޅުވެގެންކަމުގައިވެ އެވެ.

ނުހިކޭ ފާރުގަނޑުގަނޑު ރަނގަޅު ކުރުމަށްޓަކައި އުވަ ބޭނުން ކޮށްގެން ހަދާ ބޭހަކީ، ފަލަ އުނި ގަހެއްގެ މަތީ ތޮށިފަށް ކަހާލުމަށް ފަހު އެތެރޭގެ ތޮށިގަނޑު ނަގައި ހިކި އުވަޔާއި އެއްކޮށް ފުނޑުމަށް ފަހު ފާރުގަނޑުގައި އަޅާނީ އެވެ. މިއީ ވެސް ފަސޭހައިން ފާރުގަނޑު ހިކި ރަނގަޅުވާ ބޭހެއް ކަމުގައި ވެއެވެ. މި ނޫނަސް އުވަ ބޭނުން ކޮށްގެން ހަދާ ކިތަންމެ ބޭހެއް އެބަ ހުއްޓެވެ.

ޒަމާންވީ ބޮޑެތި ބިޔަ ގަސްތަކާއި ފަޅުގައި ހެދިފައި ހުރި ތަފާތު ގާތަށް ނަގައިގެން އުވަދެވި ދެވުން މާޒީގެ ތެރެއަށް ހިނގައްޖެއެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން މަދުބަޔަކަށް ނޫނީ އުވައެއް ނޭނގެ އެވެ. ވަރުގަދައަށް ދުފާ މީހުން ދުފުންގަނޑު ހެޔޮކޮށްލަން ޝަހާދު އިނގިލީގައި ލައި އުވަ ބޭނުން ކުރިއެއް ކަމަކު، އެ މީހުންވެސް ބޭނުން ކުރަނީ އުވައިގެ ގޮތަކުނޫނެވެ. "ބިލެއްހުނީގެ" ގޮތުގައެވެ.