އުތީމު އަތިރިމަތިން ނަގާފައިވާ ފޮޓޯއެއް: އެ ސަރަހައްދުން މި ފަހުން ވަނީ އާސާރީ ހިރިގަލު ފެން ވަޅެއް ވެސް ފެނިފައި -- ފޮޓޯ: ޑިޕޮސިޓްފޮޓޯސް
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިން ސަލާމަތް ކުރަން ހަނގުރާމަ ކުރެއްވި ހއ. އުތީމު މުހައްމަދު ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން ހަރަކާތްތެރިވި އެ ރަށު ތުނޑި ހިއްކަން ސަރުކާރުން ނިންމައިފި އެވެ.
މި ނޫހަށް ލިބިފައި އެމްޓީސީސީގެ ބައެއް ޑޮކިއުމެންޓުތަކުން ފެންނަ ގޮތުގައި އުތީމު ތުނޑިއާ ދިމާލުން ބޮޑު ސަރަހައްދެއް ހިއްކުމަށްޓަކައި ކުރެހުންތައް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
އެކަމަކު، އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދަށް މި ނޫހުން ގުޅުމުން ވިދާޅުވީ، އުތީމުގެ އެއްވެސް ތަނެއް ހިއްކަން ނިންމާފައިވާ ކަމުގެ މައުލޫމާތެއް އޭނާ ލިބިފައިނުވާ ކަމަށެވެ.
ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން ހަރަކާތްތެރިވި ކަމަށް ބުނާ ތުނޑިއަކީ އެ ރަށު މީހުން ވަރަށް ގަދަރު ކުރާ ތުނޑިއެކެވެ. އެ ސަރަހައްދު ގިރާތީ، ތުނޑި ނުގިރާނެ ގޮތަކަށް ހިމާޔަތްކޮށްދިނުމަށް ވެސް ރަށު ރައްޔިތުންގެ ކުރިން ސަރުކާރުގައި އެދިފައިވެ އެވެ.
"ބޮޑުތަކުރުފާނުގެ ޒުވާންދުވަސްވަރު މަޅިފަތި ހައްދަވައިގެން ދޫނި ހިތްޕެވި އުތީމުގެ ދޫނި ތުނޑި ވަނީ ގިރާ އެއްކޮށް ނެތިގޮސްފައި. މިކަމާ އަޅުގަނޑު ނޫނަސް ތިޔަހުރިހާ ބޭފުޅުން ވެސް ދެރަވެ ހިތާމަކުރާނެ. ވީމާ މި މަތިވެރި ތަރިކަ އަލުން ވުޖޫދަށް ގެނެސްދެއްވައި ހިމާޔަތްކޮށްދެއްވުމަށް މިދަންނަވަނީ ވަރަށް އާދޭހާއެކު އަދި ނުހަނު އުންމީދާއިއެކު،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން ސެޕްޓެމްބަރު، 2022، ގައި ކައުންސިލުގެ ރައީސް އަބްދުﷲ ވިދާޅުވެފައިވެ އެވެ.
މިފަހުން 2021 ވަނަ އަހަރު، އުތީމު ދޫނި ތުނޑިން އާސާރީ ހިރިގަލު ފެން ވަޅެއް ވެސް ވަނީ ފެނިފަ އެވެ. ވަޅު ފެނުނީ އެ ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ދިޔުމުންނެވެ. އެ ވަޅު ހިމާޔަތްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމަށް އެ ރަށު ކައުންސިލުން އެއިރު ވަނީ ނިންމައިފަ އެވެ.
އުތީމުގެ ދޫނި ތުނޑި ގިރަން ފެށީ އެ ރަށުގެ ބަނދަރު ހެދި ފަހުންނެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ބަނދަރު ހެދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހު ދައުރުގެ ތެރޭގަ އެވެ. އެ ރަށުގައި ބަނދަރެއް ނުހަދައި މަޑު ކުރީ ވެސް ރަށް ގިރުމުގެ ބިރު ބޮޑުވުމުންނެވެ. ބަނދަރު ހެދީ ވެސް ވަރަށް ބޮޑެތި ދިރާސާތަކެއް ކުރުމަށްފަހު ކަން އެނގިފައިވެ އެވެ.
Comment