1 ނޮވެންބަރު 2023 - 10:17 10
މުހައްމަދު އުޝާމް
އިންތިގާލީ އިންސާފުގެ އޮފީސްގެ މެންބަރުން؛ އަންނަ އަހަރުގެ ބަޖެޓުގައި އެ އޮފީހަށް އެއްވެސް ފައިސާއެއް އެލޮކޭޓް ކޮށްދީފައެއް ނެތް
1 ނޮވެންބަރު 2023 - 10:17 10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމި، އަންނަ އަހަރުން ފެށިގެން އިންތިގާލީ އިންސާފުގެ އޮފީސް އުވާލުމަށް ނިންމާފައިވާ ކަން ދައުލަތުގެ ބަޖެޓު ފޮތުން އެނގިއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކަށް ކަނޑައަޅާފައިވާ އަދަދުތައް ބަޔާންކޮށްފައިވާ ސަފުހާތަކުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ނަމެއް ނެތެވެ.
މައުލޫމާތު އިތުރަށް ސާފުކުރުމުން އެނގުނު ގޮތުގައި އަންނަ ދައުރުން ފެށިގެން އެ އޮފީހުގެ މަސައްކަތްތަކެއް ކުރިއަކަށް ނުގެންދާނެ އެވެ.
މީގެ ކުރިން ދައުލަތުގެ އިންޒާމުތަކުގެ ތެރެއިން ހިންގާފައިވާ ބޭއިންސާފު އަމަލުތަކަށް ހައްގު ބަދަލެއް ހޯދައިދީ އިންތިގާލީ އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އިންތިގާލީ އިންސާފުގެ އޮފީހެއް ގާއިމުކޮށް ގާނޫނީ އޮނިގަނޑެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެހެން ވެގެނެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހަމަވާން ވެސް ބާކީ މިހާރު އޮތީ 15 ދުވަހެެވެ. އަދިވެސް ނުބެލި 100 އެއްހާ މައްސަލަ އޮތް ކަން އެ އޮފީހުގެ ބައެއް މުވައްޒަފުން ވަނީ "އަދަދު" ނޫހަށް ކިޔައިދީފަ އެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހަވާލުކޮށްފައިވަނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ހަމައަށް ހިނގާފައިވާ އެފަދަ މައްސަލަތައް ބެލުމެވެ.
ދެމެދު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއަކު ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ މައްސަލަތައް ކަމަށް ގާނޫގައި ބަޔާން ކުރެ އެވެ.
އެފަދަ މައްސަލަތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހައްގު ބަދަލެއް ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ދިނުން އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވެ އެވެ.
މި މުއައްސަސާ ވުޖޫދު ވެފައިވަނީ، 17 ޑިސެންބަރު 2020 ދުވަހު، އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އެވެ.
Comment