Advertisement

ސިޔާސީންގެ އަދަދު ތިން ހާހާ ގާތްކޮށްފި، ޑެފިސިޓު ބޮޑުވީ ވެރިންގެ މަޖަލަށް ކުރި ބޭކާރު ހަރަދުން: އަމީރު

19 ފެބުރުވަރީ 2025 - 07:21 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް


ސިޔާސީންގެ އަދަދު ތިން ހާހާ ގާތްކޮށްފި، ޑެފިސިޓު ބޮޑުވީ ވެރިންގެ މަޖަލަށް ކުރި ބޭކާރު ހަރަދުން: އަމީރު

19 ފެބުރުވަރީ 2025 - 07:21 2

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވައުދާވެ ވެރިކަމާ ހަވާލު ވުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާރު 3000 އާ ގާތްކޮށްފި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ވަޒީފާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު އަދި އެއީ ކޮން ބައެއްކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ހޯދައި ލިބިކަމަތުގެ ހައްގުގެ ގާނޫނުގެ ދަށުން ވެސް އެ މައުލޫމާތެއް ދޫނުކޮށް، ވަނީ ސިއްރުކޮށްފަ އެވެ.

އެމްޑީޕީން ބާއްވާ ސިލްސިލާ ޕެނަލް ޑިސްކަޝަން، "ހަވަރު ބެރު" ގައި ރޭ އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދު ބޮޑުވެ، ރެކޯޑު އަދަދެއްގެ ޑެފިސިޓެއް މިދިޔަ އަހަރު އުފެދުނީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމާއި، "ވެރިންގެ މަޖަލަށް ކުރި ބޭކާރު ހަރަދުގެ ސަބަބުން" ކަމަށެވެ.

"އެހެންވީމަ، އަހަރު ނިމުނީމަ އަހަރެމެންނަށް މި ފެނުނީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ޑެފިސިޓެއް މިއޮތީ 2024 ވަނަ އަހަރުކަން،" އަމީރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓު 15.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެއީ ކޮވިޑުގެ ދުވަސްވަރުގައި ވެސް ޑެފިސިޓުވި މިންވަރެއް ނޫން ކަމަށް އަމީރު ފާހަގަ ކުރެއްވި އެވެ.

މި ސަބަބުތައް ހުރުމުން 2024 އަކީ "ގެއްލިގެން ދިޔަ އަހަރެއް" ކަމަށް އަމީރު ވިދާޅުވި ކުރެއްވި އެވެ.

މާލީ ހާލަތުގެ ދަށްވެ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދިނުމުން ބައެއް ކުންފުނިތައް ބަނގުރޫޓު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތަކެތީގެ އަގު ބޮޑުވިޔަސް، ބޭސްފަރުވާ ކުރަން ދަތިވިޔަސް، އަދި ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި އޮތަސް، މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ވީ ބޮޑުކަން އަމީރު ފާހަގަ ކުރެއްވި އެވެ.

ސިޔާސީ މަގާމުތަކަށް ލާފައި ތިބި މީހުން ފިޔަވައި، މި ސަރުކާރުން ފައިދާއެއް ވި އަދި ހާލަތު ރަނގަޅުވި ބައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އަދަދު ވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު, 36,753 އަށް އިތުރުވެފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންމެ ފަހުން އާންމުކުރި ރިޕޯޓުން ވަނީ ދައްކައިފަ އެވެ.