1 މޭ 2025 - 20:19 2
މުހައްމަދު ޝަހްޒާން
ޓްރެފިކް ޖޭމްގެ މި ވަރުގަދަ މެސެޖު ރިލީޒް ކޮށްފައި ވަނީ އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުންނެވެ. އެ ލަވަ މިހާރު ސައުންޑްކްލައުޑުން އަޑު އަހައިލެވޭނެ -- އާޓްވޯކް: އިސްމާއިލް އިމްދާދު / އަދަދު
1 މޭ 2025 - 20:19 2
"އބޅ" ގައި ދީފައިވާ އިންޒާރަކީ މިއީ އެވެ. ސާފު އެ ކޮށްދެނީ މިއީ ވަކި މީހެއްގެ ގައުމެއް ނޫން ކަމެވެ. މި ގައުމުގެ ކަންކަން ގޯހުން ދާތަން ބަލަން ދެއަތް އުރާލައިގެން ރައްޔިތުން ނުތިބޭނެ ކަމެވެ. ދިވެހިންނަކީ ބަޔަކަށް ހުސް ބުޅީގައި ބޭނޭ ވަރަށް ވުރެ ހޭލުންތެރި ބައެއް ކަމެވެ.
މަޝްހޫރު ރޮކް ބޭންޑު، ޓްރެފިކް ޖޭމް އިން މިއަދު ރިލީޒްކުރި "އބޅ" ލަވައިން ދެނީ މި މެސެޖެވެ. ރައްޔިތުންގެ އިހުސާސްތަކާއި އުދާސްތަކުގެ އަޑު އެ ލަވައިގައި ވަރަށް ސާފުކޮށް އިއްވައިދީފައިވެ އެވެ. ލަވަ ކިޔާފައި ވަނީ ޓްރެފިކް ޖޭމްގެ ލީޑް ވޯކަލިސްޓު، މުހައްމަދު ރަޝީދު (ކަޔާނޯ) ގެ އަޑުންނެވެ.
އެ ލަވަ ރިލީޒް ކުރުމަށްފަހު ޓްރެފިކް ޖޭމްއިން ބުނެފައި ވަނީ އެ ލަވައިގެ ބޭނުމަކީ ގައުމުގައި މިހާރު ހިނގަމުންދާ ކަންކަމާމެދު އަޑު އުފުލުމަށް މީހުންނަށް ހިތްވަރު ދިނުން ކަމަށެވެ.
"އަހަރުމެން ބޭނުންވަނީ މުޖުތަމައުގައި ހުރި މައްސަލަތަކާއި ގައުމުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ވީހައިވެސް ގިނަ ބަޔަކު އަޑު އުފުލައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުން،" ސޯޝަލްމީޑިއާގައި ޓްރެފިކް ޖޭމްއިން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.
ޓްރެފިކް ޖޭމްގެ އެ ލަވައިގައި ބުނަނީ ގައުމު މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބަދަލެއް ގެންނާނެ ޖެހޭ ނަމަ އެކަން ވެސް ކުރަން ދިވެހިން ފަސް ނުޖެހޭނެ ކަމަށެވެ.
ލަވައިގައި ކިޔައިދެނީ، ގައުމުގެ ހުންގާނުގައި މާދަމާ ހިފާން ތިބި ޒުވާނުން ވަބާތަކުގައި ޖެހި ހަލާކުވަމުންދާއިރު، މި ހާލަތު ގައުމަށް ޖެއްސި މީހުން އަރާމުގައި ގޮނޑިގޮނޑީގައި ވެޑުވިގެން ތިއްބެވި ވާހަކަ އެވެ. ގައުމާމެދު އޮތް އުއްމީދު ފުނޑުފުނޑުވީ ވާހަކަ އެވެ. މި ވަތަން އަނދަވަޅަކަށް ވެއްޓިފައިވާ ވާހަކަ އެވެ. އިންސާފު ނުލިބޭ ތަނުގައި މުޅި ޝަރުއީ ނިޒާމުގައި ރެނދުއަޅާފައިވާ ވާހަކަ އެވެ.
ގައުމުގެ ހާލަތު ބަޔާން ކޮށްދިނުމަށްފަހު އެ ލަވައިގައި އުފައްދަނީ ސުވާލެކެވެ. އެއީ މި ގައުމަށް ހެވެއް ނުވަތަ މޮޅެއް ލިބޭނޭ ކަމުގެ އުއްމީދެއް ފެންނާނެތޯ އެވެ.
ދިވެހިން ބިރު ނުގަންނާނެ ކަމާއި މި ހާލަތު ބަދަލު ކުރާނެ ކަމުގެ އިންޒާރު ދެނީ އެ ސުވާލު ހިތަށް އަރައި ހިތުގައި ޖެހި ގިސްލާ ރޮވޭ ވާހަކައަށް ފަހު އެވެ.
ޓްރެފިކް ޖޭމްގެ މި ވަރުގަދަ މެސެޖު ރިލީޒް ކޮށްފައި ވަނީ އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުންނެވެ. އެ ލަވަ މިހާރު ސައުންޑްކްލައުޑުން އަޑު އަހައިލެވޭނެ އެވެ.
ސައުންޑްކްލައުޑް ލިންކް: https://soundcloud.com/traphicjammv/alif-baa-lhavinyani
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment