Advertisement

އިޒްރޭލު ޕާސްޕޯޓު އޮތް އެއްވެސް މީހަކު މި ރަށަށް ނޭރޭ ގޮތް ހަދައިދީ: މަތިވެރި ކައުންސިލް

31 އޮކްޓޯބަރު 2023 - 12:19 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އއ. މަތިވެރީގެ މަތިން ނަގާފައިވާ ފޮޓޯއެއް. އެރަށު ކައުންސިލުން ވަނީ އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ވެސް ގޮވާލައިފަ -- ފޮޓޯ: ފައިލް / އަދަދު


އިޒްރޭލު ޕާސްޕޯޓު އޮތް އެއްވެސް މީހަކު މި ރަށަށް ނޭރޭ ގޮތް ހަދައިދީ: މަތިވެރި ކައުންސިލް

31 އޮކްޓޯބަރު 2023 - 12:19 1

އިޒްރޭލު މީހުން އއ. މަތިވެރިއަށް އެރުމަށް އިއުތިރާޒުކޮށް އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކު އެ ރަށަށް ނޭރޭ ގޮތް ހަދައިދިނުމަށް މަތިވެރި ކައުންސިލުން ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.

މަތިވެރި ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ މުސްލިމުން ފުރަތަމަ ގިބުލަ ކަމުގައިވި މަސްޖިދުލް އަގުސާ އެ ބިމަކަށް ނިސްބަތްވާ ފަލަސްތީނުގެ ބިން ފޭރިގަނެ އެތަނުގައި ދިރުއުޅޭ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ބޮޑެތި ޖަރީމާތަކަކީ ފަލަސްތީނު އިސްތިއުމާރުކޮށް އެތަނުން މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ހުރުމަތާ ހިލާފު ކަންތައްތަކެއް ކަމަށެެވެ.

"ކަންމިހެން ހުރުމާ އެކު މުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ އަޅުގަނޑުމެން ފަދަ މުސްލިމު އަޚުންނާއި އުޚުތުންތަކަކަށް މިފަދަ ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ޔަހޫދީ އިސްތިރުމާރީންނަށް މިރަށުގެ ވެށިން އަމާންކަމާއި ހިޔާވަހިކަން ދޭކަށް އެއްވެސް ރައްޔިތަކުން ނޭދެ އެވެ," އެ ގަރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ މީހުން މަތިވެރިއަށް ގޮސް އުޅުމަކީ އެރަށުގެ އަމާންކަމާއި ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ކައުންސިލް މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާގައި ބުނެފައިވެ އެވެ.

"މިހެންކަމުން ފަލަސްތީނުގެ ބިން ފޭރިގަނެގެން އުފައްދާފައިވާ ޔަހޫދީ ދައުލަތެއް ކަމަށް ދައުވާ ކުރާ "އިސްރާއީލް" ގެ ޕާސްޕޯޓު އޮތް އެއްވެސް މީހަކު މިރަށަށް އެރުވުމަށް މި ކައުންސިލުން ނުރުހެމެވެ،" ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ މަތިވެރީގެ ރަށު ކައުންސިލުން ފާސްކުރި ގަރާރުގައި އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރުި ކުރާ ފަރާތަތަކުން ވެސް އިޒްރޭލަށް ނިސްބަތްވާ މީހުން އެރަށަށް ނުގެންދިއުމަށް އެދިފައިވެ އެވެ.

އަދި, އެރަށަށް އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ނޭރޭ ގޮތަށް ހަދައިދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް މަތިވެރި ރައްޔިތުންގެ ނަމުގައި އެރަށު ކައުންސިލުން ގޮވާލައިފައިވެ އެވެ. އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް ވެސް އެ ކައުންސިލުން ގޮވާލައިފައިވެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 800 އެއްހައި މީހުން ތިބޭ މަތިވެރި ކައުންސިލުން އެފަދަ ބަޔާނެއް ނެރެފައިވާއިރު، މީގެ ކުޑަދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ މީހުން ނުކުމެ މާލޭގައި ވެސް ވަނީ އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް ގޮވައިލާ އަޑުއުފުލައިފަ އެވެ. އޭގެ އިތުރުން އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް އެދުމަށް ގޮވާލާ ގަރާރެއް ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.