30 އޮކްޓޯބަރު 2023 - 14:14 0
ސާއިފް ޝިޔާދު
މާލޭގައި ހިނގަމުންދާ މަޝްރޫއުއެއްގެ ސައިޓުގައި މަސައްކަތްތަކެއް ކުރިއަށްދަނީ. ކޮންޓްރެކްޓަރުން ވަނީ ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ---- ފޮޓޯ: އަބްދުالله އިޔާން/އަދަދު
30 އޮކްޓޯބަރު 2023 - 14:14 0
ދައުލަތުގެ މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓު ކުރި ވިޔަފާރިތަކުން މަސައްކަތްތައް ފުރިހަމަ ކުރި ނަމަވެސް ބިލުތަކަށް ލިބެން ޖެހޭ ފައިސާ ހޯދަން "ސަލާން ޖަހަން" ޖެހޭ ކަމަށާއި އެ ކަމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވެ ވިޔަފާރިތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އަދި އެހެނިހެން ވިޔަފާރިވެރިން ވަނީ ރޭގެ ވަގުތެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އޭގައި މައިގަނޑު ގޮތެއްގައި ކޮންޓްރެކްޓަރުން ވަނީ މި ސަރުކާރުން ބިލުތަކަށް ފައިސާ ނުދޭކަން ހާމަކޮށްފަ އެވެ.
ސަރުކާރުގެ މަސައްކަތް ކުރި ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދީ ހުރުމުން ސަޕްލަޔަރުންގެ މެދުގައި އޮތް އިތުބާރު ގެއްލި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުންދާ އޭޑީކޭ ގްރޫޕްގެ ސީއީއޯ އަހްމަދު ނާޝިދު ވެސް ރޭގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބައެއް ވައިޓަލް ސަޕްލައިސް ހުއްޓި, މި ދޭތެރެއިން ވެސް ކުރަން ޖެހުނު ލައިފް ސޭވިން ސާޖަރީ ޑިލޭ ވެގެންދިޔަ. މީހަކު ގޮސް އެތިކޮޅު ގަނެގެން އައިސް ސާޖަރީ ކުރަން ޖެހޭ ހިސާބަށް ދިޔަ. މަނިކުފާނު ރިޔާސަތާ ހަވާލުވުމަށް ފަހު އައުޓްސްޓޭންޑިން ޕޭމަންޓު ކްލިއާ ކޮށްދިނުމަށް. ހުރިހާ އިންޑަސްޓްރީއެއް ވެސް ދަތި ހާލުގައި ވަނީ," ނާޝިދު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ސައުދުالله ހިލްމީ ވަނީ އެމްޑީޕީގެ ދެ ސަރުކާރުން ވެސް އެ އިންޑަސްޓްރީއަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި, ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުން ބަނގުރޫޓުވި ސަބަބު ހޯދުމަށް ވެސް ސައުދުالله އެދިވަޑައިގަތެވެ.
"ޅައިރުއްސުރެ މިކަމުގަ އުޅުނު މީހުން, ދުވަހަކު ވެސް މީހުން ކައިރިއަށް ސަލާން ޖަހަން ދާން ނުޖެހި އަބުރުވެރިކަމާ އެކު އުޅުނު މީހުން މިއަދު މި ޖެހެނީ ސަލާން ޖަހަން ދާން. ދައުލަތުގެ މަސައްކަތް ކުރި ސަރުކާރުގެ މަސައްކަތް ކުރި ވަރަށް ގިނަ ކޮންޓްރެކްޓަރުން ބަނގުރޫޓުވެއްޖެ. އަލުން ކޮޅަށް ނުތެދުވެވޭ ވަރަށް," ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ވެސް 18 ވަނަ މަޖިލީހުގައި ފުރުއްވި ސައުދުالله ޝުއޫރު ފާޅުކުރައްވަމުން ވިދާޅުވި އެވެ.
ފައިސާ ނުދެވި ހަ މަސް ދުވަހާއި ދެ އަހަރާއި ދެމެދުގެ މުއްދަތުތައް ވޭތުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެތައް މަރުހަލާއެއްގައި ފައިސާ ހޯދުމަށް "ފަހަތުން ދުވަން" ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އުޅެނީ ފިނޭންސް މިނިސްޓްރީގައި އުޅުއްވާ ފައިނޭންޝިއަލް ކޮންޓްރޯލާއާ ބައްދަލު ނުކުރެވިގެން. އެއްވެސް ފުރުސަތެއް ނުދޭ. އަޅުގަނޑުމެންނަށް ގުޅޭ ފިނޭންސަށް. ނޭނގެ ދޭނެ ޖަވާބެއް. ތިން މަސް ހަތަރު މަސް ވާއިރު ކިހިނެއްތޯ ކުންފުނި ހިންގޭނީ," އެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ މެދު ފަންތީގެ ކޮންޓްރެކްޓަރަކު ތަޖުރިބާ ހިއްސާ ކުރައްވަމުން ކިޔައިދިނެވެ.
ކަނޑުމަހުގެ މަސްވެރިކަން ކުރާ ކުންފުނިތައް ބަނގުރޫޓުވެ ވިޔަފާރިތައް ހުއްޓެމުންދާ ކަމަށް އެންސިސް ފިޝަރީޒްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ. މަހުގެ އަގުބޮޑު ކުރުމާ އެކު 350 މުވައްޒަފުންނާ އެކު ހިންގަމުން އައި ދަޅު މަސް ބަންދުކުރާ ފެކްޓްރީ ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް މަދުވެގެން 150,000ރ. ގެ ގެއްލުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްވެރިކަމުގެ އިންޑަސްޓްރީ ހަލާކުވެގެންދާ ދިޔުން ހައްލުކޮށްދެއްވާށޭ. ވޯޓަށްޓަކައި ހަފްތާއެއްހާ ދުވަސްވުމުން މަހުގެ އަގު ކިލޯއަކުން 12ރ. އަށް ވުރެ އަގުބޮޑުކޮށް ގަންނަން ފެށުމުން ވީގޮތަކީ ކަޅުބިލަމަސް ވިއްކުން ޕްރައިވެޓް ސެކްޓަރަށް އެއްކޮށް ގެއްލިގެން ދިޔުން. މިފްކޯއަށް ލާރި ނުދެވޭ މަސްވެރިންނަށް," އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ވެސް ވަނީ އެކަށީގެންވާ ވަރެއްގައި އެއްބާރުލުން ސަރުކާރުން ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
"ހުރިހާ އިންޑަސްޓްރީ ދިވެހިންގެ އަތްމަތިން ބީވެގެންދަނީ. އަޅުގަނޑުމެންގެ އަތުގައި ހުރި ނޮލެޖު [މައުލޫމާތު] ތިބޭއްފުޅުންނަށް އެރުވިދާނެ. އެއާއެކު ކުރިއަށް ދެވޭނީ ތިބޭފުޅުންގެ ހިތްވަރު ލިބިގެން. މި ކުރާ މަސައްކަތް, ރާއްޖެ ޕްރޮމޯޓު ކުރަން ހަގީގަތުގައި ބަލައެއް ނުގަނެވޭ. އެކަމަށް މަސައްކަތް ކުރިޔަސް ސަރުކާރަކުން ސަޕޯޓު ނުދޭތީ," ލެޓްސް ގޯ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ރިޔާޒް ހިޔާލު ފާޅުކުރައްވަމުން ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment