Advertisement

އިންތިގާލީ އިންސާފު އޮފީހުގެ ދައުރު ނިމެން 19 ދުވަސް، ނުނިމި 100 މައްސަލަ

29 އޮކްޓޯބަރު 2023 - 15:37 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިންތިގާލީ އިންސާފް އޮފީހުގެ ޕަބްލިކް ހިއަރިންއެއް ކުރިއަށް ގެންދަނީ -


އިންތިގާލީ އިންސާފު އޮފީހުގެ ދައުރު ނިމެން 19 ދުވަސް، ނުނިމި 100 މައްސަލަ

29 އޮކްޓޯބަރު 2023 - 15:37 1

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ދައުރު އަންނަ މަހުގެ 17 އަށް ހަމަވާއިރު، ނުނިމި 100 މައްސަލައެއް އޮތްކަން އެނގިއްޖެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ގާއިމުކޮށް އާންމުންނަށް މައްސަލަ ހުށަހެޅުމުގެ މުއްދަތުގައި (13 ޖޫން 2021 އިން ފެށިގެން 13 ސެޕްޓެންބަރު 2021 ގެ ނިޔަލަށް) ޖުމްލަ 489 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އަދި, ނާން ހާމަކުރަން ބޭނުން ނުވާ އެ އޮފީހުގެ މުވައްޒަފަކު ވަނީ ދައުރު ނިމެން ބާކީ އެންމެ 19 ދުވަސް އޮތްއިރު 100 މައްސަލައެއް ނުބެކި އޮތްކަން "އަދަދު"އަށް ޔަގީން ކޮށްދީފަ އެވެ.

އޭނާ ހިއްސާކުރި ގޮތުގައި މަސައްކަތްތައް ނުނިމި ދިގުލައިގެން ދަނީ، ބޮޑެތި ދަތިތަކެއް ހުރުމުންނެވެ.

އެއް އޮފީހުން ގިނަ ހިދުމަތްތަކެއް ދޭން ޖެހޭތީ ކަންބޮޑުވުން

މައްސަލަތައް ހުށަހަޅާ ގިނަ މީހުންނަކީ އިންސާފު ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކޮށްފައިވާ ބައެއް ކަމަށް އެ އޮފީހުން މައުލޫމާތު ދިން މީހަކު ކިޔައިދިނެވެ. އެހެން ކަމުން އެމީހުން އިތުރަށް ވިކްޓިމައިޒް ނުވާނެ ގޮތަށް ބޭނުންވާ ނަފްސާނީ އެހީތަށް ވެސް ފޯރުކޮށްދޭން ޖެހޭ ކަމާއި އެ ކަންކަން ވެސް ފޯރުކޮށްދޭން ޖެހެނީ އިންތިގާލީ އިންސާފު އޮފީހުގެ ފުރާޅުގެ ދަށުން ކަމަށް އޭނާ ކިޔައިދިނެވެ.

އިންތިގާލީ އިންސާފުގެ މަސައްކަތްތަކުގެ ތެރެއިން މީޑިއޭޝަން މަރުހަލާގައި ވާހަކަ ދައްކައިގެން މައްސަލަތަކުގައި އަނިޔާލިބުނު ފަރާތްތަކަށް ހައްލު ހޯދައި ދެވިފައިވާކަމަށާއި، އެހެނިހެން ގައުމުތަކުގައި މި ވިކްޓިމް ސަޕޯޓް ދިނުމަށާއި މީޑިއޭޝަން މަސައްކަތްކުރުމަށް ހާއްސަ އިންސްޓިޓިއުޓްތައް ގާއިމްކޮށްފައި ހުންނަކަން އޭނާ ފާހަގަކުރި އެވެ.

އޭގެ އިތުރުން މުއައްސަސާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށާއި، އަދި ބައެއް ލިއެކިއުންތައް ރައްކާތެރިކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންތިގާލީ އިންސާފް އޮފީހަށް މިހާތަނަށް ހުށަހެޅުނު ގިނަ މައްސަލަތަކަކީ، 2000 އަހަރުތަކުގެ ކުރީގެ ކަންކަން ކަމުން، ސަރުކާރުގެ މުއައްސަސާތަކުން ގިނަ ލިއެކިއުންތަކެއް ހޯދަން ޖެހެ އެވެ.

ޗީފް އޮމްބަޑްސްޕާސަން ވަޒީފާއަށް ފަރުވާ ކުޑަވުމުގެ ތުހުމަތުތަކެއް

އިންތިގާލީ އިންސާފް އޮފީހުގެ އެންމެ އިސްވެރިޔާ ޗީފް އޮމްބޮޑްސްޕާސަން އަބްދުއްސަލާމް އާރިފް އޭނާގެ މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރާ ކަމަށް މައުލޫމާތު ދިން މުވައްޒަފަކު ކިޔައިދިނެވެ.

"އަލަށް ތައާރަފްކުރާ މިފަދަ މަސައްްކަތްތަކަށް، ގާބިލް މީހުން އައްޔަން ކުރަން ޖެހޭ. ގާނޫނުގައި އޮމްބޮޑްސްޕާސަންގެ އަމިއްލަ މަސައްކަތްތައް ނުކުރަން ބާރު އެޅި ނަމަވެސް އެއް އޮމްބޮޑްޕާސަންއެއް ގިނަ ވަގުތު އުޅުއްވަނީ އަމިއްލަ މަސައްކަތުގައި" މުވައްޒަފު ކިޔައިދިނެވެ.

ޗީފް އޮމްބަޑްސްޕާސަންގެ ފަރާތުން ފެންނަން ޖެހޭ ސީރިއަސްކަމެއް ފާއިތުވި މުއްދަތުގެ ތެރޭގައި އެއްގޮތަކަށްވެސް ފެނިފައިނުވާ ކަމަށާއި، ދޭން ޖެހޭ ވަގުތު ނުދިނުމުގެ ސަބަބުން ބައެއް ކަންކަން ފައިނަލް ކުރުމަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާދެމެދު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއަކު ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ، އެފަދަ މައްސަލަތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމަށްޓަކާ އުފައްދާފައިވާ މުއައްސަސާއެކެވެ.

މި މުއައްސަސާ ވުޖޫދު ވެފައިވަނީ، 17 ޑިސެންބަރު 2020 ދުވަހު، އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އެވެ.

.