Advertisement

ރައިޓްސް އޮފީހަށް ގިނައިން ހުށަހަޅަނީ އިންތިގާލީ އޮފީހަށް ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް: އޭޖީ

6 މާރިޗު 2024 - 14:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: ގިނަ ޝަކުވާ ލިބުނީ ކުރީގެ ސަރުކާރުގެ އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ރައިޓްސް އޮފީހަށް ގިނައިން ހުށަހަޅަނީ އިންތިގާލީ އޮފީހަށް ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް: އޭޖީ

6 މާރިޗު 2024 - 14:21 0

އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށުން ސަރުކާރުން ގާއިމުކުރި ސިވިލް ރައިޓްސް އޮފީހަށް އެންމެ ގިނައިން ހުށަހަޅަނީ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަަމަ 100 ދުވަހަށް ރާވާފައިވާ "ހަފުތާ 14" މަގު ޗާޓުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކުރުމަށް ހަވާލުކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފެރެންސްގައި އޭނާ ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހާ ގުޅޭ ގޮތުން ލިބުނު ޝަކުވާތައް ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ގިނަ ޝަކުވާ މި އައީ، ކުރިން އޮތް އިންތިގާލީ އިންސާފުގެ އޮފީހަށް، އޮމްބަޑްޕާސަންއަށް ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް،" އުޝާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޑިސެމްބަރު 2020، ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން އެކުލަވާލި އޮފީހެކެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އޮފީހަށް ދީފައިވާ މެންޑޭޓު ފުރިހަމަ ކުރުމަށް ދިން ފަހުގެ މުއްދަތަކީ ނޮވެމްބަރު 17، 2023 އެވެ. އެއީ އާ ސަރުކާރުގެ ރިޔާސީ ދައުރު ފެށޭ ދުވަހެވެ.

އެ ގާނޫނުގެ ދަށުން 30 މައްސަލައެއް ބަލައި ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ޝަރީއަތަށް މައްސަލަ ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ތާރީހުގައި ފޮނުވާފައިވެ އެވެ. އުޝާމް މިއަދު ވިދާޅުވީ އެ މައްސަލަތަކުގައި ވެސް "ކޭސް ނަންބަރު" ފިޔަވައި އެއްވެސް ތަފުސީލެއް އަދި ލިޔެކިޔުމެއް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނެތް ކަމަށެވެ.

އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވީ އެ އޮފީހުގެ ލިޔެކިޔުންތައް ބަލައި ސާފުކުރި އިރު އެއްވެސް ތަރުތީބަކުން ލިޔެކިޔުންތައް ބަލަހައްޓާފައި ނެތް ކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ޝަރީއަތަށް ހުށަހަޅަން ޖެހޭ 30 މައްސަލައެއް މިއީ [ގެއްލުމުގެ ބަދަލު ހޯދަން]، ކޭސް ނަންބަރު ފިޔަވައި އެއްވެސް ލިޔެކިޔުމަށް އޭޖީ އޮފީހަށް ހުށަހަޅާފައެއް ނުވޭ، އަޅުގަނޑުމެން ފުރަތަމަ މި ޖެހުނީ މީގެ ވެސް ލިޔެކިޔުންތައް ލޮކޭޓު ކުރަން،" އުޝާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި އެ އޮފީހުގެ މަސައްކަތްތައް ނިމުނު ގޮތުގެ ރިޕޯޓެއްގައި، 465 މައްސަލައެއް ބަލައި، 453 މައްސަލައެއް ބަލައި ނިންމި ކަމަށް ލިޔެފައިވީ ނަމަވެސް އެއްވެސް ތަރުތީބެއް އަދި ހަމައެއް ލިޔެކިޔުންތަކުގައި ނެތް ކަމަށް އުޝާމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އުޝާމް ޔަގީންކަން ދެއްވީ އެ އޮފީހުގައި މިހާރު ގާއިމުކޮށްފައިވާ ސިވިލް ރައިޓްސް އޮފީހުން އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"މި 30 މައްސަލައަށް ގޮތެއް ނިންމުމާއެކު، އެކުލަވާލާފައި މި އޮތް ސިވިލް ރައިޓްސް އޮފީހަށް ހުށަހެޅުނު ގިނަ މައްސަލަތަކަށް ވެސް އޭގެ ފަހުން ހައްލުތަކެއް ހޯދައިދެވޭނެ ކަމަށް މި ބަލަނީ، ވަކި ޓީމެއް ނަގައިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މި ދަނީ،" އުޝާމް ވިދާޅުވި އެވެ.