17 އޮކްޓޯބަރު 2023 - 14:24 0
ސާއިފް ޝިޔާދު
ޕޮލިސް ކޮމިޝަނަރު ހަމީދު. އަންނަ ނޮވެމްބަރު 11 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން އޭނާ ވަނީ ނިންމަވާފައި --- ފޮޓޯ
17 އޮކްޓޯބަރު 2023 - 14:24 0
ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއްވަރެއްގައި ދެމެހެއްޓުމުގެ ގޮތުން އެކުލަވާލާ ފުލުުހުންގެ ޕްރޮފެޝަނަލް ފްރޭމްވޯކް ނުވަތަ ކޮމްޕެޓެންސީ ފްރޭމްވޯކު އަންނަ މަހު ތަސްދީގުކޮށް އަމަލުކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފައިވާކަން ހާމަކުރައްވާފައި ހަމީދު މިއަދު ފުލުހުންގެ ބްލޮގުގައި ލިޔުއްވި ލިޔުމުގައި ވަނީ އޭނާ މަގާމުން ރިޓަޔާވުމުގެ ކުރިން އެ ފްރޭމްވޯކުގައި ސޮއިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން, ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ އެންމެ އިސް ލީޑާޝިޕްގައި ތިއްބެވި އޮފިސަރުންގެ ރޭންކުތަކުގެ މަސައްކަތްތަކާއި މަގާމު އަދާކުރުމަށް ހަމަވާން ޖެހޭ އަސާސީ ޝަރުތުތައް ފައިނަލް ކުރާނެ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.
އެއާއެކު ފުލުހުންގެ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ފުލުހުންގެ ކޮންމެ ރޭންކަކަށް ނުވަތަ މަގާމަކަށް ނަގާ މީހެއްގެ ކިބައިގައި ހުންނަން ލާޒިމުވާ ޕްރޮފެޝަނަލް އަދި ޕާސަނަލް ކޮލިޓީތައް ބަޔާންކުރާ ފްރޭމްވޯކެކެވެ.
"އޭގެ އަލީގައި ހުނަރު ލައިދިނުން, އެކި ލެވެލުގައި ތަމްރީނު ކުރުން, ޕްރޮމޯޝަން ދިނުން, ޓެލެންޓު ނުވަތަ ސްކިލް ލެވެލް ދެނެގަނެވި ޖުމުލަ ގޮތެއްގައި މުޅި އެންމެން ޕްރޮފެޝަނަލައިޒް ކުރުވާނެ," އެ ފްރޭމްވޯކާ ގުޅޭގޮތުން "އަދަދު" އިން ސުވާލުކުރުމުން ހަމީދު ވިދާޅުވި އެވެ.
އެ ފްރޭމްވޯކް އެކުލަވާލުވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2011 ގައި ކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެ ފަހުން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން ފެށީ 2019 ގަ އެވެ.
އޭގެ އިތުރުން, މި ފްރޭމްވޯކް އެކުލަވާލުމަށް އިނގިރޭސިވިލާތުގެ ކަމާބެހޭ މާހިރަކާ އެކު ފުލުހުންގެ ޓީމަކުން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމީދު ވަނީ ފުލުހުންގެ ތެރެއަށް އަނބުރާ އައިސް ހިދުމަތް ކުރުމުގައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ފުލުހުންގެ މުސްތަގުބަލުގެ ލީޑާޝިޕް އުފެއްދުމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން މަސައްކަތްކުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
Comment