Advertisement

ދަނގެތިން ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ

14 އޮކްޓޯބަރު 2023 - 15:49 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އދ. ދަނގެތި -- ފޮޓޯ: ވިޒިޓް ދަނގެތި/ ފޭސްބުކް


ދަނގެތިން ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަނީ

14 އޮކްޓޯބަރު 2023 - 15:49 0

އދ. ދަނގެތިން ކުޑަ ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނީ ގެއްލިގެން ހޯދަމުން އަންނަ މީހާ އަކީ މިއަދު ފަތިހު ކުޑަ ދޯންޏެއްގައި މަހަށް ނިކުތް މީހެއް ކަމަށެވެ.

އޭނޭ ދަތުރުކުރި ދޯނި އެއަތޮޅު ރަންވެލި ރިސޯޓު ކައިރިން ފެނިފައިވާކަމަށާއި، އެ ދޯނި ފެނުނު އިރު އޭގައި އޭނާ ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ގެއްލިގެން ހޯދަނީ 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެންމެ ފަހުން ފެނުނު އިރު އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 11:42 ގައި ކަމަށް މީޑިއާ އޮފިޝަލު ބުންޏެވެ.

ދަނގެތީ ކައުންސިލަރު އަހުމަދު އަބްދުއް ސަމަދު "އަދަދު"އަށް ވިދާޅުވީ، ގެއްލިގެން ހޯދަނީ އެރަށު ޔޫސުފް އިބްރާހިމް ކަމަށެވެ.

"މިރަށުގަ ހުރި އެންމެ ވަރުގަދަ ކެޔޮޅު އެއީ. ކޮންމެ ދުވަހަކު ފަތިހު އޭނާ މަހަށް ދާނެ. އެގޮތުން މިއަދުވެސް ދިޔައީ" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ޔޫސުފް ދަތުރުކުރި ދޯނި ފެނުނީ ވެއްޔަށް ދިޔަ ބަޔަކަށް ކަމަށާއި، ދޯނި ފެނުނީ ރަށާ ކައިރިން ކަމަށެވެ.

އަދިވެސް ރަށްކައިރިން ޔޫސުފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލަރު އަހުމަދު ވިދާޅުވި އެވެ.