26 އޮގަސްޓު 2025 - 09:10 0
އަހުމަދު އާއިދު
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ވޯޓާ ތީމް ޕާކު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ: އަތޫފް އާތިފް/އަދަދު
26 އޮގަސްޓު 2025 - 09:10 0
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުހަށް އޮންނަ ވޯޓާ ތީމް ޕާކު ސަރަހައްދުގައި މަރުވެފައި އޮއްވާ ރޭ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާގެ ހަށިގަނޑު ފެނިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފެށީ ރޭ އިރާކޮޅު އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށެވެ. އޭނާގެ ހަށިގަނޑު އޮތީ ކުނިވެފައިވާ ކަމަށާއި އެއީ ކާކުކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހެއް ކަމަށް ބެލެވިދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކޮން ގައުމެއްގެ، ކޮން ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ގެއްލިގެން ހޯދަމުން ދިޔައީ ނޭޕާލް މީހެކެވެ. އެކަން ފުލުހުން ރަސްމީކޮށް ކަަށަވަރުކޮށްދީފައެއް ނުވެ އެވެ.
މާލޭ ސަރަހައްދުން ގޮތް ނޭގޭ މަރުތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައިގެން ވެސް ފުލުހުން ތަހުގީގުކޮށްފައި ވެ އެވެ. ނަމަވެސް މި ތަހުގީގުތަކާއި ގުޅޭ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
Comment