Advertisement

މިހާރު އެ ފެންނަނީ ތަފާތު މާޒިޔާއެއް: މޯހަން ބަގާން ކޯޗު

1 އޮކްޓޯބަރު 2023 - 21:32 0


މިހާރު އެ ފެންނަނީ ތަފާތު މާޒިޔާއެއް: މޯހަން ބަގާން ކޯޗު

1 އޮކްޓޯބަރު 2023 - 21:32 0

މިދިޔަ ސީޒަނާ އަޅާކިޔާއިރު، މި ވަގުތު ފެންނަން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތަފާތު ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް މާދަމާ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗެއްގައި ނުކުންނަ އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްގެ ސްޕެއިން ކޯޗު ޖުއާން ފެރާންޑޯ ބުނެފި އެވެ.

ޖުއާންގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގެ އޭއެފްސީ ކަޕްގައި ކަލްކަތާގައި ކުޅުނު މެޗުން މާޒިޔާ އަތުން މޯހަން ބަގާން ވަނީ 5-2 އިން މޮޅުވެފަ އެވެ.

އެކަމަކު، އޭރު މެޗު ކުޅުނު ހާލަތާއި މިހާރު ފެންނަން ހުރި ކަންކަން ތަފާތު ކަމަށް ޖުއާން ގަބޫލުކުރެ އެވެ.

"މި މެޗު ހާއްސަ، އެއީ މާޒިޔާ ކުރިން ކުޅުނު މެޗުން މޮޅުވެފައި އެ އޮތީ، އަހަރެމެން އެބަޖެހޭ އެންމެ ރަނގަޅަށް ކުޅެން. އެއީ މި ވަގުުތު ފެންނަން އޮތް މާޒިޔާ ޓީމު މިދިޔަ ސީޒަނާ ބަލާއިރު ތަފާތު. މިއީ ފަސޭހަ ވާނެ މެޗެއް ނޫން، އަހަރެމެން ތިން ޕޮއިންޓް ހޯދަން ރަނގަޅު ފައިޓެއް ދޭން ޖެހޭ،" މާދަމާގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުއާން ބުންޏެވެ.

ޖުއާން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަތުން 3-1 އިން މޮޅުވި ނަތީޖާ އަށެވެ. ބަޝުންދަރާ އަކީ މި ފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކޮލިފައިން ކުޅުނު ޓީމަކަށް ވެފައި، އެ ޓީމު އަތުން މާޒިޔާ ހޯދި މޮޅަކީ މޯހަން ބަގާން އިން ވެސް "ވިސްނަން ޖެހޭ ކަމެއްގެ ގޮތުުގައި" ޖުއާން ގަބޫލުކުރެ އެވެ.

"މާޒިޔާގައި މިހާރު ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ވަރަށް ރަނގަޅު. މާޒިޔާގައި ތިބި ގައުމީ ލެވަލްގެ ކުޅުންތެރިންގެ ފެންވަރު ވެސް އެ އަންނަނީ ރަނގަޅުވަމުން،" ޖުއާން ބުންޏެވެ.

"ޔަގީނުން ވެސް މާޒިޔާ ކުރިއެރުން ހޯދައިފި، އެ މީހުންނާ ދެކޮޅަށް އަހަރެމެން އެންމެ ފަހުން ކުޅުނު މެޗަކީ މިހާރު މާޒީ. މާޒިޔާ ކޮޅަށް މިދިޔަ ފަހަރު އަހަރެމެންނަށް ގޯލު ޖެހުނީ އެ މީހުން ހެދި ގޯސްތަކަކުން މި ފަހަރު އެކަންކަން އެ މީހުން ރަނގަޅުކޮށްފައި އެ އޮތީ. މިދިޔަ ފަހަރު އަހަރެމެންގެ ވެސް އެ މީހުންގެ ވެސް ޕްލޭން ތަފާތު. މާޒިޔާ ބޯޅަ ހިފަހައްޓައިގެން ކުޅޭ، މިއީ ބޮޑު ދަނޑެއްގައި ކުޅޭ މެޗެއް، އެ މީހުންނަށް ޖާގަ ދިން ވަރަކަށް އަހަރެމެންނަށް ނުރައްކާ ބޮޑުވާނެ،"

މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕްގައި ކުޅެމުން އަންނަނީ ބިދޭސީ ހަ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ.

މޯހަން ބަގާން ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުން ރަށުންބޭރުގައި އޮޑިޝާ އަތުން 4-0 އިން މޮޅުވެފަ އެވެ.

ޖުއާން ބުނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ހަ މެޗުގެ ތެރެއިން އަމިއްލަ ދަނޑުގައި ކުޅޭ ތިން މެޗަކީ ވެސް ފައިނަލްތަކެއް ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މީގެއިން އެއްވެސް މެޗެއްގައި ޕޮއިންޓް ގެއްލުމަކީ ބޮޑު ގެއްލުމަކަށް ވާނެ ކަމެއް ކަމަށް ޖުއާން ގަބޫލުކުރެ އެވެ.

މާޒިޔާ އާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ 19:00 ގަ އެވެ.