Advertisement

ރިޒާވް ޓީމު ގެނައީ ހާލަތުގެ ގޮތުން، އޭއެފްސީ ކަޕަށް އިހުތިރާމް ނުކުރާތީއެއް ނޫން: މޯހަން ބަގާން

11 ޑިސެންބަރު 2023 - 20:52 1

މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ކްލިފޯޑް.-


ރިޒާވް ޓީމު ގެނައީ ހާލަތުގެ ގޮތުން، އޭއެފްސީ ކަޕަށް އިހުތިރާމް ނުކުރާތީއެއް ނޫން: މޯހަން ބަގާން

11 ޑިސެންބަރު 2023 - 20:52 1

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗަށް ރިޒާވް ޓީމު ގެނައީ ހާލަތުގެ ގޮތުން ކަމަށާއި އެއީ އޭއެފްސީ ކަޕަށް އިހުތިރާމް ނުކުރާތީ ކުރި ކަމެއް ނޫން ކަމަށް މޯހަން ބަގާން ސުޕަ ޖަޔަންޓްސްގެ އެސިސްޓަންޓް ކޯޗު، ކްލިފޯޑް މިރަންޑާ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ތިނެއް ޖެހިއިރު ފެށި މެޗުން، މޯހަން ބަގާން އަތުން މާޒިޔާ މިއަދު މޮޅުވީ 1-0 އިންނެވެ.

މި މެޗުގެ ކުރިންނާއި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފައިވަނީ މޯހަން ބަގާން އިން މި މެޗަށް ދަށް ޓީމެއް ގެނައީ މުބާރާތަށް އިހުތިރާމް ނުކުރާތީ ކަމަށެވެ.

މިލޯގެ މި ތުހުމަތާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން، ކްލިފޯޑް ބުނީ މާޒިޔާ ކޯޗު މިލޯގެ އެ އިހުސާސްތަކަށް އެ ގޮތަށް ހުރި ސަބަބު ބަލައިގަންނަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް ހަގީގަތަކީ މޯހަން ބަގާން އިން މި މެޗަށް މޯހަން ބަގާން އިން ރިޒާވް ކުޅުންތެރިން ގިނައިން ހިމެނޭ ޓީމެއް ގެންނަން ޖެހުނީ ހާލަތުގެ ގޮތުން ކަމަށް ކްލިފޯޑް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

"ހަގީގަތަކީ އަހަރެމެންގެ 12 ކުޅުންތެރިން އަނިޔާގައި ތިބީ. އަހަރެމެންނަށް މި މެޗަށް ޓީމެއް ގެނެވުނުކަން ވެސް އެއީ ވަރަށް ބޮޑު ވަރު ހާލަތުގެ ގޮތުން ބަލާއިރު. ދެން އަހަރެމެންގެ ކޯޗު (ސްޕެއިންގެ ޖުއާން ފެރާންޑޯ) ބަލިވެ މިދިޔަ ދެތިން ދުވަހެއް އުޅުނީ، ރިސްކެއް ނަގާފައި (ރާއްޖެ އަށް) އަންނަން ވެސް ފުރަތަމަ ވިސްނި. އެކަމަކު، ފަހުން މުޅި ޓީމުން ވިސްނާފައި ނިންމީ ކޯޗު ވެސް މަޑުކޮށްލަން،" އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ކްލިފޯޑް ބުންޏެވެ.

"ޔަގީންކަމާ އެކު ބުނަން ކެރޭ، އަހަރެމެން އެ ކްލަބަށް (މާޒިޔާ އަށް) އަދި މި މުބާރާތަށް (އޭއެފްސީ ކަޕް އަށް) ވެސް އިހުތިރާމް ކުޑަކަމެއް ނުކުރަން،"

މޯހަން ބަގާން އިން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިއަދުގެ މެޗުގައި، މި ލެވަލްގެ ތަޖުރިބާ މަދު ކުުޅުންތެރިންތަކެއް ގޮވައިގެން، އަމުދުން ހޫނު ގަދަ ވަގުތެއްގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށް ކްލިފޯޑް ވަނީ ބުނެފަ އެވެ. އަދި، މިއީ، މި ސީޒަނުގައި ވެސް މޯހަން ބަގާން އިން ތިނެއް ޖެހިއިރު، މެޗެއް ކުޅުނު ފުރަތަމަ ފަހަރުކަމަށް ވެސް ކްލިފޯޑް ވަނީ ބުނެފަ އެވެ.

މާޒިޔާ އިން މޮޅަށް ކުޅުނުކަން ފާހަގަކޮށް، ކްލިފޯޑް ބުނީ މޯހަން ބަގާންގެ ޒުވާން ކުޅުންތެރިންނަށް މި މެޗުން މުސްތަގުބަލުގައި ބޭނުންހިފޭނެ ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށެވެ.

މާޒިޔާގެ ކޯޗު، މިލޯ ބުނީ އެ ޓީމުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ކަމަށާއި މިއީ "ހަތެއް ނޫނީ އަށް" ވަރަކަށް ގޯލު ޖަހާނެ ފުރުސަތު ލިބުނު ދުވަހެއް ކަމަށެވެ.

މޯހަން ބަގާން އިން މި މެޗަށް ދަށް ޓީމެއް ފޮނުވުމުން ގިނަ ގޯލުތަކެއް ޖަހައި، އެ ޓީމަށް "ފިލާވަޅެއް" ދޭން ބޭނުންވި ކަމަށް މިލޯ ބުންޏެވެ.

"އުފާވޭ އަހަރެމެން ރަނގަޅު ފުޓްބޯޅައެއް ކުޅުނީމަ، މިއީ ނަސީބުން ލިބުނު ފުރުސަތުތަކެއް ނޫން، މަސައްކަތް ކޮށްގެން ހޯދި ފުރުސަތުތަކެއް، މޮޅުވީމަ އުފާވޭ. މި މެޗުން ވެސް އެނގުނު ބައެއް ކަންތައްތަކަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ރަނގަޅު ކުރެވިދާނެ ކަންކަން އެބަހުރިކަން،" މިލޯ ބުންޏެވެ.

"އަހަރެންގެ (މާޒިޔާގެ) ކުޅުންތެރިންނަށް ޝުކުރު އަދާކުރަން ޕްރޮފެޝަނަލްކޮށް މި މެޗު ނަގައިގެން ކުޅުނީމަ، އަހަރެމެން މި ތިބީ ރާއްޖޭގައި، ކޮންމެ މެޗަކަށް އަހަރެެމެން ރެސްޕެކްޓް ކުރަން. އެ މީހުން (މޯހަން ބަގާން) ހެންނެއް ނޫން، ދެ ވަަނަ ޓީމު ފޮނުވަން. އެހެންވެ، އަަހަރެން ބޭނުންވި ގިނަ ގޯލު ޖަހާފައި ފިލާވަޅެއް ދޭން. އެއީ އިހުތިރާމް ކުރަން ޖެހޭ މުބާރާތަށް،"

މި މެޗުގައި މާޒިޔާގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިލޯ ބުނީ ހަންނަގެ ފަރާތުން ފެނުނީ ވަރަށް މޮޅު ގޯލެއް ކަމަށާއި އެކަމަކު މި މެޗުގައި މާޒިޔާގެ ކުޅުންތެރިން އަތުން ގެއްލުނު ފުރުސަތުތަކަކީ ހަގީގަތުގައި ކަންކަން ރަނގަޅުކޮށް، ގޯލު ޖަހަން ޖެހޭ ފުރުސަތުތަކެއް ކަމަށެވެ.