Advertisement

އޭއެފްސީ ކަޕް: ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި

11 ޑިސެންބަރު 2023 - 17:15 0

މާޒިޔާގެ ހަންނަ މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އޭއެފްސީ ކަޕް: ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި

11 ޑިސެންބަރު 2023 - 17:15 0

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސް އަަތުން 1-0 އިން މޮޅުވެއްޖެ އެވެ.

މިއީ މޯހަން ބަގާން އަތުން މާޒިޔާ ހޯދި ތިން ވަނަ މޮޅެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި ތިން މެޗުން ވެސް މޮޅުވީ މޯހަން ބަގާން އެެވެ. އޭގެ ތެރޭގައި މި ފަހަރުގެ އޭއެފްސީ ކަޕްގައި ކަލްކަތާގައި 2-1 އިން މޯހަން ބަގާން މޮޅުވި މެޗު ހިމެނެ އެވެ.

މިއަދުގެ މެޗުގެ ކުރިން، އެންމެ ފަހުން، މާޒިޔާ އިން މޯހަން ބަގާން ބަލިކުރީ 2017 ވަނަ އަހަރު އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗަށް މާޒިޔާ އާއި މޯހަން ބަގާން އިން ނުކުތްއިރު ވެސް ދެ ޓީމަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ނެތެވެ. އެހެންވެ، މޯހަން ބަގާން އިން މި މެޗަށް އައީ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންނާއި ހެޑް ކޯޗު ޖުއާން ފެރާންޑޯ ނުލަ އެވެ. ރިޒާވް ޓީމުގެ ގިނަ ކުޅުންތެރިންނަށް މޯހަން ބަގާން އިން ފުރުސަތު ދިން މި މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ކްލިފޯޑް މިރަންޑާ އެވެ.

މާޒިޔާގެ ގޯލު ޖެހި ހަންނަ (ކ) އެ ޓީމުގެ ސިފާއު (ވ)އާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިއަދުގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ މެޗުގެ 40 ވަަނަ މިނިޓްގައި މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ، އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ މޯހަން ބަގާންގެ ކީޕަރު، އާރްޝް އަންވަރު ޝެއިހް އަތްމަތިން ގޮސް، މަތީ ކަަނަށެވެ. އޭގެ ކުރިން، މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް އައިސަމް ޖެހި ބޯޅަތަކެއް ކީޕަރު އާރްޝް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖަހަން މާޒިޔާގެ ސާބިއާ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފުގައި ވެސް ބަދަލުތަކެއް ގެނެސްގެން މާޒިޔާ އިން ރަނގަޅު ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު، ދެ ވަނަ ގޯލެއް ޖެހޭ ގޮތެއްނުވި އެވެ. ހަންނަ، ގޯލު ކުރިމަތިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އައިސަމް ޖެހި ޝޮޓް ވެސް ދިޔައީ ދަނޑިކައިރިންނެވެ.

ބަދަލަކަށް ކުޅެން އަރައި، ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން ހުސްކޮށް އަރައި ހަމްޕު ޖެހި އެއް ބޯޅަ ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައިރު، އޭރިއާތެރެއިން ޖެހި ޝޮޓެއް ވަނީ ކީޕަރު އާރްޝް އަތުގައި ޖެހިފައި ދަނޑިއަށް ވެސް އަމާޒުވެފަ އެެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ރީބައުންސް ނުކުތްވަގުތު މާޒިޔާގެ ގާނާ މިޑްފީލްޑަރު، ރީގަން އޮބެން ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ވަނީ އޮފްސައިޑްވެފަ އެވެ.

މި މެޗުން މޮޅުވި ނަމަވެސް މާޒިޔާ އިން ގްރޫޕް ޑީ ނިންމާލީ ފުލުގަ އޮވެ އެވެ. އެ ޓީމަށް ހަ މެޗުން ލިބުނީ ހަ ޕޮއިންޓެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި، މާޒިޔާ މޮޅުވީ ފުރަތަމަ މެޗުން މާލޭގައި ބަޝުންދަަރާ ކިންގްސް އަތުންނާއި މިއަދު މޯހަން ބަގާން އަތުންނެވެ.

މިިދިޔަ ދެ ސީޒަނުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓީމުތައް ވާދަކުރާ މި ގްރޫޕުން އެއް ވަަނަ ހޯދި މޯހަން ބަގާން މި ފަހަރު، ގްރޫޕްގެ ތިން ވަނަ ދިޔައިރު، ހަ މެޗުން އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިިބިފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނަ ހޯދައި، އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދާނެ ޓީމެއް އެނގޭނީ މިރޭ އިންޑިއާގެ ބުބަނޭޝްވަރުގައި އޮޑީޝާ އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ކުޅޭ މެޗުންނެވެ. މި ވަގުތު ބަޝުންދަރާ ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑީޝާ އަށް ފަސް މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.