11 ޑިސެންބަރު 2023 - 08:33 0
މޯހަން ބަގާން ސުޕަ ޖަޔަންޓްސްގެ ކޯޗު ޖުއާން ފެރާންޑޯ: މިއަދުގެ މެޗަށް އެ ޓީމުން މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޖުއާން ޓީމާ އެކު އައިސްފައެއް ނުވޭ.
11 ޑިސެންބަރު 2023 - 08:33 0
އޭއެފްސީ ކަޕްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނަ މެޗަށް އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސް ޓީމުން ހެޑް ކޯޗާއި ސީނިއާ ކުޅުންތެރިން ބައިވެރިނުކުރަން ނިންމައިފި އެވެ.
މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މި ހަފްތާގައި ކުޅޭއިރު، ރާއްޖޭގެ މާޒިޔާ އާއި މޯހަން ބަގާން އަށް ދެ ވަނަ ބުރުގެ ފުރުސަތެއް ނެތެވެ. ނޮކްއައުޓް ބުރުގެ ފުރުސަތު އޮތީ އެއް ވަނައިގައި އޮތް ބަޝުންދަރަ ކިންގްސް އާއި އޮޑީޝާ އެފްސީ އަށެވެ.
ފަހު މެޗަށް ނުކުންނައިރު މުބާރާތުން ކަޓާފައި އޮތުމުން މޯހަން ބަގާން އިން ނިންމީ މުހިންމު ކުޅުންތެރިން މި މެޗުގައި ނުކުޅުވާށެވެ. މި ގޮތުން ޓީމުގެ ސީނިއާ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިންނާއި ކޯޗު ޖުއާން ފެރާންޑޯ ވެސް ޓީމާ އެކު ދަތުރެއް ނުކުރެ އެވެ. ޓީމާ ހަވާލުވެގެން އައީ އެސިސްޓަންޓް ކޯޗު ކްލިފޯޑް މިރާންޑާ އެވެ.
މާޒިޔާ މެޗަށް މާލެ އައި ޓީމުގައި ހިމެނެނީ މޯހަން ބަގާންގެ ސީނިއާ ޓީމްގެ ވެސް މަދު ކުޅުންތެރިންތަކެކެވެ. ދެން ޓީމްގައި ހިމަނާފައިވަނީ ކަލްކަތާ ލީގުގައި ކުޅެމުން އަންނަ އެ ކުލަބުގެ ރިޒާވް ޓީމުގެ ކުޅުންތެރިންނެވެ.
މާދަމާގެ މެޗު ސީރިއަސްކޮށް ނަގަން ބޭނުންނުވެ، މާޒިޔާ އަށް އިހުތިރާމް ނުކުރަނީތޯ އެހުމުން މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ކްލިފޯޑް ބުނީ ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އެ ޓީމަށް އަނިޔާގެ މައްސަލަތައް ދިމާވީި ކަމަށެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިން ހުންއައިސް އުޅޭތީ އެކަމުގެ ސަބަބުން ވެސް ޓީމާއިއެކު ދަތުރު ނުކުރާ ކަމަށެވެ.
މޯހަން ބަގާންގެ އެސިސްޓަންޓް ކޯޗު ކްލިފޯޑް މިރަންޑާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
މިރާންޑާ ބުނީ މާލެ އައީ އެ ޓީމްގެ 13 ކުޅުންތެރިން ކަމަށާއި، މިއީ ޒުވާން ކުޅުންތެރިންނަށް މި ލެވެލްގައި ކުޅެލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
"13 ކުޅުންތެރިން މިތިބީ. ބައިވަރު އިންޖަރީތައް އެބަހުރި ޓީމްގައި. 12 ކުޅުންތެރިއަކު އުޅެނީ އަނިޔާގައި. ދެން އެބައުޅޭ އެހެންކަންކަން ވެސް. މާދަމާ (މިއަދު)ގެ މެޗުގައި ކުޅުންތެރިއަކަށް އަނިޔާވެއްޖެއްޔާ އުނދަގޫ ހާލަތަކަށްދާނެ މެޗުގައި" އިންޑިއާގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ މިރާންޑާ ބުންޏެވެ.
އޭނާ ބުނީ މޯހަން ބަގާން އިން މާޒިޔާ އަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށާއި، މި މެޗު ސީރިއަސްކޮށް ނަގާ ކަމަށެވެ. ޓީމުގައި ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާކަމަށާއި، މި ވަގުތު އެކުލަބަށް މުހިންމީ އުނދަގޫ ދަނޑިވަޅުގައި ޒުވާން ކުޅުންތެރިން ބޭނުންކުރުން ކަމަށެވެ.
މިރާންޑާ ވަނީ މި ސަރަހައްދުގެ ޓީމްތައް ހިމެނޭ އޭއެފްސީ ކަޕްގެ ގްރޫޕް ވަރުގަދަކަން ފާހަގަކޮށްފަ އެވެ. ފުރަތަމަ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އޭރު އެއް ވަނައިގައި އޮތް މޯގަން ބަގާން އަށް މައްސަލަ ކުރިމަތިވީ ޖެހިގެން އައި ދެ މެޗުގައި ބަލިވުމުންނެވެ.
މިރާންޑާ ބުނީ ރަނގަޅު ހިސާބެއްގައި އޮތުމަށްފަހު ފަހު ތިން މެޗުގެ ނަތީޖާ ގޯސްވެގެން ކަޓައިގެންދިޔުމަކީ ގަބޫލުކުރަންވެސް އުނދަގޫކަމެއް ކަމަށެވެ.
މޯހަން ބަގާން އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިއަދު ތިނެއް ޖަހާއިރު އެވެ.
Comment