21 ސެޕްޓެންބަރު 2023 - 16:01 0
އާމިނަތު ނިއުޝާ
21 ސެޕްޓެންބަރު 2023 - 16:01 0
ކޭޕާކް ރެސިޑެންސްގެ މައްސަލާގައި އެޗްޑީސީން އެޕާޓްމެންޓު ގަތް މީހުންނަށް އެއްބާރުލުން ނުދޭކަމަށް ބުނެ އެޑްވޮކަސީ ޗެމްބާސްއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައިވާ ވާހަކަތައް ދޮގުކޮށް، އެ ލޯފާމުގެ ހައިސިއްޔަތަކީ ކޮބައިކަމާމެދު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސުވާލު އުފައްދައިފި އެވެ.
ހަންބޯއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އާބަންކޯއާއެކު އެކުންފުނިން ވެފައިވާ އެއްބަސްވުމަކީ ވިޔަފާރީގެ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމާ ގުޅޭ ކަންކަން ނިންމާނީ އެކުންފުނިން ކަމަށެވެ.
"މި އެއްބަސްވުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ނިންމާނީ މިކުންފުނީގެ ފަރާތުންނެވެ. އެއްބަސްވުމުގައި ނުހިމެނޭ ފަރާތްތަކުން އެކަމުގައި ބަސްބުނެ ފާޑު ކިޔުމަކީ ގާނޫނީ ގޮތުން ތަންދޭ ކަމެއް ނޫނެވެ." ހަންބޯއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ކޭޕާކް އެޕާޓްމެންޓުތައް ގަތް 60 މީހުން ތަމްސީލުކޮށް އެޑްވޮކަސީ ޗެމްބާސް ލޯފާމުން ނެރުނު ބަޔާނުގައި ހިމަނާފައިވަނީ ދޮގު މައުލޫމާތު ކަމަށާއި، އެ ލޯފާމުން މިދިޔަ ޖޫން މަހު ފޮނުވި ސިޓީއެއްގައި އެ ލޯފާމުން ތަމްސީލު ކުރަނީ 57 މީހެއް ކަމަށް ބުނެފައިވާކަމަށް ވެސް ހަންބޯއިން ބުނެފައި ވެއެވެ.
އެޑްވޮކަސީ ޗެމްބާސްއިން އެދިފައި ވަނީ ބައްދަލުވުމެއް ބޭއްވުމަށް ކަމަށާއި، އެ ބައްދަލުވުން އިންތިޒާމުކުރުމަށްޓަކާ ލޯޕާމުން ތަމްސީލުކުރާ މުވައްކިލުންގެ ނަންތަކާއި އެ މުވައްކިލުންގެ އެޕާޓްމަންޓު ނަންބަރުތައް ހިމެނޭ ލިސްޓާއ،ި އަދި އެމުވައްކިލުން ތަމްސީލުކުރުމުގެ ބާރު ވަކީލުންނަށް ދީފައިވާ ޕަވަރ އޮފް އެޓާނީ ހުށަހެޅުމަށް އީމެއިލްގެ ޒަރިއްޔާއިން އެދިފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ އީމެއިލްއާ ގުޅޭ ޖަވާބެއް އެޑްވޮކަސީ ޗެމްބާސްއިން ދީފައި ނުވާކަމަށް ހަންބޯއިން ބުނެ އެވެ.
ކޭޕާކު ޕްރޮޖެކްޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އެކުންފުނީގެ މެޖޯރިޓީ ހިއްސާދާރު، ޗައިނާގެ ޖިން ޝީ ހޫ ވަނީ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ. އެ ތުހުމަތުތައް މަމްދޫހު ދޮގުކުރެ އެވެ.
އެ މައްސަލައިގައި މަމްދޫހު ހައްޔަރުކޮށް ޕާސްޕޯޓު ހިފެހެއްޓި އެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.
ކޭޕާކް ރެސިޑެންސްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި އެޕާޓްމަންޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ހަމްބޯ ކުންފުނިން ބުނެފައި ވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment