25 އޮގަސްޓު 2023 - 16:33 0
މުހައްމަދު ހަމްދޫން
25 އޮގަސްޓު 2023 - 16:33 0
ނޫސްވެރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ފެނުނު ކަންކަން ހިމަނައިގެން، 'މިނިވަން' ނޫހުގެ ކުރީގެ އެޑިޓަރު އިނގިރޭސި ވިލާތުގެ ޑެނިއަލް ބޮސްލޭ ފޮތެއް ލިޔެފި އެވެ.
އިނގިރޭސި ވިލާތުގެ ޕަބްލިޝިން ހައުސް އެއް ކަމަށްވާ މެކްމިލަން ޕަބްލިޝާސްގެ އިންޑިއާ އެޑިޝަނުން އަންނަ ސެޕްޓެމްބަރު މަހު ޝާއިއުކުރާ މި ފޮތުގެ ނަމަކީ 'ޑިސެންޓް އިން ޓު ޕެރެޑައިސް: އަ ޖާނަލިސްޓްސް މެމޮޔާ އޮފް ދަ އަންޓޯލްޑް މޯލްޑިވްސް' އެވެ.
މިހާރު ޕްރީ އޯޑަރުކުރުމަށް ހުޅުވާލާފައިވާ މި ފޮތަކީ، ޕަބްލިޝަރުގެ ނޯޓުގައިވާ ގޮތުން ނަމަ، ދުނިޔެމަތީގެ ސުވަރުގެ ކަމަށް މުޅި ދުނިޔެ އަށް މަޝްހޫރުވެފައިވާ ރާއްޖޭގެ ފޮރުވިފައިވާ ހަގީގަތްތައް ކިޔައިދޭނެ ފޮތެއް ކަމަށެވެ.
ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި 2011 ވަނަ އަހަރު އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ތެރޭ ރާއްޖެ ތައާރަފުވި ބޮސްލޭ ވަނީ އޭގެ ފަހުން ހަތް އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭނާ ވަނީ 'މިނިވަން' ނޫހުގެ އެޑިޓަރުގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން 'އިކޮނޮމިސްޓް' އާއި 'ރޮއިޓާސް' އަށް ރާއްޖޭގައި ހުރެގެން ރިޕޯޓްކޮށްފަ އެވެ.
އެއީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ބޮޑުވި ދުވަސްވަރެއް ކަމުން، ބޮސްލޭ ވަނީ އެ ދުވަސްވަރުގެ ސިޔާސީ ބޮޑެތި ކަންކަމުގެ އިތުރުން މާރާމާރީ އާއި އިޖުތިމާއީ މައްސަލަތައް ކަވަރުކޮށްފަ އެވެ.
ރާއްޖޭގެ ކުޅަދާނަ ފޮޓޯގްރާފަރު އައިޝަތު ނަޖްއާ ކައިވެނިކޮށްގެން އުޅޭ، އަދި އޭނާއާ ގުޅިގެން ތާރީހާއި، ސަގާފާތާ ގުޅޭ ވެބްސައިޓެއް ކަމަށްވާ 'ޓޫ ތައުސަންޑް އައިލްސް' ފެށި ބޮސްލޭ ބުނި ގޮތުގައި ރާއްޖެ އަކީ، ގުދުރަތީ ރީތިކަމުގެ އިތުރުން އެހެން ގޮތްގޮތުން ވެސް ތަފާތު އަދި ޝައުގުވެރި ގައުމެއް ކަމަށެވެ. މި ފޮތުގައި ހިމެނޭނީ ލިޔުންތެރިއެއްގެ ގޮތުގައި ރާއްޖޭގައި ހޭދަކުރި އެ ދުވަސްވަރު ފެނުނު އަޖާއިބުކުރުވަނި ކަންކަމާއި، ގަބޫލުކުރަން ދަތި ކަންކަން ކަމަށް އޭނާ ބުނެފައިވެ އެވެ.
ޓްރެވަލް ރައިޓިން އަދި މެމޮޔާ އަށް ޝައުގުވެރިވާ މީހުންގެ މެދުގައި މަގުބޫލުވާނެ ކަމަށް ބެލެވޭ މި ފޮތާ އެކު، ގުދުރަތީ ރީތިކަމުގެ ތެރެއިން ފޮރުވައިވާ ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ ނުރައްކާތެރި ހާލަތުގެ ފަރުދާ ކެހި ރާއްޖެއާ މެދު އޮތް ވިސްނުން ބަދަލުވާނެ ކަމަށް ޕަބްލިޝަރު ދެކެ އެވެ.
Comment