Advertisement

ފޮތެއްގެ ތައާރަފު؛ އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ

10 ސެޕްޓެންބަރު 2024 - 06:56 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ފޮތެއްގެ ތައާރަފު؛ އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ

10 ސެޕްޓެންބަރު 2024 - 06:56 0

"އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ" މިފޮތަކީ މި ފޮތުގައި ހުރި ގަވާއިދުން ބޭނުންކޮށްފިނަމަ، ދިވެހިންނަށް ވަރަށް ފައިދާހުރި ފޮތެކެވެ. މި ބާވަތުގެ ފޮތެއް އަދި ފެނިފައެއް ނެތެވެ. މި ބާވަތުގެ ފޮތެއް ލިއުއްވައި ނެރުއްވި ކަމާމެދު ވަރަށް އުފާވި އެވެ. މިފޮތް މަހުކަމަތުން މައާރިފުން ބަލައި ފާސްކޮށްފީމެވެ."

މިއީ "އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ" ފާސްކޮށްދެއްވި ކަމުގެ ލިޔުމުގައި މަހުކަމަތުން މައާރިފްގެ ހާއްސަ ވަކީލު، އިސްމާއީލް މުހައްމަދު ދީދީ ލިޔުއްވާފައިވާ އިބާރާތެވެ. ފޮތް ފާސްކޮށްފައި އޮތީ ފެބުރުއަރީ 1، 1950 ގަ އެވެ. މި ފޮތަކީ، ދިވެހި ބޭސްވެރިކަމާ ގުޅޭގޮތުން ރާއްޖޭގައި ފާސްކުރެވި ޝާއިއުކުރެވުނު ފުރަތަމަ ފޮތްކަން، މި އިބާރާތުން އެނގެ އެވެ. މި ފޮތް ފާސްކުރުމުގެ ކުރިންވެސް ރާއްޖޭގައި މޮޅު ބޭސްވެރިންވެސް އުޅުއްވި އެވެ. ރަސްމީ އުސޫލުން ފާސްކުރެވި، އާންމުކޮށް ލިބޭނޭ ގޮތަށް ޝާއިއުކުރެވިފައި ނުވި ނަމަވެސް، ފޮތްތައްވެސް ލިޔެ ގެންގުޅުނެވެ.

"އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ" އަކީ އައްނަބީލު މަލިމް މުހައްމަދު ދީދީގެ ގައުމީ ހިދުމަތެކެވެ. އެއީ އަލްއަމީރު މޫސާ މާފަތް ކަލޭފާނު ނުވަތަ މަލިމް މަނިއްޕުޅާއި، ދަހަރާގެ ތުއްތު ދީދީގެ ދޮންދީދީގެ ބޭފުޅެކެވެ. އުފަންވެ ވަޑައިގަތީ 15 މާރޗް 1896 ގަ އެވެ. ކިޔަވާ ވިދާޅުވީ ހުސެއިން ސަލާހުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުންނާއި، މުހައްމަދު ސައީދު ފަނޑިޔާރު މަނިކުފާނާއި، އައްޝައިހު އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނާއި، އޭރުގެ މަދަރުސަތުއް ސަލާހިއްޔާއިންނެވެ.

އިލްމުވެރިން އަރިހުން އުނގެނި، އިލްމުވެރިވީ މި އާލިމު އަރަބި ބަހާއި އުރުދޫބަސް ރަގަޅަށް ދެނެވަޑައިގަންނަވަ އެވެ. އަދި ކުޑަކޮށް އިގިރޭސިބަސް ވެސް ދެނެވަޑައިގަންނަވަ އެވެ. އަމިއްލަފުޅަށް ކަންކަމާމެދު ވިސްނަވައި، ދެކެވަޑައިގަންނަވާ ގޮތްތަކާމެދު އިލްމުވެރިންނާ ހިޔާލު ބަދަލުކުރައްވައި، މައުލޫމާތު އެއްކުރައްވަމުން އެންމެ ފަހުން ދިވެހިރާއްޖޭގެ ނަންހިނގާ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަތީ އެވެ. ލިޔުންތެރިކަމުގައި އަމަލީ މައިދާނަށް ރަސްމީކޮށް ނުކުމެވަޑައިގަތީ އައްރަފީގު މަޖައްލާއިންނެވެ. އޭގެ ފަހުން އަމިއްލަފުޅަށް ދިރާސާކުރައްވައިގެން އެތައް ފޮތްތަކެއް ލިޔުއްވައި ޝާއިއުކުރެއްވި އެވެ. އެމަނިކުފާނުގެ ފޮތްތަކުގެ ތެރެއިން މި ލިޔުމުގައި ބަލާލަން މި ގަސްތުކުރަނީ "އެކުވެރިންގެ ހަދިޔާ، ވަކި ބޭހުގެ ފައިދާ" މިފޮތުގެ މައްޗަށެވެ.

މަލިމް މުހައްމަދު ދީދީ މި ފޮތް ލިޔުއްވީ އޭނާގެ އެކުވެރިންގެ އެދުމަކަށެވެ. އެކުވެރިން އެކަމަށް އެދުނީ މިފަދަ ފޮތެއް ލިޔެވިފައި ނެތީތީ މީގެ ބޭނުންތެރިކަމުގެ ބޮޑުކަމުންނެވެ. ފޮތުގެ އިސްބަހުގައި މަލިމް މުހައްމަދު ދީދީ ތަކުރާރުކޮށް ވިދާޅުވެފައިވަނީ، "ނިކަމެތި އަޅުގަނޑަކީ އެކަމުގެ އަހުލުވެރިޔަކު ނޫންކަމާއި، އެފަދަ ކަމެއް ލަޔާގަތާއި ގާބިލިއްޔަތު ލިބިހުރި މީހެއް ނޫންކަން ހިތުގެ އަޑީން ގަބޫލުކުރަން" ކަމަށެވެ. އެހެންވިޔަސް، ދިރާސާގެ އުސޫލުތަކުން މައުލޫމާތު އެއްކޮށް، މި ފޮތް ލިޔުއްވުމުގެ މަސައްކަތަށް ފަށްޓަވައިގަތީ ލަކްނޫގެ މައުލަވީ ހަކީމް މުހައްމަދު ފަޟްލުﷲ ލިޔުއްވާފައިވާ ފޮތެއް އަސްލެއްކަމުގައި ބައްލައިގެންނެވެ.

މި ފޮތަކީ ބޭސްވެރިކަމަށް ނުކުންނަ މީހަކު އެކަމުގެ އެދުރަކަށް ހަދައިދޭނޭ ފޮތަކަށްވާއިރު، ފޮތުގެ ދީބާޖާއެއްކަމުގައި ހިޔާރުކުރެއްވީ ބޭސްވެރިންގެ ވާޖިބު ބުނެދިނުމެވެ. ބޭސްކުރުން އާދަކުރާ މީހާ ލިބިގަތުން ވާޖިބު ސިފަތަކުގެ ގޮތުގައި ނުވަ ކަމެއް މިފޮތުގައި ފާހަގަކުރައްވާފައި ވެެއެވެ. އޭގެ ތެރޭގައި، ހަށިގަނޑު ތާހިރު، މޫނުން އުފާވެރި އަދި ބަލި މީހުންނަށް އޯގާވެރި މީހެއްކަމުގައިވުމާއި، ކުޅަ މަސައްކަތެއްގެ މިންވަރަށްވުރެ އިތުރަށް އުޖޫރަ ނުހިފުމާއި، ވަކީން ހާއްސަކޮށް ފަގީރުންގެ އަތުން އުޖޫރަ ނުހިފާ މީހަކަށްވުން އިސްކުރެއްވި އެވެ. މީގެ އިތުރުން، ބަލިމީހާއާއި ބޭސްވެރިކަމުގެ ސިއްރުތަކަށް ރައްކާތެރިވެވޭ މީހަކު ކަމުގައިވުމާއި، އާންމު އަހުލާގުގެ މަތީ ދަރަޖަ ހުރި މީހަކަށްވުން ވެސް ލާޒިމުކުރައްވަ އެވެ. މިއީ ޒަމާނީ ބޭސްވެރިން ނުވަތަ ޑޮކްޓަރުންގެ ކިބައިގައިވެސް ހުރުން ލާޒިމުކުރެވިފައިވާ ޝަރުތުތަކެވެ.

ދެވަނަ ސުރުހީއަކީ އަނެއްކާވެސް ބުނެދިނުމެކެވެ. ބޭހާއި ކާނާއަކީވެސް ދެ ޖައުހަރުކަމަށް މަލިމް މުހައްމަދު ދީދީ ވިދާޅުވެ އެވެ. ވިދާޅުވެދެއްވާފައިވަނީ ވަރަށް ސާދާ ތައާރަފެކެވެ. ބޭހަކީ ބަލި ދުރުކޮށްލުމަށް ނުވަތަ ބަލި ލުއިކުރުމުގެ ގަސްދުގައި، ހަށިގަނޑުގެ އެތެރެފުށުން ނުވަތަ ބޭރުފުށުގައި އަމަލުކުރާ ޖައުހަރަށް ކިޔާ ނަމެވެ. ކާނާއަކީ އެތެރެހަށްޓަށް މަދުވިއެއްޗެއްގެ ބަދަލުގައި ހިފުމަށް އަމަލުކުރެވޭ ޖައުހަރެކެވެ. މިގޮތްމަތީން ބައެއް ހާލުގައި ކާނާއާއި ބޭހަކީ އެއްވަގުތެއްގައި ދެވޭ އެކައްޗެއްކަމުގައި ވެދާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ވިދާޅުވެފައިވަނީ 'މިހުލަބު' ގެ ވާހަކަ އެވެ. މިހުލަބަކީ ހަނޑުލާއި ބަކަރި ކިރު އެއްކޮށްގެން ތައްޔާރުކުރާ ފޮނި ކާއެއްޗެކެވެ. އެއީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ، ދިރުވަން ފަސޭހަ އަދި ރަހަ މީރު ކާނާއެކެވެ. ހަމަ އެއާއެކު، އެއީ މައިދާ ފަސާދަވެ ހަޖަމު ނުބައިވުމުން އެކަމަށް ބޭނުންކުރަން އެންމެ ރަނގަޅު އެއްފަރުވާ ކަމަށްވެސް މަލިމް މުހައްމަދު ދީދީ ވިދާޅުވެ އެވެ.

ފޮތުގެ ފުރަތަމަ ބާބުގެ ސުރުހީތައް ބަހާލެވިފައިހުރީ އާންމު ބުނެދިނުން ތަކުގެ މައްޗަށެވެ. ވިހަ އަކީ ކޮބައިކަމާއި، ފޮރުވާފައި ބެހެއްޓޭ ބޭހާއި ވަގުތުގެ ބޭހުގެ ތަފާތާއި، ބޭރުފުށުގެ ބޭހާއި އެތެރެފުށުގެ ބޭހުގެ ތަފާތާއި، އުމުރުފުރާއަށް ބަލައި ބޭސް ދިނުުގެ މިންވަރު ބަޔާންކުރާ އާންމު ގަވާއިދެވެ. މި އާންމު ބުނެދިނުންތަކަށްފަހު، ދެން ފަށްޓަވާފައި އޮތީ ވަކިވަކި ބޭހުގެ ގޮތްބާވަތް ބުނެދިނުމެވެ. ތަރުތީބު ކުރެވިފައިވަނީ ހށ ތަރުތީބުންނެވެ. ހުނގާއި ހުއިގޮށާއި، ހުދުމަޅާއި ހިނދިލޮނާއި ހިމަގޮދަން ފަދަ އާންމު ބާވަތްތަކާއި، ހަރުފަ މުތުގެ ބޭނުންކުރާނޭ ގޮތްވެސް ތަފުސީލުކޮށް ލިޔުއްވާފައި ވެއެވެ. މިމަގުން ކޮންމެ އަކުރަކަށް ވަކި ބާބެކެވެ.

ފޮތް ނިންމަވާލެއްވީ 'ޔ' ގެ ބާބުންނެވެ. އެ ބާބުގައި އޮތީ ބޭސްވެރިކަމުގައި ޔާގޫތު ބޭނުންކުރާނޭ ގޮތެވެ. ޔާގޫތަކީ ހަމައެކަނި ޒީނަތެއް ނޫނެވެ. އެއީ 'ގިނަ ވިހަތައް މަރައި، ވަސްވާސް ފިލުވައި، ލޭމަނާކޮށް ލޭ ސާފުކޮށްދޭ ބޭހެކެވެ. ހިމުންކޮށްގެން ރަވާގައި އަޅައިފިނަމަ ލޯގަދަކޮށް، ލޯ ރައްކާތެރިކޮށްދޭ ފަރުވާއެކެވެ. މިއިން ކޮންމެ ފަރުވާއަކަށްޓަކައިވެސް ޔާގޫތު ބޭނުންކުރާނީ ވަކި ގޮތަކަށް ވަކި މިންވަރަކަށެވެ. ޔާގޫތު ޖެހި އަނގޮޓި އަޅައިފިނަމަ އެއީ ތާއޫނު ބައްޔަށް ފަރުވާއެކެވެ. އަނގައިގައި ބާއްވައިފިނަމަ ކަރުހިއްކުން ފިލުވައި، ހިތްގަދަކޮށްދެ އެވެ.

ޖުމުލަ 247 ސަފުހާގެ މައްޗަށް އެކުލެވޭ މިފޮތުގައި ވަރަށް ގިނައިން ހުރީ އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ބޭނުންކުރާ އާންމު ތަކެއްޗެވެ. އެ ތަކެތީގައި ފޮރުވިފައިވާ ފަރުވާއަކީ ކޮބައިކަން ނޭނގި އޮތީ އެވެ. މިސާލަކަށް، ލުނބޯ އޮށަކީ އެއަށް އަސޭމިރުހާއި ލޮނު އެއްކޮށް ފެނު ކައްކައިގެން ބޮއިފިނަމަ ހަށުގަނޑުގައި ހުންނަ އެކިކަހަލަ ވިހަތައް ފިލުވައިދޭ ބޭހެކެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ މިފަދަ ކިތަންމެ ބުނެދިނުމެއް މިފޮތުގައި ހިމެނިފައި ވެއެވެ.

އައްނަބީލް މަލިމް މުހައްމަދު ދީދީ އަވަހާރަވީ 15 އެޕްރީލް 1967 ގައެވެ. އެމަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި އެވެ. ދުނިޔެ ދޫކުރައްވައި އެ ވަޑައިގަތީ އަބަދުވެސް ފައިދާ ލިބިލިބި ހުންނާނޭފަދަ އިލްމެއް ފަސޭހަކޮށްދެއްވައި، ފެތުރުއްވުމަށްފަހުގަ އެވެ. އޭގެ މަންފާ ހެޔޮގޮތުގައި ލިބިގަތުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގަ އެވެ.