Advertisement

ސުއޫދު ލިޔުއްވި ދެ ފޮތެއް ނެރެފި

28 ސެޕްޓެންބަރު 2025 - 21:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސުއޫދު ލިޔުއްވި ދެ ފޮތް ގައުމީ ކުތުބާޚާނާއަށް ހަދިޔާ ކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ސުއޫދު ލިޔުއްވި ދެ ފޮތެއް ނެރެފި

28 ސެޕްޓެންބަރު 2025 - 21:36 0

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ލިޔުއްވި ދެ ފޮތެއް މިއަދު ނެރެފި އެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" އަދި "މުދަލު ޒަކާތް ހިސާބު ކުރުން" ނަމުގައި، ސުއޫދު ލިޔުއްވި ދެ ފޮތް މިއަދު ހަވީރު ނެރެދެއްވީ ގައުމީ ކުތުބުހާނާގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން މި ފޮތަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ގާނޫނުގެ ފުރަތަމަ ވޮލިއުމް އެވެ. އެ ފޮތުގެ ތިން ވޮލިއުމެއް ނެރޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މިފޮތުގެ ހަމައެކަނި ބޭނުމަކީ 2008 ގެ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ޝަރަހަކޮށް ދިނުން. ޝަރަހަކޮށް ދިނުމަށް ފަހު އެޕްލައިކޮށްފައިވާ ގޮތުގެ މައްޗަށް ބަލާލުން،" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ސުއޫދު ވިދާޅުވި އެވެ.

ފަސް ސަތޭކައަށް ވުރެ ގިނަ ސަފުހާގެ މި ފޮތުގައި އެންމެ މަތީ ގާނޫނަކަށް، ގާނޫނުއަސާސީވާ ސަބަބުތަކާއި ދައުލަތުގެ ބާރުތައް ބެހިގެންވާ ގޮތާއި އެ ބާރުތައް އެކުލެވިގެންވާ ގޮތާއި އެ ބާރުތައް ބޭނުން ކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އަދި ދައުލަތާއި ދައުލަތުގެ ސިޔާދަތީ ބާރަކީ ކޮބައިކަަން ބަޔާންކޮށްފައިވެ އެވެ.


ގާނޫނުގެ ވެރިކަމަކީ ކޮބައިތޯ އާއި ގާނޫނުއަސާސީ މާނަކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް މި ފޮތުގައިވެ އެވެ.

ވަކި ގިއުގަނޑެއްގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުން ހިފަހައްޓަންޖެހޭ ކަމަށާއި "ގާނޫނުއަސާސީ ރޫޅިގެންދާ ގޮތަށް މާނައެއް ނުކުރެވޭނެ،" ކަމަށް ސުއޫދު ވިދާޅުވި އެވެ.

ދައުލަތުގެ ކޮންމެ ބާރެއް ވެސް އަމަލުކުރަން ޖެހެނީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ކަމަށާއި އޭގެ ބޭރަށް ދިޔުމުގެ އިހުތިޔާރެއް ރައްޔިތުންގެ މަޖިލީހަށް، ވެރިކަން ހިންގާ ފަރާތަކަށް ވެސް ޝަރުއީ ނިޒާމަށް ވެސް ލިބިގެން ނުވާ ކަމަށް ވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވި އެވެ.

މި ފޮތުގައި ކޮންމެ އަސާސީ ހައްގަކާއި މިނިވަންކަމަކީ ކޮބައިކަމާއި އެ ހައްގަގާ ބެހޭ ގޮތުން މިހާތަނަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައި ހުރި ނިންމުންތައް، މާނަކޮށްފައިވާ ގޮތްތައް އަދި މާއްދާތައް މާނަކުރުމާ ގުޅޭ ގޮތުން ހާއްސަ މަޖިލީހުން ދެކޭ ގޮތް ޔައުމިއްޔާތަކުން ގެނެސްދީފައިވާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދުގެ މި ދެ ފޮތް ވެސް ލޯ އިންސްޓިޓިއުޓުން ވިއްކަ އެވެ.