Advertisement

އަހުލާގުގެ ވައްތަރުތަކުގެ ތެރެއިން 'ބޮޑުންގެ ތަހުޒީބު އަހުލާގު'

13 އޮގަސްޓު 2024 - 08:26 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


އަހުލާގުގެ ވައްތަރުތަކުގެ ތެރެއިން 'ބޮޑުންގެ ތަހުޒީބު އަހުލާގު'

13 އޮގަސްޓު 2024 - 08:26 3

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އާޒަމްގަރްއަށް އުފަން ވަހީދުއްދީން ޚާން އަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ލީޑަރެކެވެ. އިސްލާމް ދީން ކުރިއެރުއްވުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވިއިރު، ދީނީ އަދި ފަލްސަފީ މައުލޫތަކުގައި އެތައް ފޮތެއްވެސް ލިޔުއްވި އެވެ. އޭނާގެ ފޮތްތަކުގެ ތެރެއިން އެންމެ ގިނަ ބަސްބަހަށް ތަރުޖަމާކުރެވުނު އެއް ފޮތަކީ 'ރާޒޭ ހަޔާތު' ނުވަތަ 'ހަޔާތުގެ ސިއްރުތައް' މިފޮތެވެ. މިފޮތް 'ކާމިޔާބުގެ ސިއްރު' ގެ ނަމުގައި ދިވެހި ބަހަށްވެސް ތަރުޖަމާކުރެވިފައިވެ އެވެ. ފޮތް ތަރުޖަމާކުރެއްވީ އައްޝައިހު އަބްދުﷲ ފާރޫގު ހަސަން އެވެ.

މިފޮތުގައި ހިމެނިގެންވާ ބައިތަކަކީ ހަގީގަތުގައި ކާމިޔާބުގެ ސިއްރު ދެނެގަނެ، އެ ކާމިޔާބީއަށް ވާސިލުވުމަށް އޮތް ސަރާސަރު ފާލަމެކެވެ. 'މިފެންނަ ރީތި އަހުލާގު' ގެ ނަމުގައި އޮތް ބަހާގައި އޮތީ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ފެނި ތަޖުރިބާ ކުރެވޭ ހަގީގަތެވެ. އަހުލާގުގެ ދުލިތަކުގެ ތެރެއިން އެތައް ދުއްޔެއްގެ ވާހަކަ އެފޮތުގައި ގެނެސްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ތަޖުރިބާ ކުރެވޭނީ ތަހުޒީބުގެ އަހުލާގެވެ.

އަހުލާގުގެ މި ދުލި އެންމެ އާންމުކޮށް ފެންނާނީ މުޖުތަމައުގައި 'ބޮޑެތި' ބޭފުޅުންގެ ފަރާތުންނެވެ. ޒަމާނީ ތައުލީމު ލިބިގެންތިބި ބޮޑެތި ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަ ދައްކަވާއިރު، 'ކޮށައި މަށައިފައި ހުންނަ' ބަސްތަކުން އެ ދައްކަވަނީ އަހުލާގުގެ މި ވައްތަރެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތްކަމަށްވިޔަސް ދުލުން ބޭރުކުރާނީ ފަށުވި އިބާރާތެކެވެ. 'ހޫނު މައުލޫތަކުގައި ކުރެވޭ ބަހުސްތަކުގައިވެސް ގަނޑުފެންފަދަ ފިނި' އިބާރާތްތަކުން ބަސް ވިދާޅުވާއިރު، 'މަގޭ އިލްމުވެރިކަމާއި އަހުލާގުގެ މާތްކަން ދެކޭށޭ' ބުނާފަދަ އެވެ. އަޑުއަހާންތިބޭ މީހުންނަށް ހީވާނީ މިއީ ހަމައެކަނި އިލްމީ ހިލާފެއްގައި ދައްކާ، ނުނިޔަތެއް ނެތް، ހެޔޮ ރަނގަޅު ވާހަކަ ކަމަށެވެ.

މިސާލަކަށް، އިރު އަރަނީ ހުޅަނގުފަރާތުންނޭ ބުނެ ޒުވާބުދޭ މީހާއަށް ރައްދުދޭން އަޅުގަނޑާއި ތިބާ ޖަވާބު ދޭނީ ކިހިނަކުން ހެއްޔެވެ؟ ހީވާ ގޮތުން ބުނެވޭނީ، ތިޔަ ދައްކަނީ ހާދަހާ ކޮސް ވާހަކައެކޭ ނުވަތަ ތިޔައީ ވަރަށް ގަމާރު ވާހަކައެކޭ ނޫންތޯ އެވެ. އެހެން ބުނަން ޖެހެނީ އެއީ އެކަމުގެ ހަގީގަތް އޮތްގޮތަށް ވީތީ އެވެ. އެހެންނަމަވެސް، ތަހުޒީބުގެ އަހުލާގު އެ ދެމެދަށް ވަނުމުން، އެ ކޮސް ވާހަކައަށް ރައްދުދޭން ބުނާނީ 'ތިޔައީ ވަރަށް އީޖާދީ އައު ވިސްނުންފުޅެކޭ އަދި ވިސްނާލައި ބަހުސްކޮށްލަން ހަމަ ރަނގަޅު މައުލޫއެކޭ އެވެ. އަޅުގަނޑަށް ހީވެފައި އޮންނަ ގޮތުގައި އިރު އަރާނީ އިރުމަތި ފަރާތުންނެވެ. އެއީ އިހަށްވެސް އެކަން ހިނގަމުން އައި ގޮތޭ އެކަމަކު އަދި އިތުރަށް ބަލާލާނީ ދެއްތޯއޭ' އެވެ. އެއޮތީ ވަރަށް ތަހުޒީބުކޮށް 'ތިޔައީ ގަމާރު ވާހަކައެކޭ' ބުނެވިފަ އެވެ. އެކަމަކު އެ އަހުލާގު ވެސް ނުކުންނާނީ އެ ދުލިފަށުގައި އިންނެވި ވަގުތެއްގަ އެވެ.

ދެވަނަ މިސާލަކީ ހަނުހުރުމެވެ. ޒިންމާދާރު މަގާމުގައި، ނިންމުން ނިންމަންޖެހޭ ދަނޑިވަޅު ހަނުހުރެފައި އެއީވެސް ނިކަން ރިވެތި އަހުލާގެއް ކަމުގައި މިބައިމީހުން މީހުންނަށް ދައްކައި އުޅެ އެވެ. ވަށައިގެން އުޖޫރަ ދީފައި ތިބޭ ކުދި މީހުން ލައްވައި އެހެން ކިޔުއްވަންވެސް ކިޔުއްވަ އެވެ. އެ ބޭކަލެއްގެ ހަނުހުރުމުގެ މައްޗަށް ތައުރީފު އޮއްސާން ތިއްބައި، ސުވާލުގައި ހިމެނޭ މައުލޫއަށް ޖަވާބު ލިބިގެން ނުވަތަ ތިން ހަތް ދުވަސް ވެގެން އެ މައްސަލަ ވަޅުޖެހި، ގެރި މަރުވަނީ އެވެ. މައްސަލަ ހައްލު ނުވިޔަސް ތަހުޒީބުގެ އަހުލާގުން އެބޭފުޅަކަށް މަތީފާސް ލިބެ އެވެ.

ރާއްޖޭގެ ވަރަށް މަޝްހޫރު ސިޔާސީ ބޭފުޅަކު އޭނާ އަހުލާގުގެ ދުލިފަށް ބާލައި އެއްލާލައިގެން ހުރި ވަގުތުކޮޅުތަކެއް އަޅުގަނޑަށް ތަޖުރިބާ ކުރެވުނެވެ. އޭނާއަކީ 'ރާއްޖެތެރޭ މީހުން' ނަކީ އޭގެ ޒާތުގައިވެސް ދަށް، އަދި ކުޅަނދު މަދު ބައެއް ކަމަށް ދެކޭ މީހެކެވެ. ވަކި މީހެއްގެ ގާބިލުކަމުގެ ވާހަކަ ދެއްކުމަށް އެއީ މިވެނި އާއިލާއެއްގެ ބޭފުޅެކޭ ވިދާޅުވެފައި ހުރީއަކީވެސް މަދެއް ކޮށެއް ނޫނެވެ. އެކަމަކު އޭނާގެ އެ ސިފަ ދުށުމުގެ ނަސީބު ނުވަތަ ބަދުނަސީބު ލިބޭނީ އޭނާގެ އެ ސިފަ ސިއްރުކުރާނޭކަން ގައިމުވާ މީހުންނަށް އެކަންޏެވެ. އެ ނޫން ހުރިހާ މަހައްލެއްގައި އޭނާގެ ވާހަކަ ހުންނާނީ 'ރައްޔިތު މީހާ' އަށް މާބޮޑު އިހުތިރާމެއް ކުރާކަން ދެއްކުމުގެ މައްޗަށެވެ. ބަޔަކު ބަލަންތިބި ތަނެއްނަމަ، އޭނާއަށް ފެންތަށި ގެނެސްދޭ މީހާއަށް ފެންތަށްޓެއް ދިއްކޮށްލައްވަފާނެ އެވެ. އޭނާގެ ހިދުމަތުގައި ތިބޭ މީހުންނާ ސަމާސަ މައްލަވަކޮށް 'އާދައިގެ ކަން' ސާބިތުކޮށްދެއްވަފާނެ އެވެ. ހަގީގަތުގައި މިއިން އެއްވެސް ސިފައަކީ އޭނާގެ ޝަހުސިއްޔަތެއް ނޫނެވެ. އޮޅުވާލަމުން އޮޅުވާލަމުން ގޮސް އަމިއްލަ ނަފުސަށްވެސް އޮޅިފައި ހުރީ އެވެ. ހަގީގަތް އެނގޭނީ ވަށައިގެން ތިބި މީހުންނަށެވެ.

ބޮޑެތި މީހުންގެ ތެރެއިން ފެންނަ ތަހުޒީބު އަހުލާގުގެ އަނެއް މިސާލަކީ އެބައިމީހުންނަށް ވުރެ ކުދިވެގެން އެބައިމީހުންނާ ބައްދަލުކުރާ މީހުންގެ ކުރިމަތީގައި ދައްކާ ރިވެތި އަހުލާގެވެ. އެންމެ އާދައިގެ މީހާއާވެސް މަޑުމައިތިރިކޮށް ރީތި، މާތް ބަހުން ވާހަކަ ދެއްކުމަކީ އެކަހަލަ ބޮޑެތި ބޭފުޅުން ދައްކަވާ އަހުލާގުގެ މިސާލެވެ. އެހެންނަމަވެސް ހަގީގަތުގައި މި އަހުލާގު ދައްކަނީ ކުދި މީހުންގެ މާތްކޮށް ހިތުމުގެ ސަބަބުން 'އެބައިމީހުންގެ ކިބުރުވެރި ނަފުސިއްޔާތަށް ކާނާ ލިބޭތީ' އެވެ. ހަގީގަތް ސާފުވާނީ އެއިން ކުޑަ މީހަކު ނުކުމެ ބޮޑެތި މީހުންގެ ބޮޑު ކަމަށް ރަނގަޅަށް ގޮންޖަހާލީމަ އެވެ. އެއްކަލަ އަހުލާގުގެ ދުލި ބާލައި އެއްލާލާފައި ކަނޑިކި ހިއްލައިގެން ޒުވާބަށް ނުކުންނައިރު މާތް އަހުލާގުގެ ކަންފުޅެއްވެސް ނުފެންނާނެ އެވެ.

ދުނިޔޭގައި ދެން ދިރިއުޅެނީ ހިތުގައި ކިލަނބުކަމެއް ނެތް، އެއް ހަށިގަނޑުގައި ދެ ނަފުސު ގެންގުޅެން ނޭނގޭ މަރުމޯލުންނެވެ. އެބައި މީހުން ދުލުން ބުނާނީ ހިތުގައި އޮތް ހަގީގަތެވެ. އެބަސްތަކުގެ ބަރުދަނުގެ ތިން ގުނައަށް ބާރޫޒާއި ފުއްލޮނާއި ސައްބާއި ނޫމަދަރަކަލައި އެއްކޮށްގެން ރަނުން އުއްތުންކުރުމަކީ އެބައިމީހުން ދަންނަ ހުނަރެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެބައި މީހުންނަކީ ތަހުޒީބު އަހުލާގުގެ މޭޒުކޮޅުތަކުން ޖާގަލިބޭނޭ ބައެއް ނޫނެވެ. ކަޅަކީ ކަޅޭ ބުނުމަކީ އެ ވައްތަރުގެ ތަހުޒީބު އަހުލާގުގެ ވެރިންނަށް ކަމުދާ ކަމެއް ނޫނެވެ. އަހުލާގީ މާތް ސިފަ ނިޔާކުރާ އެންމެ މޮޅު އިތުރު ގޮތަކީ ހަނު ހުރުމެވެ. ކޮންމެހެން އެއްޗެއް ބުނާން ޖެހިއްޖެނަމަވެސް އެތައް ފަށަލައަކުން ތަކުރާރުކޮށް ފުރާނައި ހިމުންކޮށް އަރިއަހަށް ބަރުތީލަކުރުމެވެ. ފުރޭނުމެއް ނެތި ކަން އޮތްގޮތަށް ބުނުމަކީ، އެއުރެން ދެކޭގޮތުގައި ދެއުޅިއެއްނުވާ ނަފުސެއްގެ ލިސާނެކެވެ.

އެއްވެސް މީހެއްގެ އަހުލާގުގެ މަތިވެރިކަމަކީ ވަށްމޭޒު ބައްދަލުވުމެއްގެ ދެއްކުންތެރިކަމުން ފާޅުވާނޭ އެއްޗެއް ނޫނެވެ. ހަމްދު ސަނާއިން ފަށައި، މާތް ބަހުން ކުރާ ހުޝާމަދާއި ތައުރީފުން ނިންމާލާ ވާހަކައަކީ ހިތުގެ އަހުލާގު ހުރި ގޮތެއް ނޫނެވެ. އެއީ ޒަމާނުގެ ތަހުޒީބު ނިޔާކުރާ ގޮތެވެ. ހުދު ގަމީސްކޮޅާއި ޓައީކޮޅު ތުރުކުރައްވައިގެން އިންނެވޭނީ ތަހުޒީބުގެ އަހުލާގުގެ ދުލިން ބޭރުނުވެ ހުރިހާ ހިނދަކު އެވެ. ހަގީގަތް ހާމަވުމުން ފެއަށްޖެހޭ މީހުންނަކީ އަލުން ކައިރި ކުރެވޭނޭ ބައެއް ނޫނެވެ. އެހެންނަމަވެސް، އެތެރޭގައި އޮތް އެއްޗެއް ބޭރަށް ނުކުތަ ނުދީ އަބަދަކު ނުވެސް ގެންގުޅެވޭނެ އެވެ.