10 އޮގަސްޓު 2023 - 14:46 0
މުހައްމަދު ހަމްދޫން
ފަޔާޒް (ވ) ގެ ފޮތް މެޑަމް ފަޒްނާ އިފްތިތާހުކޮށްދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
10 އޮގަސްޓު 2023 - 14:46 0
ކުދިންގެ ތަރުބިއްޔަތުކުރުމާ ބެހޭ ގޮތުން މަޝްހޫރު ލެކްޗަރާ އަދި ލިޔުންތެރިޔާ އަހުމަދު ފަޔާޒް ހަސަން ލިޔުއްވި 'ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް' ފޮތް މިއަދު ނެރެފި އެވެ.
ގައުމީ ކުތުބުހާނާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ސަތޭކަ ބާވީސް ސަފުހާގެ މި ފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމް ދީނުގައި ދައުރާއި، ކާމިޔާބު ބެލެނެވެރިއެއްގެ ސިފަތަކާއި، ކުއްޖާ އާއި ބެލެނެވެރިޔާގެ ގުޅުން އަދި މައްސަލަތައް ހައްލުކުރާނެ ގޮތްތައް ހިމެނެ އެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައިންނާއި ބައްޕައިންނަށް ވެދޭ އެހީއެއްގެ އިތުރުން މި ފޮތަކީ ފަޔާޒް ވިދާޅުވި ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމުގެ ތަމްރީނުދޭ ފަރާތްތަކަށް ޓެކްސްޓް ފޮތެއްގައި ގޮތުގައި ވެސް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީ ވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަމަށާއި، އެގޮތަށް ބަލާއިރު މިއީ އެ ކަންކަން ދަސްކުރަން ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ.
އެޑިއުކޭޝަނާއި، ބިޒްނަސް އަދި މެނޭޖްމަންޓުގެ ރޮނގުތަކުގެ ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާ ލެކްޗަރާއެއް ކަމަށްވާ ފަޔާޒް އަކީ ތައުލީމީ ދާއިރާއަށް ވެންނެވުމުގެ ކުރިން ލިޔުންތެރިއެކެވެ. އެގޮތުން މަޖީދިއްޔާ ސްކޫލުގައި ކިޔެވިއިރު، 1980ގެ އަހަރުތަކުގެ މެދުތެރޭގައި މި ދާއިރާ އަށް ނުކުންނެވި ފަޔާޒް ވަނީ އެ ދުވަސްވަރު ދުވަހު ނޫސް 'ހަވީރު' ގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
އޭނާ އެންމެ ފުރަތަމަ ލިޔުއްވީ ކުޅިވަރެވެ. އެގޮތުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ހަބަރުތައް 'ހަވީރު' އަށް ލިޔުއްވި އެވެ. އަދި 1990، 1994، 1998، 2002 ގެ ވޯލްޑް ކަޕަށް މެގަޒިން ނެރުނެވެ.
އޭނާގެ ފުރަތަމަ ފޮތަކީ، އިނގިރޭސި މުސައްނިފް ލިޔުއްވި ދުނިޔެ އަށް މަޝްހޫރު ޕޮލިޓިކަލް ސެޓަޔާއެއް ކަމަށްވާ 'އެނިމަލް ފާމް' ގެ ތަރުޖަމާއެކެވެ. އޭގެ ފަހުން ލުބްނާނުގެ މުސައްސިފް ޚަލީލް ގިބްރަންގެ 'ބްރޯކެން ވިންގްސް' ތަރުޖަމާކުރައްވައި ނެރުއްވި އެވެ. އޭނާ ވަނީ އެމެރިކާގެ ޑރ. ލެއޯ ބުސްކަގްލިއާ ލިޔުއްވާފައިވާ 'ލަވް' ފޮތް ވެސް ތަރުޖަމާކުރައްވައިފަ އެވެ. އެ ފޮތް ވަރަށް އަވަހަށް ޗާޕުކުރާނެ ކަމަށް ފަޔާޒް ވަނީ ވިދާޅުވެފަ އެވެ.
މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ޕްރީ އޯޑަރުކޮށްގެން ނަމަ 87 ރުފިޔާ އަށް، އަދި އޭގެ ފަހުން ނަމަ 107 ރުފިޔާ އަށެވެ. އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް 9227844 ނުވަތަ 9981062 އަށް ގުޅުއްވައިގެން ޕްރީ އޯޑަރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Comment