Advertisement

ވާހަކަ: ލޯބި ވިޔަސް

5 އޮގަސްޓު 2023 - 14:21 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ވާހަކަ: ލޯބި ވިޔަސް

5 އޮގަސްޓު 2023 - 14:21 0

ފުރަތަމަ ބަޔާ ގުޅޭ

ރެސްޓޯރެންޓެއް ދެވުނު އިރު މުޅި މީހާގެ މޫޑު ހުރީ ހަރާބުވެފަ އެވެ. ފާޑެއްގެ ބިރުވެރިކަމެއް ހިތުގައި ބާނިލަނީއެވެ. ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކަކުން މޭ ބޮޑުވަނީ އެވެ. ދޫދަށަށް ކުޅުގިނަވެ އަނގަ ތެރެއަށް އެނގުންވަނީއެވެ. އަވަސް އަވަހަށް ހިންދިރުވުނީ ވެސް އެހެންވީމަ އެވެ. ފުންނޭވާތަކެއް ބޭރުކޮށްލަމުން މީހާ ހަމައަކަށް އެޅުވޭތޯ ވެސް ބަލައިފީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.

"މާ ބޮޑަށް ހާސްނުވެބަލަ. އެއީ ހަމަނުޖެހޭ މީހެއްނު." ނޫހު އުޅުނީ އަހަރެން ހަމައަކަށް އަޅުވާށެވެ.

ބަދަލުގައި އަހަރެން ބޭނުންވީ ހިނިތުންވެލާށެވެ. ނަމަވެސް އެކަމެއް ވެސް ނުވެވުނެވެ. އަރުބުޑުގައި އެއްޗެއް ތާށިވަމުންދާ ކަމުގެ އިހުސާސް ވެސް ކުރެވެން ފެށިއެވެ. ކުއްލިއަކަށް ކަރުހިކި އަނގަތެރެ ވެސް ހިކެމުން ދިޔަ އެވެ.

"މި ފެންތަށި..." ނޫހު ފެންތަށްޓެއް ދިއްކޮށްލި އެވެ.

އަހަންނަށް އެއް ނޭވާއިން ފެންތަށި ބޯލެވުނެވެ. އެއާއެކު ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. އެ ހުރިހާ އިރު އަހަރެންގެ މޫނަށް ބަލަން ނޫހު އިނެވެ. އަހަންނަށް ވަގުތު ދީގެންނެވެ.

"މާ ބޮޑަށް އެ މީހާގެ ވާހަކައަށް ވަދެވުނީ ދޯ!" ނޫހު ބުނެލި އެވެ.

އަހަންނަށް ބޯ ޖަހައިލެވުނެވެ. އަނގައަކުން ނުބުނެވުނެވެ. ނަމަވެސް ނޫހު ބޭނުންވަނީ އަހަރެން ލައްވާ ވާހަކަދައްކުވަންކަން އެނގުނެވެ.

"ހަމަނުޖެހޭ މީހުން ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް. އަނެއްކާ ހީވާނީ އެއީ ތެދުވާހަކަހެން." ނޫހު އަނެއްކާ ވެސް ފެށިއެވެ.

"ކިހިނެއް ނަން؟" އަހަންނަށް ބުނެވުނީ އެ ވަރަށެވެ.

"ތި އަހަރެންގެ ވެސް ސުވާލެއް. ދެން ކޮންމެވެސް ގޮތަކުން ނަން ވެސް ހޯދިދާނެ. އެ ބުނީތާ އެ ގެސްޓު ހައުސަށް އަލަށް މީހަކު އާދޭތޯ އެ މީހާ ބަލާނޭ." މޭޒުމަތީގައި ހުރި ތަށްޓަށް ބަލައިލަމުން ނޫހު އިޝާރާތްކޮށްލިއެވެ.

އަހަރެން އިނީ ކާހިތް ވެސް ނެތިފައެވެ. ފާޑަކަށް ހޮޑުލަވާ ކަހަލަ ގޮތެއްވާހެން ހީވާން ފެށިއެވެ.

"ދެން ކާން ފަށާ. ކައި ނިންމައިފަ ކުޑަކޮށް ބުރެއް ޖަހައިލަންދާނީ. އިއްބެ އަންނާނެ ސައިކަލް ދޭން." ނޫހު ބަތް ސަމުސަލެއް އަނގައަށް ލިއެވެ.

ވަރަށް ހިތްވަރުކޮށްގެން ވެސް އަހަންނަށް ކެވުނީ ދެތިން ސަމުސާ ބަތެވެ. އިތުރަށް އެންމެ ސަމުސަލެއް ވެސް ލާނެހާ ހިތްވަރެއް ނުލިބުނެވެ.

"ދެން ކީއްކުރާނީ؟ އެކަމަކު މިވީ ގޮތުން އަދިވާނެ އެކޮޅަށް ގޮސް ކުޑަ ގޮތެއް ހަދައިލަން. އެހެންނޫނީ ވަރަށް ބަނޑުހައިވާނެއްނު."

އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިން ފިރިހެނެއްގެ ހުދު ދެ ލޮލެވެ. އަހަރުމެން އެތަނަށް ވަން އިރު ވެސް އެމީހާ އެކަނިމާ އެކަނި އެތަނުގައި އިނެވެ. އަހަންނަށް އެކަން ފާހަގަ ވެސް ވިއެވެ. ދޭތެރެއަކުން އަހަންނަށް ކަޅިއެއް އެ ދިމާއަށް އެއްލުނީ ވެސް އެހެންވީމައެވެ.

އޭނާ ކޮންމެ ވެސް ވާހަކައެއް އެބަ ބުނެދެއެވެ. ތުންފަތުގައި ދޫ ޖައްސަމުން ވައްތަރެއް އެބަ ޖައްސައެވެ. އޭނާގެ ވަރުގަދަ ތުނބުޅީގެ ތެރެއަށް އިނގިލިތައް ކޮށްޕާލަމުން އިނގިލިތަކުން ފުނާއަޅަމުން ލޮލަށް ގޮތެއް ވެސް އެބަ ހަދައެވެ. އިރުއިރު ކޮޅާ ސިނގިރޭޓް ދަމައިލައެވެ. ދަނޑިއަރުވާލަމުން ދުންގަނޑެއް ބޭރުކޮށްލައެވެ. އެއާއެކު މުޅި މީހާ ދުމުން ނިވާވެއެވެ.

ނޫހަށް އެކަން މޭރުންވީ ކަންނޭނގެއެވެ. އޭނާ އަވަސް އަވަސްކޮށްލައިގެން ބޭރަށް ނުކުތެވެ. ދެ ފަހަރަކު ފަހަތް ބަލައިލިއެވެ. ނަމަވެސް މީހަކު ނެތެވެ. އަހަރެން ސިއްރުސިއްރުން ފަހަތް ބަލައިލަމެވެ. އަހަރުމެންގެ ފަހަތުން އެ މީހާ އަންނަ މަންޒަރު އަހަންނަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

"މީހަކު! ފަހަތުގަ! އެބަ އާދޭ." ތުރުތުރުލާ އަޑަކުން އަހަންނަށް ބުނެވުނެވެ.

ނޫހު ހުއްޓުނެވެ. އެއާއެކު ކުއްލިއަކަށް އެނބުރިލިއެވެ. ނޫހާއެކު އަހަރެން ވެސް އެނބުރިލީމެވެ. އެމީހާ ގަހަކާ ނިވާވެލި މަންޒަރު އަހަންނަށް ފެނުނެވެ.

"ނެތެއްނު!"

"ގަހުގެ ފަހަތުގަ." އަހަންނަށް ވައި އަޑުން ބުނެވުނެވެ.

ނޫހު އެދިމާއަށް ދުއްވާ ގަތެވެ. އަހަންނަށް ގަނޑުވެފައި ކަހަލަ ގޮތަށް ހުރެވުނީއެވެ. ކުއްލިއަކަށް މީހެއްގެ ހޫނު ނޭވާ އިސްތަށިގަނޑުގައި އެޅުނެވެ. އެ ނޭވާގެ އަސަރު ކަނދުރާއާ ހަމައަށް ވެސް ފޯރިއެވެ. ބިރުން ތުރުތުރު އަޅައިގަތެވެ.

"ބިރު ނުގަނޭ."

އެއީ ފިރިހެން އަޑެކެވެ. ބަރުބަރު އަޑެކެވެ. ނަމަވެސް އޭނާ ވާހަކަދެއްކީ ވައި އަޑުންނެވެ.

"ހުރިހާ ކަމެއް އެނގޭނެ. ހަގީގަތް ހާމަވާނެ. އޭރުން ދެން ކަލޭއަށް އެނގޭނީ ކަންކުރަންވީ ގޮތެއް."

އަހަރެން ގަޔަށް ހީނގަނޑެއް ވެއްޓުނެވެ. ފައިން ފެށިގެން ކަނދުރާއާ ހަމައަށް ފާޑެއްގެ ތުރުތުރެއް ދުވެލިއެވެ. މުޅި މީހާ ބިރުން ރޫރޫ އަޅައިގަތެވެ.

"ފިރިމީހާއަކީ ކިހާ ލޯބި މީހެއްކަން ވެސް. ކަލޭއަށް ޓަކައި ޖާނުދޭން ހުރީ ކާކުކަން ވެސް."

އެމީހާ އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ ބިޔަ ހަށިގަނޑު ފެނިފައި ހައިރާންވިއެވެ. ވަށްކޮށް ހުރި ހަށިގަނޑާއި ގަޔަށްދޫ ކަޅުކުލައިގެ އެ ގަމީސް އޭނާއަށް ގުޅޭކަމަށް ނިންމުނެވެ. ކާޅު ހާއްޔެއް ފަދަ ތަރުތީބެއް ނެތް އެ އިސްތަށިގަނޑާއި ވަރުގަދަ ތުނބުޅި ފެނުމުން އޭނާގެ މުޑުދާރުކަން އިންތިހާއަށް ވަޒަންކުރެވުނެވެ. ދެ ލޯ އަޑިއަށް ވަދެފަވަނީ ކޯމަތީގެ މަސްތައް އުފުލިފައި ހުރުމުންކަން އޭނާގެ ހަރަކާތްތަކުން ހާމަވެއެވެ.

އޭނާ ޝަހާދަތް އިނގިލި ހިއްލައިލިއެވެ. އަހަންނާ ދިމާއަށް ބަލައިލަމުން އިންޒާރަކަށްވާ ގޮތަށެވެ.

"ނަމަނަމަ ފިރިމީހާއަށް މަ މީ ކާކުކަން ނާންގާތި! އޭރުން ކަލޭގެ މަގުސަދު ހާސިލެއް ނުވާނެ."

އަހަންނަށް ބޭއިހުތިޔާރުގައި ބޯ ޖަހައިލެވުނެވެ. އޭނާ ދެއްކި ވާހަކައަކަށް އާނއެކޭ ބުނެވުނެވެ. އޭނާ ފަހަތް ބަލައިލިއެވެ. އޭރު ނޫހު ގަހުގެ ފަހަތަށް ވަދެ އެ މީހާ ކޮބައިތޯ ހޯދަމުން ދިޔައެވެ.

"މަ ވަރަށް ވަގުވާނެ. ނޫހަކަށް މަށެއް ނުފެންނާނެ،" ނޫހުގެ ހަރަކާތްތަކަށް ބަލަން ހުރެ އޭނާ ބުނެލިއެވެ. "ކަލޭއަށް މަ ބޭނުން ޖެހޭނީ ދަންވަރު. މަ ބޭނުން ޖެހޭއިރަށް ގޭ ކުރިމަތީގައި ހުރި ބޯގަންވިލާ ގަސްތަކު ތެރެއަށް އާދޭ. އެތަނުން މަ ކަލޭއާ ބައްދަލުކުރާނަން."

އަހަރެން ހިތުގައި އެތައް ސުވާލެއް އެއްފަހަރާ އެނބުރިގަތެވެ. މިއީ އަނެއްކާ ކާކު ހެއްޔެވެ؟ މި ހުރިހާ އެންމެން ވެގެން މި އުޅެނީ ކޮންކަމެއް ސާބިތުކޮށްދޭން ހެއްޔެވެ؟ މި މީހުން އަހަންނާ އަޅައިގަނެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ކޮން ކަމެއް ނުވެގެން ގެއްޔެވެ؟ މި މީހުންނަށް އަހަރެން މުހިއްމު ވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ކޮން ކަމެއް އަހަރެންގެ ފުށުން ހާސިލުކުރާން ހެއްޔެވެ؟

"އަހަންނަށް އެނގޭ މި ވަގުތު ވެސް ވަރަށް ގިނަ ސުވާލު ހިތަށް އަރުވައިފިކަން. އަހަންނަށް ޒައިނާ މުހިއްމު ވަނީ ކީއްވެހޭ ހިތަށް އަރައިފި ދޯ! އަހަރުމެން ޒައިނާމެންނަށް ފާރަވެރި މިވަނީ ކީއްވެބާއޭ ވެސް ހިތަށް އަރައިފި ދޯ؟" އޭނާ ވައި އަޑުން ބުނެލިއެވެ.

ބަދަލުގައި އަހަންނަށް ބޯ ޖަހައިލެވުނެވެ. ހައިރާން ކަމާއެކުގައެވެ. އަހަރެން ނުބުނަނީސް ހިތަށް އެރި ވާހަކަތައް ވެސް އޭނާއަށް އެނގުނީމައެވެ.

"ތި ހުރިހާ ސުވާލަށް އޮތީ އެންމެ ޖަވާބެއް. އެ ޖަވާބަށް ޖެހޭނީ އިންތިޒާރުކޮށްލަން."

އޭރު ނޫހު އަހަންނާ އަރާ ހަމަކުރަނީއެވެ. އެ މީހާގެ ޖަވާބު އަހަންނަށް އިވުނީ ފުރަގަހުންނެވެ. ނޫހު އަންނާތީ އޭނާ ދިޔައީ ކަން ނޭނގެއެވެ.

"ނެތް. އެކަކު ވެސް ނެތް." ނޫހު ދެ ކޮނޑު އަރުވައިލާ ދެ އަތް ފުޅާކޮށްލަމުން، އަނގައަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.

އަހަންނަށް ބަލަން ހުރެވުނީއެވެ. ނޫހުގެ މޫނަށެވެ. އޭރު ވެސް ބޮލުގައި އެނބުރެމުން ދިޔައީ ދެންމެ ކަންތައްވީ ގޮތެވެ. އެ މީހާ ދެއްކި ވާހަކަތަކެވެ. ނޫހަށް ނޭނގުނަސް މި ހިނދުކޮޅު ތެރޭގައި ވެސް އެތައް ކަމެއްވެ ނިމިއްޖޭ ބުނަންވީ ކަންނޭނގެއެވެ.

"ދެންމެ.." އަހަންނަށް އަނގަ ހުޅުވާލެވުނު އިރަށް ލިބުނު ހައިރާން ކަމާއެކު ފަހަތަށް އެނބުރިލެވުނެވެ.

އިސްތަށިގަނޑަށް ވައިރޯޅިއެއްގެ އަސަރުކުރީމައެވެ. އިސްތަށިތައް މައްޗަށް ހިއްލުނީމައެވެ. ނޫހަށް ވެސް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނާ ވެސް ދެ ލޯ ބޮޑުވިއެވެ. ގަހެއް، ފަތެއްހާ ހިސާބު ވެސް ހެލި ނުލައި ކުއްލިއަކަށް އިސްތަށިގަނޑަށް ވައިރޯޅިއެއްގެ އަސަރު ކުރާންވީ ކީއްވެ ހެއްޔެވެ؟

ނޫހު އުޅުނީ ނޭނގޭ ކަމަށް ހެދިގެން އަވަހަށް ގެއަށްދާށެވެ. އަހަންނަށް އެކަން އެނގުނެވެ.

"މިރޭ ދުއްވާލަން ނުދާނީ ދޯ!" އަހަރެންގެ އަތުގައި ހިފައިލަމުން ނޫހު ބުނެލިއެވެ.

އަހަންނަށް ފާހަގަވީ ނޫހުގެ އަތް މާބޮޑަށް ފިނިކަމެވެ. އޭނާ މާ ބޮޑަށް ހާސްވެފައި ހުރިކަމެވެ. ހަގީގަތުގައި ބިރުގަންނަންވީ އޭނާ ހެއްޔެވެ؟ ނޫނީ އަހަރެން ހެއްޔެވެ؟ އެއްވެސް ކަމެއް ނޫހަކަށް ކުރިމަތި ނުވޭތާއެވެ. ހުރިހާ ކަމަކާ ކުރިމަތިލާން މި ޖެހެނީ އަހަންނަށެވެ. މިއިން ކަމެއް ނޫހަށް އެންގޭކަށް ވެސް ނެތެއް ނޫން ހެއްޔެވެ؟ ވާހަކައެއް ބުނަން ހިތަށް އަރުވާލާއިރަށް ވެސް އެކަން ވެސް އެބަ އެނގެއެވެ. އަހަންނަށް އިންޒާރުގެ ނިޝާންތައް ވެސް އެބަދައްކައެވެ.

"ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ.

"ޒައި މާ ބިރުން ހުންނަ ހެން ހީވާތީ؟"

"އަހަރެން ބިރެއް ނުގަނޭ. ނޫއަށް ހީވާގޮތް."

އަހަރެން ހަމައަކަށް އެޅެމުން ދިޔައެވެ. ނޭނގޭ ޔަގީންކަމެއް އިހުސާސްކުރެވެމުން ދިޔައެވެ.

މަގު މެދާ ހަމައަށް ނުދެވެނީސް ނޫހަށް ފޯނެއް އައެވެ. އޭނާ ސްކުރީން ދައްކާލަމުން ބުނެލިއެވެ. އަހަރެން ބަލައިލީމެވެ. ސްކްރީނުގައި އޮތް ހުރާ އިއްބެ ކިޔައިލީމެވެ.

"މި ތިބީ ބޮޑު މިސްކިތް ކައިރީ. އާދޭ މިތަނަށް." ނޫހު ފޯނު ބޭއްވިއެވެ.

އަހަރުމެން މަޑުކޮށްގެން ތިބީއެވެ. އިއްބެގެ އިންތިޒާރުގައެވެ. ދުރުން އިއްބެގެ ސައިކަލްގެ އަލި ފެނުނެވެ. އިއްބެއަކީ އަހަރެން ދަންނަ މީހެއް ނޫނެވެ. އެއީ ނޫހުގެ ރައްޓެއްސެކެވެ. އޭނާއާއެކު އެއްކުލާހެއްގައި ކިޔެވި މިތުރެކެވެ.

ސައިކަލް އަހަރުމެން ކައިރިއަށް ހުއްޓައިލިއެވެ. އަހަންނަށް ބަލައިލެވުނީ އިއްބެއަށެވެ. އޭނާގެ މޫނަށެވެ.

"އިއް..!" އަހަންނަށް ނޫހު ގާތަށް ޖެހިލެވުނެވެ.

"އިއްބެ އާނ!" ނޫހު ހިނިތުންވެލަމުން އިއްބެއަށް އަތް ދިއްކޮށްލިއެވެ.

ނޫހުގެ އަތަށް އަހަރެން ދަމައިގަތީމެވެ. އޭނާއާ ސަލާން ކުރުވަން ބޭނުން ނުވާތީއެވެ. ފާޑަކަށް ހެވިފައި އިއްބެ ސައިކަލް މަޑިމަތީގައި އެ އިން ގޮތަށް އިނީއެވެ. އަހަންނަށް އާދެވުނީ ފާޑެއްގެ ރުޅިއެކެވެ.

"ކިހިނެއްވީ؟" ނޫހު އަހައިލިއެވެ.

"ނޫން. ނޫން." ބަދަލުގައި ބުނެވުނީ އެވަރަށެވެ.

އިއްބެ ސައިކަލުން ފޭބިއެވެ. އަހަންނާ ދިމާއަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަހަންނަށް ބަލައިލެވުނީ އިއްބެގެ ހަށިގަނޑަށެވެ. އެއް ފަހަރު އޭނާގެ މޫނަށް ބަލައިލެވިދާނެއެވެ. އަނެއް ފަހަރު އޭނާގެ ހަށިގަނޑަށް ބަލައިލެވިދާނެއެވެ.

"ކުރިން އިއްބެ ދަންނަންތަ؟" ނޫހު އަހައިލިއެވެ.

ނޫހުގެ ސުވާލަށް ޖަވާބު ދޭންވީ ހެއްޔެވެ؟ އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ކަމެއް ގޯސްވެދާނެ ހެއްޔެވެ؟

(ނުނިމޭ)