(ފުރަތަމަ ބައި)
ވިސްނައިވިސްނާ ބޯ ހަލާކުވާން ކައިރިވެއްޖެއެވެ. މިހާރު އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފީމެވެ. ނޫހު ބުނިނަމަ ބުނިހާ ކަމެކެވެ. ނަމަވެސް، އެއްވެސް ކަމެއް ކާމިޔާބެއް ނުވެއެވެ. ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ޖެހެނީ ނާކާމިޔާބުގެ ކަނޑުގައި ފީނާށެވެ. މިހެން ގޭގައި އެކަނި އިނދެ ވިސްނައިގެން އަހަރެން މޮޔަ ވެދާނެއެވެ. މީހާ ހަފުސްވެ ހަލާކުވެދާނެއެވެ. ހާސްވެ ކަންބޮޑުވާން ނުޖެހޭ އެތައް ކަމަކާ މިހާރު ވެސް ހާސްވެވެއެވެ. ކިރިޔާ ކަމެއްވާ އިރަށް ބޮލަށް ބަރުޖެހި ހަފަރާތުން ފިތެމުންދާހެން ހީވާން ފަށައެވެ.
ނޫހު ގެއަށް އައިސްވަނީ އެ ފިކުރުތަކުގައި އިންދައެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ލޯބިން ފުރިގެންވާ ގޮތަކަށެވެ.
"ހާދަ ހާސްވެފަ؟" ސޯފާގައި އިށީނދެލަމުން އޭނާ އަހައިލިއެވެ.
"ނުވޭ!" އަހަރެން ބުނެލީމެވެ.
"ހިނގައިބަލަ ހުރައަށް ޖައްސާލަން. މި ވީކެންޑުގަ. އަހަރެން މިއައީ ހުރިހާ ކަމެއް ހަމަޖައްސައިފަ." ނޫހު ބުނެލިއެވެ.
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ނޫހާއެކު އެހެން މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ބޭނުންވާތީއެވެ. އެ ދުވަހަކަށް އިންތިޒާރު ކުރެވޭތީއެވެ. ހިތާއިހިތުން ޝުކުރު އަދާކޮށްލެވުނެވެ. އެކަން ތުންފަތާ ހަމައަށް ފޯރިއެވެ.
"ތިހެން އަބަދު ވެސް ހިނިތުންވެލައިގެން އިނދެބަލަ. އެހައި ބޮޑަށް ހާސްވަނީ ކޮންކަމަކާތަ؟" ނޫހު އަހައިލިއެވެ.
އަހަރެން ދެ ފަރާތަށް ބޯ ހޫރައިލީމެވެ. އެއްވެސް ކަމެއް ނުވާކަން އަންގައިދޭށެވެ. އެއްވެސް ކަމަކާ ހާސް ނުވާކަން ދައްކާށެވެ. ނަމަވެސް، ނޫހު އެކަން ދެނަގަތެވެ. އޭނާގެ މޫނުމަތީގެ ކުލަތަކުން އެކަން ފާހަގަވިއެވެ. އެހެނަސް، އޭނާ އިތުރަށް ވާހަކައެއް ނުދައްކައެވެ. ބަހެއް ނުބުނެއެވެ. އެއީ އޭނާގެ މިޒާޖެވެ. އޭނާގެ ގޮތެވެ. ނޫހަކީ ބަސްމަދު މީހެކެވެ. ބޭކާރު ވާހަކައެއް އޭނާ ނުދައްކާނެއެވެ. އަނގައެއް ނުތަޅާނެއެވެ. އޭނާގެ އިހުސާސްތައް މާނަކުރާން ޖެހޭނީ ހަރަކާތުންނެވެ. ކަމެއް ބޭނުންވިޔަސް އެކަން ވެސް ޖެހޭނީ ދެނެގަންނާށެވެ. އެއީ ވެސް ފަސޭހަކަމެއް ނޫންތާއެވެ!
ޖެހިގެން އައީ ހުކުރު ދުވަހެވެ. އަހަރުމެން ތިބީ ހުރާގައެވެ. އެއީ ދަންނަ އެއްވެސް މީހަކު ނެތް ރަށެކެވެ. ނޫހު ބޭނުންވީ ވެސް އެގޮތެވެ. އަހަންނަށް ވެސް ކަމުދަނީ އެ ގޮތެވެ. އަހަރުމެން ތިބީ ޒަމާނީ ރީތި ގެސްޓު ހައުހެއްގައެވެ. މިއީ މިފަދަ ދަތުރެއްގައި ނޫހާއެކު އަހަރެން ކުރާ ފުރަތަމަ ތަޖުރިބާއެވެ. ފުރަތަމަ ދުވަސް ނިމިގެން ދިޔައީ ވަރަށް އުފާވެރި އިހުސާސްތަކެއް ކުރުވަމުންނެވެ. ދެމީހުންގެ ގުޅުން އިތުރުވެ ގޮށަށް ވާންވެގެންނެވެ. އެކަން އަހަންނަށް ވެސް އިހުސާސްކުރެވުނެވެ. ނޫހުގެ މޫނުމަތިން ވެސް އެ މަންޒަރު ފެނުނެވެ.
ހަވީރު މޫދުން އެރިގޮތަށް ކޮޓަރިއަށް ވަދެ ޖެހުނު ސަކަރާތުގެ ސަބަބުން އިރާދަންވީ އިރަށް ބަނޑަށް އެނގުންވާން ފެށިއެވެ. އެހެންވެ އިޝާ ކޮށްލައިގެން ދެ މީހުން ނިންމީ ކާން ދާށެވެ. ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ބޭރުގައި އެ ރަށުގެ އެންމެ މަޤުބޫލު ރެސްޓޯރެންޓަށް ދިޔުމަށެވެ.
"އޭތް ބަލަ ޒައިނާ!" ބަރު އަޑަކުން އަހަންނާ ދިމާއަށް މީހަކު ގޮވާލިއެވެ.
ސިއްސައިގެންގޮސް ފަހަތަށް އެއްލުނެވެ. ހީވީ މެއަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. ލިބުނު ސިހުމާއެކު ނޫހުގެ މުލައްދަނޑީގައި ބާރަށް ހިފައިލެވުނެވެ. އަހަންނަށް ބަލައިލެވުނީ ކުރިމަތީގައި ހުރި މީހާ އަށެވެ. އެއީ ބިރުވެރި ގޮތަކަށް ހުރި، މުޑުދާރު ވައްތަރެއް ޖަހާ އަންހެނެކެވެ. ހާވާލައިފައިވާ ބުޅި އިސްތަށިގަނޑެކެވެ. ކަޅުކަޅު މޫނެކެވެ. ދެ ލޯ ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. ކޮލުގެ އެކި ތަންތަނުގައި ބޮޑެތި ލަކުނުތައް އުފުލިފައި ހުއްޓެވެ. ކަޅު ތުންފަތާއި ރިހަ ދަތްޕިލަ ފެނުމުން ފާޑަކަށް ފަކުރު ވެސް ގަންނަ ގޮތްވިއެވެ. ދިގު އިނގިލަތަކުން ކޮށްލާ ހަރަކާތްތަކާއެކު ނިޔަފަތިތައް ފެނުމުން ބިރުވެރި އިހުސާސްތަކެއް ވެސް ކުރުވައެވެ.
"ކަލޭއަށް އޮތީ ބިރުވެރި ދުވަސްތަކެއް." އޭނާ ދެ ލޯ ބޮޑުކޮށްލިއެވެ.
އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދެން ފެށިއެވެ. ފާޑަކަށް އެމީހާގެ މޫނަށް ބަލައިލެވުނެވެ. އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ ބުނީ ކީކޭ ހެއްޔެވެ؟ ނޫހުގެ މުލަށްދަނޑީގައި ހިފައި ބާރުކޮށްލެވުނެވެ. ނޭނގޭ ތުރުތުރެއް ބޮލުން ފެށިގެން ފަޔާހަމައަށް ދުވެލިއެވެ.
"ކަލޭއަކަށް ސަލާމަތެއް ނުވެވޭނެ. އެކަމަކު..." އޭނާ އިނގިލި ދިމާކޮށްލީ ސީދާ ނޫހުގެ ނޭފަތު ކުރިއަށެވެ.
އަހަރެންގެ ހިތް ނަގައި ޖެހޭ ވަރު އިތުރުވިއެވެ. ނޫހު ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ވެސް ހާސްވުމާއި ކަންބޮޑުވުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ.
"ކަލޭއަކީ އަހަރުމެންނާ ހަވާލުކޮށްފަ ހުރި މީހެއް. ކަލޭ މި ރަށަށް ގެނައީ ވެސް އެމީހުން ބޭނުންވެގެން. އެމީހުންގެ މަސައްކަތަށް މަގު ފަހިކުރަން." އެ މީހާ ތުންފަތަށް ގޮތެއް ހަދައިލިއެވެ.
އެއާއެކު އޭނާ އެނބުރިލީ މަގުގެ އަނެއް ކޮޅަށެވެ. ފާޑެއްގެ ކޮރެއް ޖަހަމުން އޭނާ ހިނގައިގަތެވެ. ތަނބިކަށްޓާ ހަމައަށް ހުރި ގަޔަށް ދޫ ކަޅުކުލައިގެ ހެދުމާއި ހެޔޮވަރުގެ އިސްކޮޅާއި އޭނާގެ ރޫފައާ މެދު ވިސްނައިލެވުނެވެ. އެއަށްވުރެ ބޮޑު ކަމަކަށްވީ އޭނާ ދެއްކި ވާހަކައެވެ.
ނޫހު ހިނގައިގަތެވެ. ނޫހު އަތުގައި ހިފަހައްޓަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އޭނާ ދިޔައީ ސީދާ އެ މީހާއާ ދިމާއަށެވެ. އަނެއްކާ އޭނާގެ ބާރުން ނޫހު ގެންދަނީ ހެއްޔެވެ؟ ހިތްބިރު ގަންނަން ފެށިއެވެ. އިނގިލިތަކަށް ބާރު ބޮޑުވާން ފެށިއެވެ. އަވަސް އަވަހަށް ނޫހުގެ ފަހަތުން ދުއްވާގަނެވުނެވެ.
ނޫހު ދިޔަގޮތަށް ގޮސް އޭނާގެ ކުރިމައްޗަށް ހުރަސްވެލިއެވެ. ދެއަތް ފޭކޮށްލަމުން އޭނާއަށް ހުރަސް އެޅިއެވެ.
"މަޑުކޮށްބަލަ!" އޭނާގެ މަގު ބަންދުކުރުވަމުން ނޫހު ހުއްޓުނެވެ.
އެ މީހާ ބަލައިލީ ސީދާ ނޫހުގެ މޫނަށެވެ. އަހަންނަށް އެ ހިސާބަށް ދެވުނީ އެ ވަގުތުއެވެ. ހޮޅި ދަނޑިއެއްގެ އަލި އެޅޭ ހިސާބުކަމަށްވުމުން އެ އަންހެން މީހާގެ މޫނަށް ފުންކޮށް ބަލައިލެވުނެވެ. އޭނާގެ ނިތުގައި އުފުލިފައިވާ ބޮޑު ކަޅުތިލަ ލޮލުގައި އަޅައިގަތެވެ. ރޫޖެހިފައިވާ ނިތާއި އަޑިވަދެފައިވާ ދެ ކޮލަށް ބަލައިލެވުނެވެ. ތުންފަތުގައި އުނގުޅައިފައި ހުރި ކުލަތައް ތުންފަތުގެ ދެފަރާތުން އެގޮތް މިގޮތަށް ހުރިކަން ފާހަގަކުރެވުނެވެ.
"ތީ ކާކު؟ ކީކޭ ތި ކިޔަނީ؟" ނޫހު އަހައިލިއެވެ.
އެމީހާ ފާޑަކަށް ހޭންފެށިއެވެ. މަލާމާތުގެ ރާގެއްގައެވެ. އޭނާ އެނބުރިލިއެވެ. ނޫހަށް ފުރަގަސްދިނެވެ.
"އަހަންނަށް އެނގޭ ކަލޭ އަންނާނެކަން. ކަންކަން ހޯދަން ބޭނުންވާނެކަން ވެސް." އޭނާ އެނބުރިލީ ސީދާ އަހަންނާ ދިމާއަށެވެ.
އަހަންނަށް ދެ އިނގިލިތަކާ ކުޅެލަމުން އިނގިލިތައް މޮޑެލެވުނެވެ. ނޭވާ ހިފަހައްޓައިލެވުނެވެ.
"ހުރިހާ ނުރައްކަލެއް އޮތީ ކަލޭއަށް. ނޫހު މިކަމުން ސަލާމަތް ކުރެވޭނީ ވެސް ކަލޭއަށް. އެކަމަކު..." އޭނާ ހުއްޓައިލިއެވެ.
އޭނާ ބުނަން އެ އުޅުނީ ކީކޭ ހެއްޔެވެ؟ އޭނާ ހުއްޓައިލީ ކީއްވެ ހެއްޔެވެ؟ މިއީ ކާކު ހެއްޔެވެ؟ އެ މީހާ ކުރަން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އަހަރުމެންނަށް ފާރަލަނީ ހެއްޔެވެ؟ ނޫނީ އޭނާ ލައްވާ ބަޔަކު ކަމެއް ކުރަނީ ހެއްޔެވެ؟ މިއީ ބަޔެއްގެ ރޭވުމެއް ހެއްޔެވެ؟
"ތި ކާކު؟" އަހަންނަށް ވެސް އަހައިލެވުނެވެ.
"މަށަކީ މިރަށު ބޮޑުގަސްދޮށުގެ ޖަމީލާ އަލީ. މަށަށް މި ރަށު މީހުން ކިޔަނީ ބޮޑު ޖަމީ." އޭނާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ.
"ކޮބާ ބޭނުމަކީ؟" ނޫހު ސުވާލުކުރިއެވެ.
"ކަލޭމެން މި ރަށަށް އަންނާނެ ކަން މަށަށް މާކުރިން ވެސް އެނގޭ. ކަލޭމެން މި ރަށަށް އަންނާތީ މަ މިހާރު އިންތިޒާރުކުރާތާ ދެ ދުވަސް ވެއްޖެ. މި ރަށަށް ކަލޭމެން ފޭބީއްސުރެ ކަލޭމެންގެ ބޯކޮޅު ބަލަމުން މި ހިނގަނީ." ޖަމީލާ ބަލައިލީ ސީދާ ނޫހުގެ މޫނަށެވެ.
"ބޭނުމަކީ؟" އަހަންނަށް އަހައިލެވުނެވެ.
"މިއަދު މޫދުގައި އުޅުނު އިރު ވެސް މަށަށް އިންނަން ޖެހުނީ ކަޅި ޖަހައި ނުލައި ކަލޭމެންނަށް ބަލަން. އިއްޔެ މި ގެސްޓު ހައުހަށް ވަނީއްސުރެ އެހަރަ ގޮނޑިމަތީ ވަގުތުތައް މި ހޭދަކުރަނީ. ކަލޭމެންނާ ދިމާވާނެ ފުރުސަތެއް ނުލިބިގެން އެތައް މަސައްކަތެއް ކޮށްފިން." ޖަމީލާ އިޝާރާތްކޮށްލީ ޑަސްބިންތައް ބަހައްޓާ ދިމާލުގައި ހުރި ހަލާކުވެފައިވާ ލަކުޑި ގޮނޑިއަކަށެވެ.
"އެ ކީއްވެ ހޭ؟" އަހަރެން ސުވާލަކަށް ފަހު ސުވާލެއް ކުރަންފެށީމެވެ.
"ކަލޭ އިހަށް މަޑުން ހުރެބަލަ،" ޖަމީލާ އިންޒާރުގެ އިނގިލި އަހަންނާ ދިމާއަށް މަޅައިލަމުން ވައި އަޑުން ވާހަކަދެއްކިއެވެ. "ހުރިހާ ފައިދާއެއް އޮތީ ވެސް ކަލޭމެން ދެމީހުންނަށް. މަށަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ. ކަލޭމެންނަށް ޓަކައި މަ މިވީ ޤުރުބާނީގެ ބަދަލުގައި މަށަށް ލިބޭނީ ވެސް އަނިޔާ. މި ދެ ދުވަހު ކަލޭމެން އުފަލުގައި ބައިތިއްބަން މަ ފާރަ ނުލީ ނަމަ ކަލޭމެންގެ މޫނުމަތިން ތިޔަ އުފާވެރިކަމެއް ނުފެންނާނެ. ނޫހުގެ ލޮލުގައި ތިހުރި ބެބުޅުމެއް ނުފެންނާނެ. ޒައިނާގެ ބޮލުގެ ރިހުމަކަށް ލުޔެއް ނުލިބޭނެ. އެކަމަކު އެކަން ކަލޭމެން ބަލައެއް ވެސް ނުގަންނަމެއްނު. ނުވެސް ނޭނގޭ ވިއްޔާދޯ."
ނޫހު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެމީހާއާ ދުރަށްދާން އޭނާ އިޝާރާތްކޮށްލިއެވެ. އެ ތަނުން ދިޔުމަށް އޭނާގެ ހަރަކާތުން އަންގައިދިނެވެ.
"މަށެއް ނޫޅެން މިކަމުގެ ބަދަލުގައި ލާރި ހޯދާކަށެއް،" ޖަމީލާ އިނގިލި ދިމާކޮށްލީ ސީދާ ނޫހަށެވެ. "މަ ބުނާގޮތް ނަހަދައިފިއްޔާ ކަލޭއަށް ގެއްލުމެއް ލިބިދާނެ. ކަލޭއަށް ދެރަ ގޮތެއް މެދުވެރިވެދާނެ،."
ނޫހު އަހަރެންގެ އަތުގައި ހިފިއެވެ. އަހަންނަށް ނޫހު ގާތަށް ޖެހިލެވުނެވެ. ދެމީހުން އެކުގައި ހިނގައިގަތީމެވެ. ޖަމީލާ އައިސް އަހަރުމެންގެ ކުރިމައްޗަށް ހުއްޓި އަހަރުމެން ހުއްޓުވިއެވެ.
"އަދި ވަރަށް ގިނަ ވާހަކަ އެބަހުއްޓޭ. އަހަންނަކަށް ނޭނގެ ދެން ކަލޭމެންނާ އަހަންނަށް ދިމާވާނެ ކަމެއް. ފަހަރެއްގަ މި ވާހަކަ ނުބުނެ އުޅެނިކޮށް ހުރިހާ ކަމެއް ބަދަލުވެދާނެ. އެމީހުން އަހަންނަށް ވެސް ހަމަލާއެއް ދީފާނެ. މިހާރު ވެސް އެމީހުންގެ ކަންފަތް ހިރުވާތީ އެބައުޅޭ." ޖަމީލާ ދެ ލޯ ބޮޑުކޮށްލަމުން އެއް ނޭވާއިން އަމުނައިލިއެވެ.
ނޫހު ހިފައިލީ ސީދާ އަހަރެންގެ އަތްތިލައިގައެވެ. ނޫހުގެ ވައަތުގެ އަހުރުތެރެއަށް އަހަރެންގެ ކަނާއަތުގެ އިނގިލިތައް މަހައިލައި ބާރުކޮށްލެވުނެވެ. އެ އިޝާރާތުގެ މާނަ އަހަންނަށް ދެނެގަނެވުނެވެ. ކުރާންވީ ކީއްކަން ވިސްނައިގަނެވުނެވެ. ނޫހުގެ އެކަހަލަ ކޮންމެ ހަރަކާތަކީ އަހަންނަށް އާ ހަރަކާތެއް ނޫނެވެ.
ކުއްލިއަކަށް ބަޔަކު ބާރުބާރަށް ވާހަކަދައްކާ އަޑުއިވެންފެށިއެވެ. ވާހަކަދައްކާ އަޑެއް ނޫނެވެ. ހަޅޭއްލަވާ ކަހަލަ އަޑެކެވެ. އަހަރުމެންނަށް ފަހަތް ބަލައިލެވުނެވެ. ދުވެފައި ދެމީހުން އަހަރުމެންނާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. އިނގިލި ދިމާކުރަމުންނެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެމީހުން އިނގިލި ދިމާކުރަމުން އައީ ޖަމީލާއަށެވެ.
"އެ އަންނަނީ ބަލާ. މަ މި ތަނުން ދަމައި ކޫޓުވައިފަ ގެންދަން. އެމީހުން މަށަށް އަނިޔާކުރާނެ. ތަޅައި ތަންތަން ހަލާކުކުރާނެ. ވާގަނޑަކުން ވެހައިނެ. މަށަށް ބޭރަށް ނުނިކުމެވޭގޮތް ހަދާނެ. ދޮރު ތަޅުލައި ބޭރުގައި ޗޭނު ޖަހާނެ. އެއީ އެމީހުން ފޮނުވައިގެން އަންނަ ދެ މީހުން،" ޖަމީލާ ހިފީ ނޫހުގެ އަތުގައެވެ. "އެކަމަކު މަށަށް އެތަނުން ނިކުމެވޭނެ. ކަލޭމެން ބޭނުންވީމަ މަށަށް އާދެވޭނެ."
އޭނާ އާދޭސްކުރަމުން ދިޔައީ އޭނާއަށް ހިމާޔަތްދިނުމަށް އެދިއެވެ. ނޫހުގެ ގަމީހުގެ ގޮށްފަތީގައި ހިފައި ތިރިކޮށްލިއެވެ. އެންމެ ފަހުން ނޫހުގެ ދެފައިގައި ހިފައި އާދޭސްކުރަން ފެށިއެވެ. އޭރު ދުވެފައި އައި ދެމީހުން އައިސް އަހަރުމެންނާ އަރައި ހަމަކުރަނީއެވެ. ނޫހު ފަހަތަށް ޖެހިލުން ފިޔަވާ އިތުރު ހަރަކާތެއް ނުކުރެއެވެ.
"ސޮރީ! މިއީ މޮޔަ މީހެއް. ބުއްދި ހަމަ ނުޖެހޭ މީހެއް. އޭނާ ދައްކާ ވާހަކައަށް އަޅައިނުލާ. އޭނާ ގަޔާވާ ބަޔަކު މި ރަށަށް އަތުވެއްޖެ ނަމަ ގަދަކަމުން ފިލައިގެން ނަމަވެސް ނުކުންނާނެ. އެވަރަށް ފާރައަށް ތިބޭއިރު ވެސް އޭނާ އެބަ ފިލާ. ނުކުންނަ ގޮތެއް ނޭނގި އޭނާ އެބަ ސަލާމަތްވޭ." ދެބައި އުމަރުގެ ފިރިހެން މީހާ ވާހަކަދެއްކީ ސީދާ ނޫހަށެވެ.
ނޫހު ލުއި ގޮތަކަށް ހިނިތުންވެލިއެވެ. މައްސަލައެއް ނެތްކަން އެމީހުންނަށް އަންގައިދިނެވެ. މޫނުމަތީގެ ހަރަކާތްތަކުންނެވެ.
"ބިރު ނުގަންނާތި. އޭނާ ވާހަކަދައްކަން ނިކަން ފަރިތަވާނެ. ހީވާނީ ހަމަ އަސްލުހެން. އެކަމަކު މުޅީން ވެސް އެއީ އޭނާގެ ޚިޔާލީ ވާހަކަ. އަސްލެއް ނޫން." ދެވަނައަށް ހުރި މީހާ ބަލައިލީ އަހަރެންގެ މޫނަށެވެ.
ގަދަކަމުން އަހަންނަށް ހިނިތުންވެވުނެވެ. މައްސަލައެއް ނެތްކަން އަންގައިދޭށެވެ. އޭނާ ދެއްކި ވާހަކަ ގަބޫލުނުކުރާކަން އަންގައިދޭށެވެ.
"ދޫކުރޭ. ދޫކުރޭ!" ޖަމީލާ ހަޅޭއްލަވަން ފެށިއެވެ.
ދެމީހުން އަތުލަފިކޮށްގެން ޖަމީލާ ގެންދެވޭތޯ އުޅުނެވެ. ނޫހު ކުރިއަށް ހިނގައިގަތެވެ. އަހަރެން ވެސް ނޫހުއާއެކު ހިނގައިގަތީމެވެ.
"ކަމެއް ބޭނުންވެއްޖެ ނަމަ މޫދު ކައިރީހުރި އުނިގަސް ދޮށަށް އަންނާތި. މަށާ ބައްދަލުވާން ބޭނުންނަމަ އެތަނަށް ދޭ. އޭރުން މަ ދާނަން." ޖަމީލާ ހަޅޭއްލަވާ ގަތެވެ.
އަހަންނަށް ފަސް އެނބުރި ބަލައިލެވުނެވެ. ޖަމީލާ ގެންދިޔުމަށް އެދެ މީހުން އުޅޭ ހާލު ފެނިފައި ހިތުގައި ޖެހުނެވެ. އޭނާއަށް އަނިޔާވާނެކަން ވަޒަން ކުރެވުނެވެ. ޖަމީލާގެ ހަރަކާތްތަކުން އެ ދެމީހުންނަށް ވެސް އަނިޔާވާނެ ވަރު އިހުސާސްކުރެވުނެވެ.
(ނުނިމޭ)
Comment