Advertisement

ސުޕްރީމް ކޯޓުގެ އާ އުސޫލާއެކު، އަދީބުގެ އެގްރިމެންޓު ދިނުމަށް ޔާމީންގެ ފަރާތުން އެދެނީ

18 މޭ 2023 - 10:50 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު (ވ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ)؛ ތަހުގީގުގެ މައުލޫމާތުތަކަށް އެދޭއިރު އަދީބާއެކު ދައުލަތުން ވެފައިވާ އެއްބަސްވުން ދިނުމަށް ވެސް އެދޭނެ ކަމަށް ޔާމީންގެ އިސް ވަކީލު ޖަމީލު ވިދާޅުވެއްޖެ - ފޮޓޯ: ރައީސް އޮފީސް


ސުޕްރީމް ކޯޓުގެ އާ އުސޫލާއެކު، އަދީބުގެ އެގްރިމެންޓު ދިނުމަށް ޔާމީންގެ ފަރާތުން އެދެނީ

18 މޭ 2023 - 10:50 0

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގައި ހެކިތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ކަނޑައެޅި އާ އުސޫލަކީ އެމަނިކުފާނުގެ ވަކީލުންނަށް ބޮޑު ކާމިޔާބެކެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި އާ އުސޫލުގައި ވަނީ މައްސަލައިގެ ތަހުގީގަށް އެއްކުރެވޭ ހުރިހާ މައުލޫމާތަކާއި، ތަހުގީގުގެ މުޅި ފައިލް ދިފާއުއަށް ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި, ކޮންމެ އިދާރާއެއްގައި އޮތް މައުލޫމާތަކަށް ވިޔަސް، މައްސަލައާ ގުޅުން ހުރި ނަމަ، ދިފާއުން އެދޭ މައުލޫމާތެއް ވިއްޔާ ހިއްސާކުރަން ވާނެ ކަމަށެވެ.

މި އުސޫލު ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭގެ ދަށުން ތަހުގީގާއި ވުޒާރާތަކުގައި ހުރި ގިނަ ލިޔެކިޔުންތަކެއް ދިފާއަށް ހިއްސާކުރެއްވުމަށް ކްރިމިނަލް ކޯޓުގައި އެދުމަށް ޔާމީންގެ ވަކީލުން އަންނަނީ ތައްޔާރުވަމުންނެވެ.

ޔާމީންގެ ދިފާއީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ދިފާއު ބިނާކުރާ މައިގަނޑު ނުކުތާއަކީ ހެކިބަސް އުފެއްދުން ކަމަށްވާއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ހޯދުން ވަރަށް މުހިންމު ކަމަށެވެ.

"[އަދީބާއެކު ދައުލަތުން ހަދާފައިވާ] މި އެއްބަސްވުން އަޅުގަނޑުމެން ހޯދާނަން، މި އެއްބަސްވުން އަޅުގަނޑުމެންނަށް ލިބުމުން ރައީސް ޔާމީންގެ މައްޗަށް އުފައްދައިގެން އުޅޭ މުޅި މައްސަލަ ނެތިކޮށްލެވޭނެ،" ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސަކަށް ވެސް ހުންނެވި ޖަމީލު ވިދާޅުވި އެވެ.

ޔާމީންގެ އިސް ވަކީލު "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގައިދިޔައިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތަކީ "ޔާމީންގެ އަދާވާތްތެރިން" ކަމުގައި އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ ސިފަކުރައްވަމުންނެވެ. އެއާއެކު ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދެވީ ވެސް އަދީބު އަދި ޒިޔަތުގެ ހެކިބަސް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި މައިގަނޑު ދިފާއުއަކީ އެއީއޭ، ހެކި ނެތި ވަކި ކަހަލަ ބަޔަކު ބޭނުންކޮށްގެން ހެކިބަސްތަކެއް އުފައްދަނީއޭ، އެހެން މި ބުނަނީ، ހެކިބަސްދޭ ފަރާތްތަކުގެ އެބަ އޮތޭ މޯޓިވެއް،" ޖަމީލު ވިދާޅުވި އެވެ.

އަދީބަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތެރިޔާ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ބޭފުޅެކެވެ. ދައުލަތާއެކު ވެފައިވާ ކުށުގެ އިއުތިރާފާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން ވަނީ އަދަބު ލުއިކޮށްފަ އެވެ.

ނަމަވެސް, ޔާމީންގެ ވަކީލުން ގަބޫލުކުރައްވާ ގޮތުގައި އެ އެއްބަސްވުން ހާމަކޮށްފައިނުވާއިރު އޭގައި "އަޑި ނޭނގޭ" ކިތަންމެ ކަމެއް ހިމެނެ އެވެ. އޭރު ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސް އިތުރަށް މައްސަލަ ނުގޮސް އޮތުން ވެސް ޖަމީލު ގުޅުވަނީ އެ އެއްބަސްވުމަށެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް، ޓެރަރިޒަމްގެ އަމަލެއް އަޅުގަނޑުމެން ގައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ، ސިޓިން ޕްރެސިޑެންޓެއްގެ މައްޗަށް،" މީގެ ކުރިން ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ޖަމީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ އާ އުސޫލަކީ ޔާމީންގެ ވަކީލުންނަށް ކާމިޔާބަކަށްވި ނަމަވެސް ގިނަ ނުކުތާތައް ނިންމީ ދައުލަތާ އެއްކޮޅަށެވެ.

އެގޮތުން، ހުކުމުގައި ވަނީ ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތެއްގައި އެ ގާނޫނުތައް ހިންގަން ފަށަން ވާނީ އެ ގާނޫނުތަކަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކަމަށެވެ. އަދި, މި މައްސަލާގައި ހިމެނޭ ހެއްކާ ބެހޭ ގާނޫނަކީ ކުށުގެ އަދަބަށް ލުއި ދީފައިވާ ގާނޫނެއް ނޫންކަން ވެސް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އެކަމަކު، ސުޕްރީމް ކޯޓުން ނިންމީ، އަދީބާއި ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތަސް، މައްސަލަ ނިންމާއިރު، ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ވާހަތައް ބަލައިގަތުމާ މެދު ގޮތް ނިންމުމުގެ ފުރުސަތު ދަށު ކޯޓަށް އަދިވެސް އެބަ އޮތް ކަމަށެވެ. އެ ހެކި ޝަރީއަތަށް ބަލައިގަނެވޭނެ ކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަ އެވެ.