15 މޭ 2023 - 12:25 0
މުހައްމަދު އުޝާމް
ރާއްޖޭގެ ކޯޓެއްގެ ކޯޓު ރޫމް ރަމްޒުކޮށްދޭ އިލަސްޓްރޭޝަނެއް؛ ޓެރަރިސްޓް ޖަމާއަތް އައިއެސްއަށް ތާއީދުކުރާ ކަމަށް ކުރި ދައުވާއެއް ސާބިތުނުވި --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
15 މޭ 2023 - 12:25 0
ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާކަން ދޭހަވާ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އައްޑޫ ސިޓީން ހައްޔަރު ކުރި އިއުތިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ.
ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން، އިއުތިސާމް އުޅުނު ތަން ފުލުހުން ބަލައިފާސްކުރި އިރު ފެނުނު ދެ ފޯނަކުންނާއި އޭނާގެ ޖީބުން ފެނުނު ޕެން ޑްރައިވަކުން އައިއެސް ޖަމާއަތަށް ތާއީދު ކުރާ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފަ އެވެ.
ދައުލަތުން އުފުލި ދައުވާއަށް އިއުތިސާމް އިންކާރު ކުރެ އެވެ. ދިފާއުގައި އޭނާ ދެއްކި ވާހަކައަކީ އޭނާއަކީ އިލެކްޓްރޯނިކް ތަކެތި މަރާމާތު ކޮށްދޭ މީހެއް ކަމާއި، ޕެން ޑްރައިވަކީ ވެސް މީހަކު މަރާމާތު ކުރަން އޭނާއަށް ދީފައިވާ އެއްޗެއް ކަމަށެވެ.
މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ކުރެއްވި ހުކުމުގައި ވަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓްގައި ހިމެނޭ ކަންކަން ސާބިތުކުރަން އިތުރު ގަރީނާ ހުށަހެޅިފައި ނެތުމުން އެ ރިޕޯޓަށް އެކަނި ބުރަދަން ދީގެން މައްސަލަ ސާބިތުވެވެން ނެތް ކަމަށެވެ.
އަދި ޕެން ޑްރައިވަކީ އިއުތިސާމަށް މީހަކު ދިން އެއްޗެއް ކަން ސާބިތު ކުރުމަށް ދިފާއީ ހެކިބަސް ދިން މީހުންގެ ބަސް ނަފީ ކުރުމަށް ދައުލަތުން އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހުކުމުގައިވެ އެވެ.
އިއުތިސާމްގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް 2017 ވަނަ އަހަރު ކުނޫޒުގައި ބާއްވާ ޖަލްސާއަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރޭވި ކަމަށް ބުނާ މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment