Advertisement

އަނީސާގެ ދުޅަހެޔޮކަމުގެ ސިއްރަކީ މިންހެޔޮ ވައްޓަފާޅި

16 އޭޕްރީލް 2023 - 08:08 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އަނީސާ އަހުމަދު. -- އާޓްވޯކް: ރައްޔާން މުހައްމަދު (ރައިޑޭ) / އަދަދު


އަނީސާގެ ދުޅަހެޔޮކަމުގެ ސިއްރަކީ މިންހެޔޮ ވައްޓަފާޅި

16 އޭޕްރީލް 2023 - 08:08 0

މި އިންޓަވިއުގެ ކުރިން އެ ކަމަނާގެ އުމުރުފުޅު އެނގިފައި ނެތަސް، ބުރެއް ޖަހާލަން ނުކުންނަ ދުވަހެއް ނަމަ ލޮލުގައި އަޅައިގަނެ އެވެ. ދޮށީ އުމުރުގެ ބޭފުޅަކަށް ވެފައި، މާލޭގެ ވަށައި މިއޮތް ހައެއްކަ ކިލޯމީޓަރުގެ ބޮޑުތަކުރުފާނުގެ މަގުން އެ ޖައްސަވާ ކަސްރަތުގެ ބުރުގެ ބާރުމިނާއި ހުރި ޖޯޝާއި ޖޯރު ފެނިފައި އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިބެ އެވެ. އެހާމެ ފިޓެވެ.

ކިޔައިދޭން މި އުޅެނީ މ. ލޮނުވެލި، އަނީސާ އަހުމަދުގެ ވާހަކަ އެވެ. މާބޮޑު ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. ނަރުހެއްގެ ވަޒީފާއިން ފެއްޓެވި ހިދުމަތުގައި އެކިއެކި މަގާމުތަކަށް ފަހު، ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އެވެ. ހާއްސަކޮށް އަންހެން ބޭފުޅުންނަށް ނަމޫނާއަކަށް ވާނެ، އެ ރަން ސަފުހާއަށް ފަހު، މުސްކުޅި ކުރެއްވީ 2009 ގަ އެވެ. އެއަށް ފަހު ވެސް އަންހެނުންނަށް އުއްމީދެއް ގެނެސްދިނުމަށްޓަކައި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހޯދައިދީ ބާރުވެރިކުރުމަށް 2010 ގައި "ހޯޕް ފޯ ވިމެން" ޖަމިއްޔާ އުފެއްދެވި އެވެ. އަންހެނުންގެ އެފަދަ މަސައްކަތްތައް ފާހަގަކޮށް އެމެރިކާ ސަރުކާރުން ދޭ އިންޓަނޭޝަނަލް ވިމެން އޮފް ކެރޭޖް އެވޯޑު 2012 ގައި އަނީސާ އަށް ލިބިވަޑައިގެންފައިވެ އެވެ.

2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބާއި ނައިބު ރައީސް އަނީސާއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


"އަޅުގަނޑުމެން ކޮންމެ މީހަކީވެސް ރިޓަޔާ ވާނެ މީހެއް. އަބަދު ވަޒީފާގައެއް ނޫޅެވޭނެ އެކަކަށް ވެސް. އެހެންވީމަ އެންމެ މުހިންްމު ކަމަކީ ކޮންމެ މީހަކުވެސް މުސްކުޅިވާނެކަން ދަނެގެން އެކަމަށް ތައްޔާރުވުން. އެމީހެއްގެ ދުޅަހެޔޮކަން ހިފެހެއްޓުން ވެސް އެއީ އެގޮތުން މުހިންމުކަމެއް،" އަނީސާގެ ތަޖުރިބާގެ ސޮފުހާއިން ބައެއް ދޫކޮށްލެއްވި އެވެ.

އުމުރުފުޅުން 73 އަހަރު ފަހަޅަ އަޅައިދާއިރު ވެސް، މަސައްކަތާއި މުރާލި ކަމުގައި ހަމަ އެއްވެސް ވަރުބަލި ކަމެއް، ބަދަލެއް ފެނިގެން ނުދެ އެވެ. ސިއްރަކީ، އަނީސާގެ ދުވަހުގެ ތާވަލާއި ވައްޓަފާޅި އާއި އާދަކާދަ އެވެ. އެއީ އެންމެންނަށް ވެސް މިސާލެކެވެ. ފިލާވަޅެކެވެ.

ފަރިއްކުޅުވުމާއި ކަސްރަތު

ތިންއިރު މިންހެޔޮކޮށް ފަރިއްކުޅުވުމަކީ އަނީސާ ދޫނުކުރައްވާ އާދަ އެކެވެ. ބަނޑުފުރި އުނދަގޫވާ މިންވަރަށް ފަރިއްނުކުޅުއްވަ އެވެ. ހަކުރު ކިތަންމެ ފޮންޏަސް، އަނީސާއަށް "ހިތިކަމެއް" އިހުސާސް ކުރެއްވުމަކީ އެ ފެންނަ ދުޅަހެޔޮކަމުގެ މައިގަނޑު އެއް ސިއްރެވެ. ދެން އޮތީ ގަވާއިދުން ކުރާ ކަސްރަތެވެ.

އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކުރެއްވުމަށް ފަހު ރާއްޖޭގައި އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދި އަންހެން ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަނީސާ އެންމެ ގަޔާވި ކުޅިވަރަކީ ބެޑްމިންޓަން އެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކުޅިވަރު ކުރުމާ ފެޔަށް ޖެހިވަޑައިގަތުމަށް ފަހު، ޑޮކްޓަރު ދެއްވި އިރުުޝާދާއެކު ފެއްޓެވީ ކަސްރަތަށް ހިންގަވާށެވެ. އެ ހިންގެވުން އަދިވެސް ނުހުއްޓަ އެވެ. ކޮންމެ ދުވަހެއްގެ ފަތިސް ނަމާދަށް ފަހު އަނީސާގެ ތާވަލުގައި އޮންނަނީ ކަސްރަތަށް ހިންގެވުމެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ޑައިޓުކުރި މީހެއް ނޫން. ޑައިޓުކޮށްގެން ހަށިގަނޑަށް ބަދަލު ގެނައުމަކީ އަޅުގަނޑުު ގަބޫލުކުރާ ކަމެއްވެސް ނޫން. އަަޅުގަނޑަށް އެންމެ މުހިންމު ކަމަކީ ދުވަހުގެ ކެއުންތައް، އޭގެ ވަގުތު ވައްޓާނުލައި ނެގުން. އެންމެ ކުރިން ސަރުކާރުުގައި އުޅުނު އިރު އާދޭ މީލްތައް ގަޑިއަށް ނުނެގޭ ދުވަސްތައް ވެސް. އެކަމަކު ވެސް ވަރަށް ބަލަން ގަޑިއަށް ކެވޭތޯ،" އަނީސާގެ ދުޅަހެޔޮ ކަމުގެ އެންމެ މުހިންމު އެއް ސަބަބު ކިޔައިދެއްވި އެވެ.

ގޭގެ މަސައްކަތްތަކުގައި ވެސް އިތުރު މީހެއްގެ އެހީއެއް އަދިވެސް ނުހޯއްދަވަ އެވެ. ގޭތެރޭގެ މަސައްކަތަކީ ވެސް އަނީސާއަށް ކަސްރަތެކެވެ. ދުވަހުގެ ރަސްމީ މަސައްކަތްތަކަށް ފަހު، މާލަސްނުކޮށް ނިދިކުރެއްވުމަކީ އަނީސާއަށް އާދަވެފައިވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އަންހެން ނައިބު ރައީސް އަނީސާ، އެކަމަކާގެ ސިޔާސީ ތަޖުރިބާ ހިއްސާ ކުރައްވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ


އަނީސާގެ ނަސޭހަތް

ރާއްޖެއަށް އިމްޕޯޓު ކުރެވޭ މުދަލުގެ ތެރެއިން ލުއި ކާނާ އާއި އެނާޖީ ޑްރިންކުގެ މިންވަރު ވަރަށް މަތިކަން އެނގެ އެވެ. ދިވެހި ޒުވާން ޖީލު އެ ތަކެއްޗަށް ދެވި ހިފަމުންދާއިރު، އަނީސާގެ ނަސޭހަތަކީ ލުއި ކާނާ އާއި، އެނާޖީ ޑްރިންކްސްތަކުގެ ނަމުގައި ވިއްކާ ކާބޮނޭޓެޑް ބުއިންތަކާ ދުުރުވެ ތިބުމެވެ. ޝައުގުވެރި ކުލަތަކާއި ލޭބަލްތަކުގައި ތައްޔާރުކޮށްފައިވާ އެ އުފެއްދުންތައް ވަރުގަދަ އަށް އިސްތިހާރުކޮށް ވިއްކާ، އެޔަށް ދެވި ޖެއްސިޔަސް، ހަށިގަނޑަށް ފައިދާއެއް ނެތް ކަމަށް އަނީސާ ވިދާޅުވި އެވެ.

އަނީސާގެ އެންމެ ފަހުގެ ނަސޭހަތަކީ މިއެވެ؛ "ކެއުން ގަވައިދުން ބެހެއްޓުުމަށާއި، އެއްފަހަރާ މާ ގިނަ އެއްޗިހި ނުކެއުމަށާއި، ދެން މި ފާޑު ފާޑުގެ ބްރެޑްސް ކެއުމުގެ އާދަވެސް އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ. އެހެންވީމަ އެ އެއްޗިހިތަކާ ދުރުވާށޭ. މި ދެންނެވީކީ މުޅިން ނުކާށެކޭވެސް ނޫން. އެކަމަކު އާދަޔަކަށް ހަދާފައި ކޮންމެ ދުވަހަކު އެތަކެތި ކެއުމުގައި ބޭނުންކުރުމަކީ ވަރަށް ނުރަނގަޅު އާދައެއް"

ހަރަކާތްރިވެ އުޅުމުގެ މުހިންމުކަން އިހުސާސް ކުރެއްވޭއިރު، އަނީސާގެ ކަންބޮޑުވުމެއް ވެސް އެބަ އޮތެވެ. ފަސޭހަ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ޖީލެއްގެ ހަޔާތް ހެލިފެލިވެ އުޅުމާއި ކަސްރަތާ ދުރުވަމުން ދިޔުމެވެ. ސްކްރީނަށް ބޯ މަހާލައިގެން ތިބޭ އެ ޒުވާނުންނަށް ކަސްރަތެއް މުހިންމެއް ނޫނެވެ. ކަސްރަތު ކުރާން ވަގުތެއް ވެސް ނެތެވެ. ކުރިއާ ހިލާފަށް ސްކޫލުތަކުގައި ވެސް ހެލިފެލިވެ އުޅޭ ހަރަކާތްތައް މަދެވެ. އަނީސާގެ ނަސޭހަތަކީ މިއެވެ. ކަސްރަތު މުހިންމެވެ. މިންހެޔޮ ކެއުމެއް ވެސް މުހިންމެވެ.