14 އޭޕްރީލް 2023 - 14:54 0
މުހައްމަދު އުޝާމް
14 އޭޕްރީލް 2023 - 14:54 0
ގއ. ކޫއްޑޫ މަސް ފެކްޓަރީގައި 4،000 ޓަނުގެ އިތުރު ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކޫއްޑޫގެ އިތުރަށް ކ. އަތޮޅު ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖެއް ގާއިމުކުރުމަށާއި މ. މުލަކުގައި ހުރި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖު ތަރައްގީ ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ވެސް ހިމަނާފައިވެ އެވެ.
އިއުލާނުގައިވާ ގޮތުން، އެ ޕްރޮޖެކްޓްގެ ބީލަމުގައި ބައިވެރިވުމަށް 1،500ރ. ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަންނާނީ މިއަދުން ފެށިގެން ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އެހެން މަސްތަކުގައި އެއީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި، ކޫއްޑޫ ޕްރޮޖެކްޓަށް 35،000 އެމެރިކާ ޑޮލަރު، ކަނޑުއޮތްގިރީގެ ޕްރޮޖެކްޓަށް 16،000 އެމެރިކާ ޑޮލަރު، އަދި މ. މުލަކު ޕްރޮޖެކްޓަށް 12،000 އެމެރިކާ ޑޮލަރު ވަކިން ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރެވެ.
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަކީ މިހާރު 2،000 ޓަނެވެ. މަސް ގަތުމުގެ ކެޕޭސިޓީ ބޮޑުކުރުމަށް ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު، ފެލިވަރުގައި ވެސް ބޮޑު މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވެ އެވެ.
ފެލިވަރުގައި މުޅިން އަލަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3،500 ޓަނުގެ ކާގޯ ވެސަލް ކައިރި ކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސް ކިރާނެ ޖެޓީ އަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި، 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއްވެސް ފެލިވަރުގައި ގާއިމް ކުރެ އެވެ.
Comment