30 މާރިޗު 2023 - 14:02 0
30 މާރިޗު 2023 - 14:02 0
ބާސެލޯނާ (މާޗު 30) - ޒުވާން ފޯވަޑް އަންސޫ ފާޓީއާ މެދު ބާސެލޯނާ އިން ކަންތައްތައް ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށާއި މި ވަގުތު އަންސޫ ފާޓީ އަށް އެންމެ ރަނގަޅު ގޮތަކީ އެހެން ކްލަބަކަށް ބަދަލުވުން ކަމަށް އޭނާގެ ބައްޕަ، ބޯރީ ފާޓީ ބުނެފި އެވެ.
އަންސޫ ފާޓީ، 20، މި ސީޒަންގައި މުޅިން ފިޓުކޮށްހުރި ނަމަވެސް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އޭނާ އަށް ދީފައިވަނީ މަދު ފުރުސަތުތަކެކެވެ. މި ސީޒަންގައި ބާސެލޯނާގެ ފުރަތަމަ 11 އިން އަންސޫ ފާޓީ އަށް ފުރުސަތު ލިބުނީ އެންމެ ނުވަ މެޗުގަ އެވެ.
އަންސޫ ފާޓީގެ ބައްޕަ ބޯރީ ފާޓީ ބުނީ މި ވަގުތު އަންސޫ އަށް އެންމެ ރަނގަޅު ގޮތަކީ އެހެން ކްލަބަކަށް ބަދަލުވުން ކަަމަށް އޭނާ އަށް ގަބޫލްކުރެވުނު ނަަމަވެސް، ބާސެލޯނާ ދޫކޮށްލަން އަންސޫ ފާޓީ ބޭނުންނުވާ ކަމަށެވެ.
"މިހާރު އަންސޫ އަށް ފުރުސަތު ދޭ ގޮތާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ. މިހާރު އެދެނީ ދެ މިނެޓު، ތިން މިނެޓު، ހަތަރު މިނެޓު،" ސްޕެއިންގެ ރޭޑިއޯ ސްޓޭނަޝަކަށް ދިން އިންޓަވިއުއެއްގައި ބޯރީ ފާޓީ ބުންޏެވެ.
"އަހަރަމެން އަންސޫގެ އޭޖެންޓް (ޖޯޖް މެންޑޭސް)އާ ވަރަށް ފަހުން ބައްދަލުކުރިން. އެ ބައްދަލުވުމުގައި އަންސޫ އެންމެ ފުރަތަމަ ވެސް ބުނި ވާހަކަ އަކީ ބާސެލޯނާ ދޫކޮށްލަން ބޭނުންނުވާ ވާހަކަ."
އުމުރުން އެންމެ 16 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމަށް އަންސޫ ފާޓީ ކުޅެން ފެށީ 2019 ވަނަ އަހަރެވެ. އަންސޫ ފާޓީ ވިދާލި ނަމަވެސް، 2020 ވަނަ އަހަރު ކުރިމަތިވިި ކަކުލުގެ އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހުނެވެ. އަދި ކުރި ކަކުލުގެ އޮޕަރޭޝަން ފުރަތަމަ ރަނގަޅަށް ނުދިއުމުން، ދެ ވަނަ އޮޕަރޭޝަނެއް ކޮށް ކުޅުމަށް އެނބުރި އަ އެވެ.
ބާސެލޯނާގެ ލެޖެންޑް، ލިއޮނެލް މެސީ 2021 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވުމާ އެކު، އޭނާ ބާސެލޯނާގައި ބޭނުންކުރި 10 ނަމްބަރު ޖޯޒީ ވެސް އެ ކްލަބުން ދިނީ އަންސޫ ފާޓީ އަށެވެ.
ބޯރީ ބުނީ އަންސޫ ފާޓީ އަށް ހުރިހާ މެޗެއްގެ ފުރަތަމަ 11 އިން ޖާގަ ދޭންޖެހޭނެ ކަމަށް "ނުބުނާނެ" ކަމަށެވެ. އެކަމަކު، އަންސޫ ފާޓީގެ ފެންވަރަށް ބަލާއިރު، މިހާރަށް ވުރެ ގިނަ ފުރުސަތުތައް އޭނާ އަށް ހައްގު ކަމަށެވެ.
"މި ދައްކަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ވާހަކަ. މި ދައްކަނީ ބާސެލޯނާގެ 10 ނަމްބަރު ޖޯޒީ ލާ ކުޅުންތެރިޔާގެ ވާހަކަ. މިއީ ބާސެލޯނާގެ އެކެޑަމީން ނުކުތް ކުޅުންތެރިއެއް،" ބޯރީ ބުންޏެވެ.
ބޯރީ ބުނީ އަންސޫ ފާޓީ އަށް ފުރުސަތުތައް ނުލިބޭތީ، ބާސެލޯނާގެ މެޗުތަކަށް އޭނާ މިހާރު ނުދާ ކަމަށެވެ. އަދި އަންސޫ ފާޓީ އެހެން ކްލަބަކަށް ބަދަލުވާން އޭނާ ބޭނުންވިޔަސް، އަންސޫ ފާޓީ ބޭނުންނުވާ ކަމެއް ނުކުރެވޭނެ ކަމަށް ވެސް ބޯރީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
Comment