15 ފެބުރުވަރީ 2026 - 10:11 0
15 ފެބުރުވަރީ 2026 - 10:11 0
މެޑްރިޑް (ފެބްރުއަރީ 15) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް 4-1 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެން ރެއާލް އެއް ވަނަ އަށް އެރީ 24 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އަށް 23 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އިން މާދަމާރޭ ޖިރޯނާ ބަލިކޮށްފިނަމަ، އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރެއްގައި އޮތް ވިޔަރެއާލަށް 23 މެޗުން 45 ޕޮއިންޓް ލިބިފައިވެ އެވެ.
ރޭގެ މެޗަކީ، ރެއާލްގެ އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އެ ގޮތުން، މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އާނޯލްޑް ދިން ބޯޅައަކުން ރެއާލަށް ލީޑުނަގައިދިނީ ގޮންޒާލޯ ގާސިއާ އެވެ.
ސޮސިއެޑާޑުން އެއްވަރުކުރީ 21 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލް ވައްދާލި ޕެނަލްޓީންނެވެ.
ރެއާލުން ފުރަތަމަ ހާފުގައި ދެ ވަނަ ލަނޑު ޖަހައި ލީޑުނެގީ ޕެނަލްޓީ އަކުން ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. އަދި، އޭގެ ފަހުން ފެޑެރީކޯ ވަލްވޭޑޭ ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ޖަަހައިފަ އެެވެ.
އަދި، ދެ ވަނަ ހާފު ފެށުނުތަނާ ވިނީޝިއުސް ވަނީ އިތުރު ޕެނަލްޓީއެއް ކާމިޔާބުކޮށް ރެއާލްގެ ހަތަރު ވަނަ ގޯލު ޖަހައިދީ، ހަމަޖެހިލައިގެން މި ހާފުގެ ބާކީ ބައިގައި ކުޅެވޭ ވަރުގެ ލީޑެއް ހޯދައިދީފަ އެވެ.
Comment