about 7 hours 0
about 7 hours 0
މެޑްރިޑް (ފެބްރުއަރީ 13) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ 4-0 އިން ބާސެލޯނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ކޮންޓްރޯލް ނަގައިފި އެވެ.
ރޭގެ މެޗުގައި އެތުލެޓިކޯ އިން ޖެހި ހަތަރު ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. އެ ގޮތުން، އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގި ލަނޑަކީ، ހަ ވަނަ މިނިޓްގައި ބާސެލޯނާގެ އެރިކް ގާސިއާ އަތުން ބައިކޮޅަށް ޖެހި ގޯލެކެވެ. އެ ގޮތުން، އެރިކް ގާސިއާ ފަހަތަށް އެ ޓީމުގެ ކީޕަރު، ޖޮއާން ގާސިއާ އަށް ދިން ބޯޅަ އޭނާ ފައި ދަށުން ގޮސް ވަނީ ގޯލަށެވެ.
މެޗުގެ 14 ވަނަ މިނިޓްގައި އެތުލެޓިކޯ އިން ލީޑުފުޅާކުރީ، މި ފަހަރު މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި އަންޓުއާން ގްރީޒްމަން ކާމިޔާބުކުރި ލަނޑުންނެވެ.
އެތުލެޓިކޯ އިން އެޓޭކަަށް ޖެހި ބާސެލޯނާގެ ފަހަތަށް ޕްރެޝަރު ކުުރަމުންދިޔައިރު، މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ޖޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން، ދާދި ފަހުން އެތުލެޓިކޯ އަށް ބަދަލުވި އަޑެމޯލާ ލުކްމަން ޖެހި ގޯލެކެވެ. އަދި، ލުކްމަން ދިން ބޯޅައަކުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އަލްވަރޭޒް ވަނީ އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާގެ ޕައު ކުބާސީ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، އަށް މިނިޓަށް ވުރެން ގިނައިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ މި ލަނޑު ބަލައިނުގަތުމަށެވެ.
ބާސެލޯނާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް، އެތުލެޓިކޯގެ އަލެކްސް ބައޭނާ ހުސްކޮށް ގޯލަށް ބޯޅަ ފޮނުވާލަން ދަނިކޮށް އޭނާ ހުއްޓުވަން ބާސެލޯނާގެ އެރިކް ގާސިއާ ކުރި ފައުލާ އެކު، ވީއޭއާރް އިން ވެސް ޔަގީންކޮށްފައި، އޭނާ އަށް ރަތް ކާޑެއް ދެއްކި އެވެ.
ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބާސެލޯނާ ދަނޑުގައި ކުޅޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
Comment