17 ފެބުރުވަރީ 2026 - 06:49 0
17 ފެބުރުވަރީ 2026 - 06:49 0
ބާސެލޯނާ (ފެބްރުއަރީ 17) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޖިރޯނާ އަތުން 2-1 އިން ބަލިވެ، ބާސެލޯނާ އަށް ލީގު ތާވަލުގެ އެއް ވަނަ މަގާމު ގެއްލިއްޖެ އެވެ.
ސްޕެނިޝް ލީގުގައި ރޭގެ މެޗުތަކަށް ފަހު އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 24 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އަދި، ދެ ވަނައިގައި ބާސެލޯނާގެ އޮތީ 24 މެޗުން 58 ޕޮއިންޓެވެ.
ޖިރޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތުގައި އެ ޓީމުގެ ލަމީން ޔަމާލް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއީ، ބާސެލޯނާގެ ޑެނީ އޮލްމޯ އަށް އޭރިއާތެރެއިން ޖިރޯނާގެ ޑޭލީ ބްލިންޑް ކުރި ފައުލަކަށް ދިން ޕެނަލްޓީއެެކެވެ.
ބާސެލޯނާ އިން ލީޑުނެގީ 59 ވަނަ މިނިޓްގައި ޕައު ކުބާރްސީ ބޮލުން ޖެހި ގޯލަކުންނެވެ. މިއީ، ޖޫލްސް ކޫންޑޭ ނެގި ހުރަހަކުން ކުބަރްސީ ބޮލުން ޖެހި ގޯލެކެވެ. ބާސެލޯނާ އިން ލީޑުނެގިތާ ދެ މިނިޓް ފަހުން، ތޯމަސް ލެމާ ވަނީ ޖިރޯނާ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ، ވްލަޑިސްލާވް ވާނާޓް ނެގި ހުރަހަކަށް އަރައި ލެމާ ޖެހި ގޯލެކެވެ.
ސްޕެނިޝް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ދާދި ފަހުން ބަލިވި ބާސެލޯނާ ރޭގެ މެޗުން ބަލިވީ 86 ވަނަ މިނިޓްގައި ޖިރޯނާގެ ފްރާން ބެލްޓްރާން ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.
އިތުރު ވަގުތުގައި ބާސެލޯނާ އިން ލަނޑެއް ޖެހި ނަަމަވެސް ރޮބަޓް ލެވަންޑޯސްކީ އޮފްސައިޑްގައި ހުރުމުން ބަލައެއްނުގަތެވެ. ޖިރޯނާ އިން ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލަން ޖެހުނީ، އިތުރު ވަގުތުގައި ޖޮއެލް ރޮކާ، ހާފުގެ މެދެއްހާ ހިސާބުން ޔަމާލަށް ކުރި ނުރައްކާތެރި ފައުލަށް ވަނީ ރަތެއް ދައްކައިފަ އެވެ.
Comment