Advertisement

މީރު ބައިޓްސްގެ ދެވަނަ ސީޒަން މިއަދު ފަށަނީ

28 މާރިޗު 2023 - 14:12 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މީރު ބައިޓްސްގެ ދެވަނަ ސީޒަން މިއަދު ފަށަނީ

28 މާރިޗު 2023 - 14:12 0

މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަދި ޝެފް، އާމިނަތު މައުރީނާ (މައު) އާ އެކު ކޮންމެ ރޯދަ މަހަކު ވެސް "އަދަދު" އިން ގެނެސްދޭ 'މީރު ބައިޓްސް' ގެ ދެވަނަ ސީޒަން މިއަދު ފެށުމަށް ތާވަލުކޮށްފި އެވެ.

މީރު ބައިޓްސް އަކީ ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ ކައްކާ ޝޯ އެކެވެ. މިފަހަރުގެ ސީޒަންގައި ވެސް މުޅިން ތަފާތު ދިވެހިންގެ ރަހަތަކާއި ގުޅޭ ރެސިޕީތައް ހިމެނިފައި ވާނެ ކަމަށް "އަދަދު" ގެ ކުރިއޭޓިވް ޓީމުން ބުނެ އެވެ.

ޖުމުލަ ދިހަ ޝޯ ހިމެނޭ މިއަހަރުގެ ސީޒަން ޝޫޓުކޮށްފައި ވަނީ އެންމެ ހަފުތާއެއްގެ ތެރޭގަ އެވެ. މީރު ބައިޓްސް މި ރޯދަ މަހު ދައްކާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:30 ގައެވެ.

މިފަހަރުގެ ޕުރޮގުރާމުގައި ވެސް ފޮނި ކާތަކެތީގެ އިތުރުން ކުޅި ރަހަތައް ވެސް ހިމެނޭނެ އެވެ. އޭގެތެރެއިން ގިނަ ރެސިޕީތައް ހިޔާރުކޮށްފައި ވަނީ، ތައްޔާރު ކުރަން ފަސޭހަ އެއްޗެއްސަށް ބަލައިގެން ކަމަށް މައު ބުންޏެވެ.

"ރެސިޕީތައް ނަގާފައި އެހުރީ އަސްލު ވީހާވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެއްސަށް ބަލާފައި، ވީހާވެސް ހަރަދު ކުޑަކޮށް ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބަލައިގެން،" އޭނާ ބުންޏެވެ.

މައު ބުނީ ރެސިޕީތަކުގައި ހިމަނާފައި ވަނީ އާންމުކޮށް ދިވެހިން ކައި އުޅޭ ރަހަތަކުގެ ޑިޝްތައް ކަމަށެވެ. އެގޮތުން އިޓާލިއަން އަދި އިންޑިއަން ބައެއް ރަހަތައް އޭގެތެރޭގައި ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.

"އާންމުކޮށް މިފެންނަ ވައްތަރުތަކުގެ ޑިޝްތައް ވެސް ހުންނާނީ ދިވެހިންނަށް އެންމެ ކަމުދާނެ ގޮތަށް ރަހަތައް ހެޔޮވަރުކޮށްފައި، މިސާލަކަށް އިޓާލިއަން ރެސިޕީތަކަކީ އެހައި ކުޅި އެއްޗެއްސެއް ނޫން، އެހެންވެ މައު ހުންނާނީ ދިވެހިންނަށް ކަމުދާނެ ގޮތަށް ރަހަ ހެޔޮވަރު ކޮށްފައި،" އޭނާ ބުންޏެވެ.

މީރު ބައިޓްސްގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ ތަފާތު ގިނަ ޕުރޮގުރާމުތައް ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބުން ދައްކަމުން ދާނެ އެވެ.

މި ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އޮންލައިނުން ވަނީ ޖުމްލަ ހަ ޝޯއެއް ތައްޔާރުކޮށްފަ އެވެ. މީރު ބައިޓްސް އަކީ މިދިޔަ އަހަރު ވެސް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ އެއް ޕުރޮގުރާމެވެ.

މިއަހަރުގެ މީރު ބައިޓްސް ސްޕޮންސާ ކޮށްފައި ވަނީ އެމްއެޗްއޭ އިންނެވެ.