20 މާރިޗު 2023 - 20:02 0
މުހައްމަދު ޝަހްޒާން
ކުރޮޕް ތަކާފުލް ތައާރަފު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މިރާން ނާޝިމް / އަދަދު
20 މާރިޗު 2023 - 20:02 0
އެލައިޑު އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް "ކްރޮޕް ތަކާފުލް" ހިދުމަތް ދޭން ފަށައިފި އެވެ.
އެ ޕޮލިސީ ތައާރަފު ކުރުމަށް މިއަދު އެލައިޑު އިންޝުއަރެންސްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު، އިބްރާހިމް ފިރުޝާން ވިދާޅުވީ ކްރޮޕް ތަކާފުލް އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ ހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާނެ ކަމަށާއި މައި އެލައިޑު ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތަށް އެދެވޭނެ ކަމަށެވެ. އަދި, އެކަމަށް ހިނގާނެ ހަރަދު ބަލައިލަން ބޭނުންވެއްޖެ ހާލަތެއްގައި އެ ޕޯޓަލުން އަގު ބަލާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި ހަމައެކަނި ކަވަރޭޖު ހަމަޖެހިފައި ވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބޭ ގެއްލުންތަކަށް، މި ޕޮލިސީ އަޅުގަނޑުމެން ތައާރަފު ކުރީ ވަރަށް ގިނަ ދަނޑުވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައިފައި،" ފިރުޝާން ވިދާޅުވި އެވެ.
މިވަގުތަށް ހަމައެކަނި ގުދުރަތީ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުމަށް ކަވަރޭޖު ދިނުމަށް ހަމަޖެހިފައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ކަންކަމަށް ވެސް ދަނޑުވެރިންނަށް ކަވަރޭޖުތައް ތައާރަފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕޮލިސީއާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އަޔާދީ ތަކާފުލްގެ މެނޭޖަރު، ފާތިމަތު ނިޒްމާ ވިދާޅުވީ ކްރޮޕް ތަކާފުލް ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި ގުދުރަތީ ހާދިސާއެއްގައި ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާ އެކު ފޮޓޯ ހުށަހެޅުމުން ބަދަލު ހަމަޖެހިގެންދާނެ ކަމަށެވެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރޮޕް ތަކާފުލްއަކީ ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭ ހިދުމަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެލައިޑު އިންޝުއަރެންސުން މިހާރުވެސް ދަނީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށްދީ މުދާ ރައްކާތެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.
Comment