15 ފެބުރުވަރީ 2026 - 18:51 0
ލީވާން އަލީ ނާސިރު
ސިމްޑީގެ ކުރިފްރެޝް ފިހަރަގައި އެ ކުންފުނީގެ މުވައްޒަފުންނާއި އެގްރިކަލްޗާ މިނިސްޓްރީގެ ވެރިން. -- ފޮޓޯ: ސިމްޑީ
15 ފެބުރުވަރީ 2026 - 18:51 0
ސިމްޑީ ގްރޫޕުގެ "ކުރިފްރެޝް" ގެ ފުރަތަމަ ފިހާރަ މާލޭގައި މިއަދު ހުޅުވައިފި އެވެ.
މިއީ ސިމްޑީ ގްރޫޕުން ށ. އޭކަސްދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއުގެ ދަށުން އުފައްދާ ތާޒާ އަދި މަތީ ފަންތީގެ މޭވާއާއި ތަރުކާރީ އާންމު ގޭބިސީތަކަށާއި، ރިސޯޓުތަކަށާއި، ރެސްޓޯރަންޓް ފަދަ ހޮސްޕިޓާލިޓީ ދާއިރާގެ ވިޔަފާރިތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުވި ފިހާރައެކެވެ.
މިއަދު ބޭއްވި ހާއްސަ ހަފުލާގައި ފިހާރަ ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަޒްމީ އަދުނާނާއި، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު އަނީސެވެ.
ކުރިފްރެޝް ބްރޭންޑަކީ ބޭރު ގައުމުތަކުން ފެންނަ ފަދަ މަތީ ފަންތީގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ.
މިއީ ސިމްޑީ ގްރޫޕުގެ ޗެއާމަން އިބްރާހީމް މުހައްމަދު ދީދީ އާއި ސީއީއޯ ޑރ. މަރިޔަމް ޝަކީލާގެ ދުރުވިސްނުމުގެ ދަށުން، ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފެށި މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ށ. އޭކަސްދޫގައި ގްރީންހައުސްތަކާއި ހައިޑްރޯޕޮނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ މި މަސައްކަތުގެ ސަބަބުން، ތަކެތީގެ ތާޒާކަން ނުގެއްލި ކުރު މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސިމްޑީ ގްރޫޕުން ބުންޏެވެ.
ކުރިފްރެޝް ފިހާރައިން މީހަކު ވިޔަފާރި ކުރަނީ
ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިބްރާހީމް މުހައްމަދު ދީދީ އާއި، އެ ގްރޫޕުގެ ޖެނެރަލް މެނޭޖަ ޔޫޝައު ސައީދު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނީ ކުރިފްރެޝް އަކީ މަތީ ފެންވަރަކަށް ރާއްޖޭގެ އުފެއްދުންތައް ތަރައްގީކުރުމަށް ކުރާ އިތުބާރު ހުރި މަސައްކަތުގެ ރަމްޒެކެވެ.
"މިއީ ދުނިޔޭގެ 200 އަށްވުރެ ގިނަ ބްރޭންޑާއި، 15،000 އަށްވުރެ ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ސިމްޑީ ގްރޫޕުން، ދިވެހި ބާޒާރަށް ފެންވަރު ރަނގަޅު އުފެއްދުންތައް ތައާރަފުކުރުމަށް ކުރާ މަސައްކަތަށް އިތުރުވި ކުރިއެރުމެއް. މިއީ ކުރިމަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް ރޭވިފައިވާ ކުރިފްރެޝްގެ ގިނަ އައުޓްލެޓްތަކުގެ ތެރެއިން ފުރަތަމަ ފިޔަވަޅު،" ބަޔާނުގައިވެ އެވެ.
ސްޓޭޓް މިނިސްޓަރު އަޒްމީ ވަނީ ސިމްޑީ ގްރޫޕުން ކުރިފްރެޝް އައުޓްލެޓް ހުޅުވުމަށް އިސްނެގި ނެގުމަށް ތައުރީފު ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ތާޒާ އުފެއްދުންތައް ލިބުމަށް މަގުފަހިވެ، ދަނޑުވެރިކަން ކުރިއެރުވުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި އައުޓްލެޓް ހުޅުވުމަކީ ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ތާޒާ ތަރުކާރީ އާއި މޭވާ ލިބުމަށް އެޅުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ސިމްޑީން ބުނެ އެވެ.
މި ފިހާރަ ހުންނަނީ، ހ. ޝެލްފްލާވާގަ އެވެ.
Comment