Advertisement

ރަށު ނޯޓު: ރ. އަނގޮޅިތީމު

11 މާރިޗު 2023 - 18:04 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރ. އަނގޮޅިތީމު. މި ރަށުގެ ބިމު އަޑިން ތާރީހީ ތަކެތި ފެނިފައިވޭ. -- ފޮޓޯ: އައިލްސް


ރަށު ނޯޓު: ރ. އަނގޮޅިތީމު

11 މާރިޗު 2023 - 18:04 3

ރަށުގެ ބިމު އަޑިން ފެނިފައިވާ ތަކެތިން އެ ރަށުގެ މާޒީ ތިލަވެ، ތާރީހީ އެތައް ވާހަކައެއް ބުނެދެ އެވެ. އަދި އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު، އިސްލާހަށް އަޑު އުފުލި ޒުވާން މުހައްމަދު ނަޝީދު (އަންނި) އަރުވައިލި ރަށެވެ.

މި ފަހަރުގެ ރަށު ނޯޓު ސީރީޒްގައި ގެނެސްދޭނީ ރ. އަތޮޅު އަނގޮޅިތީމު ވާހަކަ އެވެ.

އެއީ ބޮޑުމިނުގައި 43 އެކްޓަރު، އާބާދީގައި 530 ވަރަކަށް މީހުން އުޅޭ ރަށެކެވެ. އެއީ 277 އަންހެނުންނާއި 260 ފިރިހެނުންނެވެ. ރަށުގައި އާންމުކޮށް ދިރިއުޅޭ އާބާދީއަކީ 400 އެވެ.

ރަށުގެ އާބާދީ މިހާރު މަދުވިޔަސް، ތާރީހުން ފެންނަން އޮތީ، އެއީ ބޮޑު އާބާދީއެއް އުޅެފައިވާ ރަށެއް ކަމެވެ. ބޮޑު ހަތް ގަބުރުސްތާނު އެ ރަށުން ފެނިފައިވެ އެވެ. އަދި ތާރީހީ ގޮތުން ފާހަގަ ކޮށްލެވޭ ގާފޮޅުތަކާއި ތާރީހީ މުހިންމު ބިނާތަކެއް ފެނިފައިވެ އެވެ. ބުޑިސްޓު ފައްޅީގައި ހުންނަ ބާވަތުގެ އެކި ތަކެތި ބިމުގެ އަޑިން ފެނިފައިވެ އެވެ.

ދެހާސް ނުވަ ވަނަ އަހަރު އެ ރަށުގެ ގޯއްޗެއްގައި މަސައްކަތެއް ކުރަން ކޮންނަ ނިކޮށް ތާރީހީ ބިނާއެއް ފެނިފައިވެ އެވެ. ހިރިގަލުން ހަދާފައިވާ އެ އެއްޗަކީ ބުދު ދީނުގެ މީހުން އެކި ކަންކަމަށް އެދިގެން ނަދުރު ބުނުމަށް ފަހު، އެ ނަދުރެއް ފުދުމުން އެކަން ރަމްޒުކުރުމަށް ހަދާ އެއްޗެކެވެ. މިއީ އެރަށުގައި މީގެ އެތައް ގަރުނެއް ކުރިން މީހުން ވަޒަންވެރިވެ، އަދި ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް ދިވެހިންގެ އަސްލު ބުނެދޭ ތަކެއްޗެވެ.

2009 ގައި އަނގޮޅިތީމުން ފެނުނު ތަކެތި


ދިރިއުޅެން ދަތި އަނގޮޅިތީމަށް ނަޝީދު އަރުވާލީ ވެލާނާގެ ހުރި ބިމުގައި މިހާރު އެ ހުރި އޮފީސް އިމާރާތް އެޅުމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ތަޅާލުމަށްޓަކައި ތަން ސާފުކުރިއިރު، ނެރެފައި ހުރި ކުނިތަކުގެ ތެރެއިން ނެގި ކަރުދާސްކޮޅަކީ ވައްކަމެއް ކަމަށް ސަރުކާރުން ހެދުމުންނެވެ. ނަތީޖާއަކަށްވީ މަޖިލީހުގެ ގޮނޑި ގެއްލި ދެ އަހަރާއި ހަ މަހަށް ނަޝީދު އަރުވާލުމެވެ.

އެ ހިތާމަވެރި ދުވަސްވަރު އަނގޮޅިތީމުން އުފާވެރިކަން ގެނެސްދިން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، 2019 ގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި ވިދާޅުވެފައިވެ އެވެ.

"ރައީސް ނަޝީދު އަރުވާލަފައި ހުރީ އަނގޮޅިތީމަށް ވީތީ، އަނގޮޅިތީމުގެ ތަރައްގީއަށް ހުރަސް އަޅާފަ ހުރި ކަމުގެ ޝަކުވާ ލިބޭ،" ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޖުލައި 2019 ގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އަނގޮޅިތީމުގައި އަސާސީ ބައެއް ހިދުމަތްތައް ވެސް ނެތެވެ. މަސްވެރި އެ ރަށުގެ ބަނދަރުގެ ދަތިކަން ބޮޑެވެ. މި ސަރުކާރުން ބަނދަރު ތަރައްގީކުރަން 40 މިލިއަން ރުފިޔާގެ މަޝްރޫއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ކަރަންޓުގެ ހިދުމަތް ދޭއިރު، ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ.

ރަށު އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަމެކެވެ. އޭގެ އިތުރުން ދަނޑިވެރިކަމާއި ފަންގިވިނުމާއި އިމާރާތްކުރުމުގެ މަސައްކަތް ކުރެ އެވެ. އެރަށުގައި ދެ މަސް ދޯންޏާއި 13 ކުދި ދޯންޏާއި 13 ޑިންގީ ދުއްވަ އެވެ. ހަތް ފިހާރަ ހުންނައިރު، ދެ ކެފޭ ހުރެ އެވެ. ތެލާއި ގޭސް ވިއްކާ ދެ ތަނެއް ހުރެ އެވެ.

ރަށު ސްކޫލުގައި ގުރޭޑު 10 އަށް ކިޔަވައިދޭއިރު، ސިއްހީ މަރުކަޒެއް ހުރެ އެވެ.

މިވަގުތު ގެސްޓު ހައުސްއެއް ނެތަސް، އެއީ ތާރީހާއި ސަގާފަތް ދައްކުވައިގެން ލޯކަލް ޓޫރިޒަމް ތަރައްގީ ކުރެވިދާނެ ރަށެވެ.