28 ފެބުރުވަރީ 2023 - 11:02 0
އާމިނަތު ނިއުޝާ
ވ. އަންބަރާ --
28 ފެބުރުވަރީ 2023 - 11:02 0
ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ވ. އަންބަރާގެ ވެއްޓަށް ލިބޭ ގެއްލުމަށް އެ ރިސޯޓު ހަދާ ކުންފުނިން ޒިންމާވާން ނުޖެހޭނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.
އީޕީއޭއިން މިހެން ބުނެފައިވަނީ ރިސޯޓު ތަރައްގީކުރަމުން އަންނަ އަންބަރާގެ ތިމާވެއްޓަށް ގެއްލުންވަމުންދާތީ ވ. ތިނަދޫ ކައުންސިލުން އެ އެޖެންސީއަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ފޮނުވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ކައުންސިލުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ އެޖެންސީއިން އަންބަރާއަށް ގޮސް ބެލި ބެލުމުން އީއައިއޭއާ ހިލާފަށް ބައެއް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަަވެސް އަންބަރާގެ ވެއްޓަށް ލިބިފައިވާ ގެއްލުންތަކަކީ އެތަނުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަމުން އަންނަ ކުންފުނިން ދީފައިވާ ގެއްލުމެއްކަން ސާބިތުވެފައި ނުވާތީ، އެ ގެއްލުންތަކަށް އެފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ތިނަދޫ ކައުންސިލުގެ ރައީސް ހުސެން ޝިފާގް "އަދަދު"އަށް ވިދާޅުވީ، އެ ރަށަކީ "ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކަށް ރިސޯޓު ތަރައްގީކުރުމަށް ދީފައިވާ ރަށެއް ކަމަށެވެ.
އެގޮތުން އެތަނުގައި ހުރި އިމާރާތެއް ތަޅާލުމަށް ފަހު ރަށުގެ ކަނޑޫފާގެ ތެރެއަށް އަޅާލުމާއި، ކަނޑޫ ގަސްތައް ކީހަކުން ބުރިކޮށް އެތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝިފާގް ވިދާޅުވި އެވެ.
"މައްސަލަ ބެލުމަށް ފަހު ފޮނުވި ޖަވާބުގައި ބުނެފައި އެބަވޭ އީއައިއޭ ރިޕޯޓާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަމަށް. އެކަމަކު އެތަނަށް ލިބިފައިވާ ގެއްލުމަށް ރިސޯޓު ހަދާ ފަރާތުން ޒިންމާވާން ނުޖެހޭ ކަމަށް. އެކަމަކު އެބޭފުޅުން އެތަން ހަލާކުކޮށްފަ މިއޮތީ," ޝިފާގް ވިދާޅުވި އެވެ.
އަންބާރާ އަކީ ފުރަތަމަ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް 2004، ގައި ދޫކުރި ރަށެކެވެ. ނަމަވެސް އެ އެގްރިމެންޓު ބާތިލުކޮށް އަންބަރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 2016، ގައި ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް"އަށް ކުއްޔަށް ދޫކުރި އެވެ. ނަމަވެސް، ރިސޯޓް ތަރައްގީކުރުމުގެ އަމަލީ މާބޮޑު މަސައްކަތެއް އެ ރަށުގައި ފަށާފައި ނުވެ އެވެ.
ދެ ރަށުގެ މަސައްކަތް ކުރިއަށް ނުދާތީ، އެ ދެ ރަށް އަތުލުމުގެ މަސައްކަތް ވ. އަތޮޅު ކައުންސިލުން ވަނީ ފަށާފަ އެވެ.
Comment