Advertisement

ސްޓެމް ފެއާގެ އެއްވަނަ އިސްކަންދަރަށް

4 މާރިޗު 2023 - 19:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސްޓެމް ފެއާގެ އެންމެ މޮޅު ސްކޫލުގެ މަގާމު ހޯދި އިސްކަންދަރު ސްކޫލުން އިނާމާ ހަވާލު ވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސްޓެމް ފެއާގެ އެއްވަނަ އިސްކަންދަރަށް

4 މާރިޗު 2023 - 19:27 0

ސްޓެމްގެ މާއްދާތަކަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފި އެވެ.

ހަތް ސްކޫލަކުން ބައިވެރިވި އެ ފެއާގެ އެއް ވަނަ އިސްކަންދަރުން ހޯދައިފައިވަނީ ފެއާއަށް ކަނޑައެޅި ތިން އުމުރުފުރާއިން ވެސް ގިނަ ވަނަތަކެއް ހާސިލުކޮށްގެންނެވެ.

އެންމެ ހަގު އުމުރުފުރާއިންނާއި އެންމެ ދޮށީ އުމުރުފުރާއިން އެއް ވަނަ އެ ސްކޫލުން ހޯދިއިރު، އެންމެ ހަގު އުމުރުފުރާއިންނާއި މެދު އުމުރުފުރާ އަދި އެންމެ ދޮށީ އުމުރުފުރާއިން ވެސް ދެ ވަނަ ހޯދައިފައި ވަނީ އިސްކަންދަރު ސްކޫލުންނެވެ.

އޭގެ ތެރެއިން އެންމެ ހަގު އުމުރުފުރާގެ ދެ ވަނަ ތިން ޕްރޮޖެކްޓަކަށް ލިބުނެވެ. އެއީ ދެ އިސްކަންދަރު ސްކޫލުން ތައްޔާރު ކުރި ދެ ޕްރޮޖެކްޓާއި މަޖީދިއްޔާ ސްކޫލުން ތައްޔާރު ކުރި ޕްރޮޖެކްޓެކެވެ.

ސްޓެމް ފެއާގެ އެއްވަނައަށް އރީދޫ މޯލްޑިވްސްއިން ހުށަހަޅާފައި ވަނީ 50،000ރ. ގެ ފައިސާގެ އިނާމެވެ. އެ އިނާމު އިސްކަންދަރު ސްކޫލުގެ ކެޕްޓަނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ އެވެ.

އިސްކަންދަރު ސްކޫލުގެ އިތުރުން ދެން އެންމެ ގިނަ ވަނަ ހާސިލު ކޮށްފައި ވަނީ ގިޔާސުއްދީން ސްކޫލުންނެވެ. އެ ސްކޫލަށް ދެ އުމުރުފުރާއަކުން ޖުމްލަ ތިން ވަނައެއް ލިބުނެވެ.

ސްޓެމް ފެއާގެ އެންމެ ހަގު އުމުރުފުރާއިން އެއްވަނައަށް ހޮވުނު އިކޯ ފާމް. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ސްޓެމް ފެއާގެ ތިން އުމުރުފުރާގެ ވަނަތައް:

ނޮވިސް ކެޓެގަރީ (އެންމެ ހަގު އުމުރުފުރާ)

  • އެއްވަނަ: އީކޯ ފާމް - އިސްކަންދަރު ސްކޫލް
  • ދެވަނަ: ވޭސްޓު އިލެކްޓުރިކްސިޓީ، އެއާ ޕޮލިއުޝަން ޑިޓެކްޓާ - އިސްކަންދަރު ސްކޫލް އަދި ބައިސިކަލް އޮޕަރޭޓެޑް ވެންޑިން މެޝިން - މަޖީދިއްޔާ ސްކޫލް
  • ތިންވަނަ: ސޯލާ ޑީހައިޑުރޭޓް - ގިޔާސުއްދީން ސްކޫލް

ޖޫނިއާ ކެޓެގަރީ (މެދު އުމުރުފުރާ)

  • އެއްވަނަ: ވޭވް ބެރިއާ - ގިޔާސުއްދީން ސްކޫލް
  • ދެވަނަ: އޮއިވަށި - އިސްކަންދަރު ސްކޫލް
  • ތިންވަނަ: މޮޑަނައިޒްޑް ޒިބްރާ ކްރޮސިން - ކަލާފާނު ސްކޫލް އަދި ވޭވް އެނާޖީ ބޮއި - ގިޔާސުއްދީން ސްކޫލް

ސީނިއާ ކެޓެގަރީ (ދޮށީ އުމުރުފުރާ)

  • އެއްވަނަ: އެކުއަޕޯނިކްސް - އިސްކަންދަރު ސްކޫލް
  • ދެވަނަ: މަންފާ - އިސްކަންދަރު ސްކޫލް
  • ތިންވަނަ: ކޮކޮނަޓް ސައިންސް - މަޖީދިއްޔާ ސްކޫލް އަދި އިލެކްޓުރިކްސިޓީ ފްރޮމް ފްލައި ވީލް - ކަލާފާނު ސްކޫލް

ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމަށާއި ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުމަށް އުރީދޫއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ފެއާއަށް ވަރަށް އީޖާދީ ޕްރޮޖެކްޓުތައް ދަރިވަރުން ތައްޔާރުކޮށްފައިވެ އެވެ.

އެގޮތުން އެންމެ ހަގު އުމުރުފުރާއިން އެއްވަނަ ހޯދި އީކޯ ފާމަކީ ވާރޭ ފެނާއި އާންމު ދިރިއުޅުމުގައި ތަށިދޮވެ އަތްދޮވުމަށާއި ފާހާނާގައި ބޭނުން ކުރާ ފެން ފިލްޓަރު ކޮށްގެން ގަސްތަކަށް ފެންދެވޭނެ އޮޓޮމޭޓެޑް ނިޒާމެކެވެ. އެ ޕްރޮޖެކްޓު ފަރުމާ ކޮށްފައި ވަނީ އިރުގެ އަވިން ހަކަތަ އުފައްދައިގެން ފިލްޓަރިން ޕްރޮސެސް ކުރިއަށް ގެންދެވޭނެ ގޮތަށެވެ.

މެދު އުމުރުފުރާއިން އެއްވަނަ ހޯދި ވޯޓާ ބެރިއާ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މެދު އުމުރުފުރާއިން އެއް ވަނަ ހޯދި ވޭވެ ބެރިއާއަކީ އުދަ އެރުމާއި ސުނާމީގެ ބިޔަ ރާޅުތައް ވެސް ހުއްޓުވާލެވިދާނެ ފަދަ ގާބިލުކަމެއް ލިބިފައިވާ ޑިޒައިނެކެވެ. އެ ޕްރޮޖެކްޓު ތައްޔާރު ކުރި ދަރިވަރުން ބުނީ އެބާވަތުގެ ތަފާތު މޮޑެލްތައް ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެ މޮޑެލް ތައްޔާރުކޮށްފައި ވަނީ މިހާރު މާލެ ސަރަހައްދު ވަށައިގެން ޖަހާފައި ހުރި ބަޖިޔާ ގާތުގެ ބަދަލުގައި ބޭނުން ކުރެވޭނެ ފަދަ ގޮތަކަށެވެ.

އެންމެ ދޮށީ އުމުރުފުރާއިން އެއް ވަނަ ހޯދި އެކުއާ ޕޯނިކްސްއަކީ މަސްފެންގަނޑުގައި ހުންނަ މަހުގެ ނަޖިސް ޕަންޕަކުން ދަމާލައިގެން ގެންގޮސް ގަސްތަކަށް ކާނާގެ ގޮތުގައި އެފެނާއި ނަޖިސްތައް ފޮނުވާލަދޭ ފިލްޓަރު ސިސްޓަމެކެވެ. އެ ފިލްޓަރު ސިސްޓަމު ޑިޒައިން ކޮށްފައި ވަނީ އާންމުކޮށް ގޭގޭގައި ހުންނަ މަސް ޓޭންކުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ. އެކުއަޕޯނިކްސް ޕްރޮޖެކްޓު ތައްޔާރު ކުރި ދަރިވަރުން އިންދާފައި ހުރީ ލެޓިއުސް އެވެ.

އެންމެ ދޮށީ އުމުރުފުރާއިން އެއްވަނަ ހޯދި އެކުއަޕޯނިކްސް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ފެެއާއަކީ އެޑިއުކޭޝަން މިނިސްޓަރީ އާއި ވިމެން އިން ޓެކް ގުޅިގެން ކުރިއަށް ގެންދިޔަ ފެއާ އެކެވެ.

ސްޓެމް ފެއާއަކީ މީގެ ދަހަރުތަކެއް ކުރިން ބާއްވަމުން އައި ސައިންސް ފެއާއަށްފަހު ބޭއްވި މިފަދަ ފުރަތަމަ ފެއާ އެވެ.

އެ ފެއާ ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އުރީދޫ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވިދާޅުވީ އެ ފެއާ ބޭއްވުމުގެ މަގުސަދު ހާސިލުވެއްޖެ ކަމަށާއި ކޮންމެ އަހަރަކު ވެސް މި ފެއާ އަދި މިއަށްވުރެ މާ ފުރިހަމައަށް ބާއްވަމުން ގެންދާނެ ކަމަށެވެ.